ްފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ
21 ޖެނުއަރީ 2019 - 09:16
ޕެރިސް (ޖެނުއަރީ 21) - ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެންމެ ކުޅެން ބޭނުންވާ ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް އޭނާގެ އެޖެންޓާ ހަވާލާދީ ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން މޮނާކޯ ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ބަދަލުވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީން ލޯން އެއްބަސްވުން މިދިޔަ އަހަރު ދާއިމީކުރިއިރު، އެމްބާޕޭ ހޯދަން އެހެން ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ރެއާލް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމްބާޕޭގެ އޭޖެންޓް ޔޯސެފް މާރިއާ މިންގޭލާއާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމްބާޕޭ ކުޑައިރުއްސުރެ ވެސް އެންމެ ކުޅެން ބޭނުންވާ ކްލަބަކީ ރެއާލް އެވެ.
ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީން 9-0 އިން ގުއިންގެމްޕް އަތުން މޮޅުވި މެޗުގައި އެމްބާޕޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ މެޗަށް ފަހު އެމްބާޕޭ ވަނީ މީޑިއާގައި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވެމުން އަންނަ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
"މި ވަގުތު އަހަރެން ޕީއެސްޖީގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް 2021 އަށް. އެހެންވީމަ މި ވަގުތު އެހެން ކްލަބްތަކަށް ބަދަލުވާ ވާހަކަ ދައްކަން އެންމެ ރަނގަޅެއް ނޫން،" އުމުރުން 20 އަހަރުގެ އެމްބާޕޭ ބުންޏެވެ.
"މި ވަގުތު އުފަލުން ހުއްޓަސް ކުރިއަށް އޮތްތަނުގައި ވާނެގޮތެއް ބުނާކަށެއް ނޭނގޭ. ރެއާލަކީ ވަރަށް ގިނަ މަޝްހޫރު ކުޅުންތެރިން ކުޅެފައިވާ ދުނިޔޭގެ އެންމެ ބޮޑު ކްލަބް."
ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ކޯޗަކަށް ޒިނެދިން ޒިދާން ހުރިއިރު އޭނާ ވަނީ އެމްބާޕޭގެ ސޮއި ހޯދަން އެ ކްލަބްގެ ވެރިންނަށް އަންގައިފަ އެވެ. އެކަމަކު އޭރު ރެއާލުގެ ވެރިން އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގައި ހުރުމުންނެވެ. އެކަމަކު މިހާރު ރެއާލުން އަމާޒުހިފާފައިހުރީ އެ ޓީމުން މުސްތަގުބަލަށް ބިނާކުރާ ޓީމު ލީޑުކުރަން އެމްބާޕޭ ގެނައުމަށް ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
ޕީއެސްޖީން ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ބުނެ އެ ޓީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ޔުއެފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. ޕީއެސްޖީގެ މައްޗަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެ ކްލަބްގެ ހަރަދުތައް އޮންނަ އުސޫލުގެ ތެރެއިން ފެއްތުމަށް އެމްބާޕޭ ނޫނީ ނޭމާ ވިއްކާލަން ޖެހުމުގެ ބިރު އެ ޓީމަށް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy