އޭސީ މިލާނުގެ ގޯލްކީޕަރު ޑޮންނަރުއްމާ.
28 އޯގަސްޓް 2016 - 11:12
ރޯމް (އޮގަސްޓް 28) - އިޓަލީ ގައުމީ ޓީމަށް މިދިޔަ 105 އަހަރުގެ ތެރޭގައި ނެގި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި އޭސީ މިލާނުގެ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ގައުމީ ޓީމުގައި ހިމަނައިފި އެވެ.
އެކުވެރިކަމުގެ މެޗެއްގައި ފްރާންސާ ދެކޮޅަށް ކުޅެން އަދި ވޯލްޑް ކަޕް ކޮލިފައިންގައި އިޒްރޭލާ ދެކޮޅަށް ކުޅެން އާ ކޯޗު ޖިއަމްޕިއެރޯ ވެންޗޫރާ ނެގި ސްކޮޑުން ވަނީ ޑޮންނަރުއްމާގެ އިތުރުން މުޅިން އަލަށް ހަތަރު ކުޅުންތެރިޔަކަށް ވަނީ ފުރުސަތު ދީފަ އެވެ. އެއީ އޭސީ މިލާނުގެ ޑިފެންޑަރު އަލެސިއޯ ރޮމަނޮލީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ އާއި ޖެނޯއާގެ ފޯވާޑް ލެއޮނާޑޯ ޕަވެލޮޓީ އަދި ޓޮރިނޯގެ އަންދްރޭ ބެލޮޓީ އެވެ. މިއީ ކުރިން 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނެވެ.
ޑޮންނަރުއްމާ އަށް ވުރެ އުމުރުން ހަގު ކުޅުންތެރިޔަކަށް އިޓަލީން އެންމެ ފަހުން ފުރުސަތު ދިނީ 1911 ވަނަ އަހަރެވެ. އޭނާގެ އިތުރުން ސްކޮޑުން ފުރުސަތު ދިން ކީޕަރުންނަކީ ކެޕްޓަން ޖިއަންލުއިޖީ ބުފޮން އާއި ލާޒިއޯގެ ފެޑެރިކޯ މާޗެއްޓީ އެވެ. ޖާގަ ގެއްލުނީ ޕީއެސްޖީގެ ސަލްވާޓޯ ސިރިގޫ އަށެވެ.
އިޓަލީ ގައުމީ ޓީމަށް ބުފޮން 1997 ވަނަ އަހަރު ކުޅެން ފެށި ފަހުން އުފަންވި ޑޮންނަރުއްމާ އަކީ ބުފޮންގެ ޖާގަ ކުރިމަގުގައި ފުރާނެ ކަމަށް ބެލެވޭ ކީޕަރެވެ. މިދިޔަ ސީޒަނުގައި އުމުރުން 16 އަހަރުގައި މިލާނުގެ ފުރަތަމަ 11 ގައި ކުޅެން ފެށި ޑޮންނަރުއްމާގެ އަގެއްގެ ގޮތުގައި މިލާނުން ކަނޑައަޅާފައިވަނީ 50 މިލިއަން ޔޫރޯ އެވެ.
ކޯޗިންގައި 40 އަހަރު ހޭދަކޮށްފައިވާ އެކަމަކު ބޮޑު ކާމިޔާބެއް ހޯދިފައިނުވާ ވެންޗޫރާގެ ސްކޮޑުގައި ވަނީ މިދިޔަ ޔޫރޯގައި އެންޓޯނިއޯ ކޮންޓޭ ފުރުސަތު ދިން ގިނަ ކުޅުންތެރިން ހިމަނައިފަ އެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ތަޖުރިބާކާރު ތިން ޑިފެންޑަރުން ކަމަށްވާ އަންދްރޭ ބަރްޒާލީ އާއި ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ހިމެނެ އެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ޔޫރޯގައި ނުކުޅެވުނު ޕީއެސްޖީގެ މާކޯ ވެރާޓީ އާއި މިލާނުގެ ރިކާޑޯ މޮންޓޮލީވޯ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ފޯވާޑުންގެ ތެރޭގައި، މިހާރު ޗައިނާ ލީގަށް ބަދަލުވެފައިވާ ގްރެޒިއާނޯ ޕެއްލޭ އާއި އިންޓަގެ އެޑާގެ އިތުރުން ލާޒިއޯގެ ޗިރޯ އިމޮބިލޭ އަދި ނަޕޯލީގެ އުއްމީދީ ފޯވާޑް މަނޮލޯ ގަބިއަޑިއާނީ ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
29 August 2016
"ދޮންނަ ރުމާ" ސަޅިނަމެއް!