25 މާޗް 2019 - 13:13
މެންޗެސްޓާ (މާޗް 25) - މެންޗެސްޓާ ސިޓީން ޓްރާންސްފާ މާކެޓްގައި ހަރަދުކުރާ ގޮތާ ބެހޭގޮތުން ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްގެ ރައީސް އުލީ ހޮއެނެސް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެކަމާ އޭނާ މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ސިޓީން ބުނެފި އެވެ.
މިދިޔަ ހަފްތާގައި ޖަރުމަނު މީޑިއާތަކަށް މައުލޫމާތު ދެމުން ހޮއެނެސް ވަނީ އޭނާ ގާތުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ކަންތައްތަކެއް ހިއްސާކޮށްފަ އެވެ. ހޮއެނެސް ވިދާޅުވީ ސިޓީންގެ ވެރިޔާ ޝެއިހް މަންސޫރު ގާތަށް ގާޑިއޯލާ ކުޅުންތެރިއަކު ބޭނުންވެއްޖެނަމަ ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
"އަހަރެންގެ އެކުވެރިޔާ ޕެޕް (ގާޑިއޯލާ) ބުނީ 100 މިލިއަން ޔޫރޯ އަށް ލިބޭ ކުޅުންތެރިއެއް ބޭނުންވެއްޖެނަމަ އޭނާ ހަދާގޮތަކީ ޝެއިހް ކައިރިއަށް ކުޅުންތެރިއާގެ ވީޑިއޯ ހިފައިގެންދަނީ. އެ ހިސާބުން ދެން ޔަގީންކަން ދެނީ އެ ކުޅުންތެރިއާ ތަފާތު ދައްކާނެކަން. ދެން ޝެއިހް ވަގުތުން ފައިސާ ޓްރާންސްފާކުރާނެ،" ހޮއެނެސް ވިދާޅުވި އެވެ.
ހޮއެނެސް ވަނީ ސިޓީން ކުޅުންތެރިން ގަންނަން ފައިސާ ހޯދަނީ ރަނގަޅު ގޮތުގައި ކަމާމެދު ސުވާލު އުފައްދައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
"ފައިސާ ހޯދަން ޖެހިގެން އަންނަ ދުވަހު ޝެއިހް ކުރާނެ ކަމަކީ ތެލުގެ އަގުބޮޑުކުރުން. އޭރުން ކްލަބަށް ކޮންމެ ކަމެއް ވިޔަސް އޭނަ އަށް ފައިސާ އަލުން އަނބުރާހޯދޭނެ. މި ގޮތަށް އަހަރެމެން ކަންތައްތައް ކުރަން ނުޖެހި ކްލަބްގެ އަމިއްލަ ފައި މައްޗަށް ބަރޯސާވެގެން ތިބެވޭތީ ފަހުރުވެރިވޭ،" އޭނާ ވިދާޅުވި އެވެ.
އިނގިރޭސި މީޑިއާތަކަށް ސިޓީގެ ތަރުޖަމާނު ދިން އިންޓަވިއުއެއްގައި ބުނީ ހޮއެނެސް މީޑިއާގައި ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސިޓީގެ ގާނޫނީ ޓީމާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމުގައި އެންމެ ފަސޭހަ ގޮތަކީ ހޮއެނެސް ސިޓީގެ ކިބައިން މާފަށް އެދިވަޑައިގަތުން ކަމަށެވެ.
"ސިޓީން ގަބޫލެއް ނުކުރަން އެއީ ކްލަބެއްގެ ރައީސެއްގެ މަގާމެއްގައި ހުންނެވި ފަރާތަކަށް ދެއްކިގެންވާނެ ވާހަކަތަކެއް ކަމަށް. މިކަމާ ރަސްމީ ސިފައެއްގައި މައާފަށް އެދެން ޖެހޭ،" ސިޓީގެ ތަރުޖަމާނު އިނގިރޭސި މީޑިއާ އަށް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ހޮއެނެސް ސިޓީއާ ބެހޭގޮތުން އެ ގޮތަށް ވާހަކަ ދެއްކެވީ އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ގަންނަން ސިޓީން ބޮޑު ބިޑެއް ކޮށްފައިވާތީ އެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުން ސައުލް ގަންނަން މަޝްވަރާކުރަމުން އަންނަނިކޮށް ސިޓީން ވަނީ ސައުލް އަށް ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ.
ޔޫއޭއީގެ މަހުޖަނު މަންސޫރުގެ ގްރޫޕުން ސިޓީ ގަތީ 2008 ވަނަ އަަހަރު އެވެ. އޭގެ ފަހުން އެ ކްލަބުން އަންނަނީ އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރަމުންނެވެ. މިހާތަނަށް އެ ޓީމުން އިނގިރޭސި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާއިރު، އަދި ހާސިލްނުވެ އޮތީ ޔޫރަޕްގެ މުބާރާތެކެވެ. އެ ޓީމުން ގާޑިއޯލާ ގެނައުމުގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ގާޑިއޯލާ ސިޓީ އަށް ބަދަލުވީ ބަޔާނުގެ ކޯޗުކަމުން ވަކިވުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްޗެއް ނޭނގޭ މީހާ
25 March 2019
ބަޔާނަކީ ސްޓޭޓްމަންޓް.. ސިޓީ އަކީ ލެޓާ..