މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ
27 ޖެނުއަރީ 2019 - 08:56
ބުއެނޯޒް އެރީޒް، އާޖެންޓީނާ (ޖެނުއަރީ 27) - އަމިއްލަ ސަބަބުތަކާ ހުރެ މި ވަގުތު ގައުމީ ޓީމާ ދުރުހުރި ލިއޮނަލް މެސީ އަލުން ޓީމާ ގުޅޭނެ ކަމަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
މިދިޔަ ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުން މެސީ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ވޯލްޑް ކަޕްގެ ފަހުން އާޖެންޓީނާ އިން އެ ޓީމުގެ ކޯޗުގެ މަގާމަށް ކުރީގެ ކުޅުންތެރިން ސްކަލޯނީ ގެނައިރު، އޭނާގެ ބެލުމުގެ ދަށުން މިހާތަނަށް އާޖެންޓީނާ ކުޅުނު މެޗުތަކަށް ނެގި ސްކޮޑުގައި މެސީ ނުހިމެނެ އެވެ.
މެސީ މި ވަގުތު ޓީމަށް ނުކުޅެނީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ބުނެފަ އެވެ. އަދި މި އަހަރު ބްރެޒިލްގައި އޮންނަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީ ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މާޗް މަހު ވެެނެޒުއޭލާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނަގާ އާޖެންޓީނާގެ ސްކޮޑުގައި މެސީ ހިމެނުމަށް ސްކަލޯނީ ވަނީ އޭނާއާ މަޝްވަރާކޮށްފަ އެވެ. ސްކަލޯނީ ބުނީ މެސީ އަލުން ގައުމީ ޓީމުން ފެންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"މާޗް މަހު ކުޅޭ މެޗަށް ނަގާ ޓީމުގެ ލިސްޓު ފައިނަލް ކުރުމުގެ ކުރިން އަހަރެމެން މެސީއާ އަދި އެއް ފަހަރު މަޝްވަރާ ކުރާނަން. އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތުގައި. އަހަރެމެން އުއްމީދުކުރަނީ އޭނާ އަލުން ޓީމަށް ކުޅޭނެކަމަށް. އެކަމަކު އެކަން ކުރާނީ އޭނާ ހިތްހަމަ ޖެހޭނަމަ،" ސްކަލޯނީ ބުންޏެވެ.
އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ހިމެނެނީ ކޮލަމްބިއާ އާއި ޕެރަގުއޭ އަދި ގަތަރާ އެކު ގްރޫޕް ބީގަ އެވެ. މުބާރާތް ބާއްވާ ބްރެޒިލް އޮތީ ބޮލިވިއާ އާއި ވެނެޒުއޭލާ އަދި ޕެރޫއާ އެކު ގްރޫޕް އޭގަ އެވެ. ތިން ވަނަ ގްރޫޕްގައި އޮތީ އުރުގުއޭ އާއި ޖަޕާން އަދި އެކުއެޑޯގެ އިތުރުން އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ އެވެ.
އާޖެންޓީނާ އަކީ އެންމެ ފަހުން ދެ ފަހަރުގެ މުބާރާތުގެ ރަނަރަޕެވެ. މެސީ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ކްލަބް ލެވެލްގައި ހޯދާ ކާމިޔާބީ ގައުމީ ޓީމާ އެކު ތަކުރާރު ނުކުރެވޭތީ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ މެސީ އަލުން ގައުމީ ޓީމަށް އައިސްފިނަމަ މި ފަހަރުގެ މުބާރާތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
27 January 2019
މެސީ ކޮންމެ މުބާރާތަކަށްފަރު ރިޓަޔާކުރަނީ ސަޕޯޓްއޮތްވަރު ބަލަންތައް؟
ސަނީ
27 January 2019
ނިއުމާމެން ފިލްމުކުޅުމުން ރިޓަޔަރކުރާ ގޮތަށްދޯ؟
ނިއުމާާ
27 January 2019
ކަލެއަށް ކުޅެވެނީ ފްލޮޕް ފިލްމެއްނު؟
ޝަމްް
27 January 2019
މޮޅުވާނެހެން ހީވަންޏާ ޓީމު ފަނިކުރަން ގުޅޭނީ. ކުރިންވެސް ހެދިގޮތަށް.