20 މާޗް 2019 - 09:52
ޒިއުރިކް، ސްވިޒަލެންޑް (މާޗް 20) - މިދިޔަ ހޮނިހިރު ދުވަހު ޖަލުގައި ބަންދުކުރި ބަންގްލަދޭޝްގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު އަދި ފީފާގެ ކައުންސިލް މެމްބަރު މަހުފޫޒާ އަކުތަރުގެ ދިފާއުގައި ފީފާ އިން ތެދުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަހުފޫޒާ ޖަލަށް ލާފައިވަނީ، މިދިޔަ މަހު ޓީވީ ޝޯއެއްގައި އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަށް ފާޑުކިޔާފައިވަނިކޮށެވެ. އެ ޝޯ ގައި މަހުފޫޒާ ބުނީ ހަސީނާގެ ވިސްނުންފުޅު ހުރީ ހަމައެކަނި ވަކި ކުޅިވަރުތަކެއް ކުރިއެރުވުމަށް ކަމަށާއި ފުޓްބޯޅަ އަށް ދެނީ ވަރަށް ކުޑަ އަހައްމިއްޔަތުކަމެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީތައް ފާހަގަނުކޮށް ކްރިކެޓަށް ވަރަށް ބޮޑަށް ސަރުކާރުން ހޭދަކުރާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.
މި މައްސަލައިގައި ފީފާ އިން އޭއެފްޕީ އަށް ބުނީ ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން މެދުވެރިކޮށް މަހުފޫޒާގެ ހާލަތު ބަލަމުން އަންނަ ކަމަށާއި ހައްޔަރުކުރި ސަބަބެއް އޮޅުން ފިލުވުމަށް އެދިފައިވާނެ ކަމަށެވެ.
"ފީފާ އިން މި އަންނަނީ މި މައްސަލަ ވަރަށް ގާތުން މޮނިޓާ ކުރަމުން. އަދި އޭއެފްސީ ވެސް މި ކަމުގައި ބައިވެރިވާނެ،" ފީފާގެ ތަރުޖަމާނު އޭއެފްޕީ އަށް ފޮނުވި ސިޓީއެއްގައިވެ އެވެ.
މަހުފޫޒާގެ ވަކީލު ލިއާކަތު ހުސައިން މީޑިއާ އަށް އެންމެ ފުރަތަމަ އިންޓަވިިއުއެއްގައި ބުނީ ކަފާލާތުގެ ދަށުން ވެސް މަހަފޫޒާ ދޫނުކުރަން ނިންމުމުގެ ފަހަތުގައި އޮތީ ފޮރުވިފައިވާ އެޖެންޑާ އެއް ކަމަށެވެ. އަދި އޭނާ ވަނީ މަހުފޫޒާ ސަލާމަތްކުރަން އެކި ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ގޮވާލައިފަ އެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ އާއި އޭއެފްސީން މަހުފޫޒާ ދޫކޮށްލުމަށް ބާރު އެޅުމުގެ ސަބަބުން ކަފާލާތުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޭނާ ދޫކޮށްލާނެ އެވެ. އަންނަ މަހު 2 ވަނަ ދުވަހާ ހަމައަށް ކަފާލާތުގެ ދަށުން މަހުފޫޒާ ދޫކޮށްލަން ކޯޓުން ނިންމަނީ ޖަލުގައި ހުންނަން އޭނާގެ ސިއްހީ ހާލަތު ތަންނުދޭ ކަމަށް ބުނެ އޭނާގެ ވަކީލު ލިއާކަތު ޑޮކްޓަރުގެ ލިއުންތަކެއް ހުށަހަޅާފައިވާތީ ކަމަށްވެ އެވެ.
އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މަހުފޫޒާ މިނިވަން ކުރުމަށް އަޑުއުފުލައިފަ އެވެ.
"މަހުފޫޒާ ގޯސްކޮށް އެއްވެސް ކަމެއް ނުކުރޭ. އޭނާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މެމްބަރެއް އޭނާ އަމިއްލަ ވިސްނުމުގައި ދައްކާ ވާހަކައެއްގެ ސަބަބުން އެގޮތަށް ހައްޔަރެއް ނުކުރެވޭނެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ފުޓްބޯޅަ އަށް ވުރެން ބޮޑަށް ކްރިކެޓަށް އަހައްމިއްޔަތުކަން ދޭ ވާހަކަ ބުނުމަކީ ކުރެވޭ ކުށެއް ނޫން،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާގެ ކެމްޕެއިން ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ސާދު ހައްމާދީ ބުންޏެވެ.
ހަސީނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެމްބަރަކު މަހުފޫޒާގެ މައްސަލަ ހުށަހެޅީ އޭނާގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ އެވެ.
ފީފާ ކައުންސިލަށް މަހްފޫޒާ އިންތިހާބުކުރީ 2017 ވަނަ އަހަރު އެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ފުޓްބޯޅަ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އަދި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާ މިހާރު ވެސް ގާތްގުޅުމެއް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕްރޯ
20 March 2019
ހަސީނާއަށް ފިލާވަޅެއްދޭން ފެންނަނީ ބަންގްލަދޭޝް ބްލެކްލިސްޓު ކޮއްލަން. އޭރުން ޕަބްލިކް ޕްރެޝަރު އައިމަ ވިސްނޭނެ އެއްޗެއް.
މުލޭ
20 March 2019
އޭޝިޔާގެ ގައުމުތަކަށް މިއޮތީ ބައްޔެއް ޖެހިފައި. ގައުމީ ކަމަކާ ޚިޔާލެއް ފާޅުކޮށްލިޔަސް ޖަލުގޮޅި ދައްކާލަނީ. ޕޮޒިޓިވް ވިސްނުމެއް ނުހުރޭ. ހީވަނީ ހަނގުރާމަ އިޢްލާންކުރީހެން. ނޫނީ ހަނގުރާމަ ފެށީހެން. އެހެންޏާފަހެ ފުޓްބޯޅައަށް ދޭ އަހަންމިއްޔަތަށްވުރެ ކްރިކެޓަށް އަހަންމިއްޔަތުކަން ދިނުން ބޮޑުވާހަކަވިއްޔާ ބުނެގެން އުޅެނީ.
ބަބުރުކަލޯ
20 March 2019
ރަދީފު ކޮންމެވެސް އެއްޗެކޭ ބުނެބަލަ؟