ޓޮޓެންހަމް ހޮޓްސްޕާސްގެ އެއް ބިލިއަން ޑޮލަރުގެ އަގުހުރި ދަނޑު.- ފޮޓޯ: ޓޮޓެންހަމް
30 މާޗް 2019 - 10:30
ކްލަބްތަކުގެ ވާދަވެރިކަމަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު އެންމެ ފޯރިގަދައީ ލަންޑަންގެ ކްލަބްތަކުގެ މެދުގަ އެވެ. މާލީ ގޮތުން ވަރުގަދަ ވުމަށް އެކި ކްލަބްތަކުން އެކި އުކުޅުތައް ބޭނުންކުރެ އެވެ. ބައެއް ކްލަބްތަކުން މިލިއަން ޑޮލަރު ހަރަދުކޮށް އާ ސްޓޭޑިއަމް އަޅައިފި އެވެ. އަނެއް ކްލަބްތަކުން މަހުޖަނުންގެ އަތްމައްޗަށް ކްލަބް ދޫކޮށްލައިފަ އެވެ. އެ ފަދަ ރޭހެއްގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ވެސް މިވަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން އެއް ބިލިއަން ޑޮލަރު ހަރަދުކޮށް ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާ އެކު އާ ދަނޑެއް ހުޅުވައިފަ އެވެ. މި ސްޓޭޑިއަމަކީ ޓޮޓެންހަމް އުހަށް ދާނެ މަގުކޮށައިދޭނެ ދަނޑު ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
ޓޮޓެންހަމުން 1899 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ދަނޑު "ވައިޓް ހާޓް ލޭން" ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެކި ޕްލޭންތައް މީގެ ކުރިން ގެންގުޅުނެވެ. އެކަމަކު އޭގެ އެއްވެސް ޕްލޭނެއްގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ. އެހެން ނަމަވެސް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީގެ ހާއްސަ އިސްނެންގެވުމަކާ އެކު އޭނާ ވަނީ ދަނޑަކީ ޓޮޓެންހަމަށް އުޖާލާ ކުރިމަގެއް ހަދައިދޭނެ ވަސީލަތެއް ކަމަށް ނިންމައި، ދަނޑުގެ މަސައްކަތް ފަށައިފަ އެވެ.
އެ ގޮތުން 2017 ވަނަ އަހަރު ފެށި 62،062 މީހުންނަށް ވަދެވޭ ދަނޑުގެ މަސައްކަތް މިހާރު ވަނީ ނިމި ހުޅުވައިފަ އެވެ. މިކަން މި ކުރެވުނީ ގިނަ ގޮންޖެހުންތަކަކާ އެކު އެވެ. ހުޅުވަން ބުނި ތާރީހު ތިން ފަހަރު ފާއިތުވިއިިރު، ހަ މަސް ފާއިތު ވެއްޖެ އެވެ. އެކަމަކު ވެސް މިހާރު އެ ދަނޑު ހުޅުވުމާ އެކު ލަސްވި ލަސްވުމުގެ ޝަކުވާއެއް ނީވެ އެވެ. ސަބަބަކީ އެ ދަނޑު އެހާ ވެސް ފުރިހަމަވުމެވެ.
ޓޮޓެންހަމްގެ ދަނޑުގެ މާސްޓާ ޕްލޭން އެކުލަވާލީ ދުނިޔޭގެ އެކި ބައްރުތަކުގެ ތަފާތު 30 ގައުމެއްގެ ކޮންސަލްޓަންޓެއްގެ ލަފާ ހޯދައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ދަނޑުގެ އެންމެ ހާއްސަކަމަކީ ކަހާލެވޭ ގޮތަށް ފުޓްބޯޅަ ކުޅުމަށާއި އެމެރިކަން ފުޓްބޯޅަ އާއި ރަގްބީ ފަދަ އެހެން ކުޅިވަރުތައް ކުޅެން ވެސް ތަފާތު ދެ ޕިޗެއް އޮތުމެވެ. ދެ ޕިޗް ބަދަލުކޮށްލުމަށް ހޭދަވާނީ އެންމެ 25 މިނިޓެވެ. އަދި "ސްކައިވޯކް" ގެ ނަމުގައި 40 މީޓަރު މަތިން މެޗު ބަލާލުމަށް ހާއްސަ އޭރިއާ އެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ދެ ޕިޗާ އެކު އެއް ދަނޑު ފަރުމާކުރުން މިއީ ދުނިޔޭގެ ފުޓްބޯޅަ އަށް އާ އީޖާދެކެވެ. މި ހިޔާލު ޗެއާމަން ލެވީގެ ވިސްނުމަށް އައީ ޓޮޓެންހަމުން އިނގިރޭސި ރަސްމީ ދަނޑު ވެމްބްލީ ސްޓޭޑިއަމް ކުއްޔަށް ބޭނުންކުރަން ނެގިިއިރު، އެ މަޝްވަރާތަކުގެ ތެރެއިންނެވެ. ވެމްބްލީ އަކީ އިނގިރޭސި ގައުމީ ޓީމުގެ މެޗުތަކާއި ހާއްސަ މެޗުތަކުގެ އިތުރުން ތަފާތު ކޮންސެޓްތަކާއި ރަގްބީ ކުޅެން ދޫކުރާ ދަނޑެކެވެ. ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެން ވެމްބްލީ ދޫކުރިއިރު، އެހެން ފަރާތްތަކަށް ވެސް ދަނޑު ކުއްޔައް ލިބޭ ގޮތަށް ހަދާފައި އޮންނަ އޮތުމުން ޓޮޓެންހަމް މެޗު ކުޅެން އަންނައިރު ބައެއް ފަހަރު ދަނޑުގެ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ. އޭގެ ނަތީޖާ އަކަށްވީ ޓޮޓެންހަމްގެ އާ ދަނޑުގައި ތަފާތު ދެ ޕިޗެއް ބާއްވައި އެކި ކަހަލަ ބޭނުންތަކަށް ވެސް ދަނޑު ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރުމެވެ.
އާ ސްޓޭޑިއަމް އާމްދަނީ އިތުރުކުރުމުގެ މައި ވަސީލަތަކަށް ހެދުމަށް ޓޮޓެންހަމުން ވަނީ ބޮޑު ޕްރޮޖެކްޓެއް ފަށައިފަ އެވެ. އެ ގޮތުން ކުރިއަށް އޮތް 10 އަހަރު ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި އެމެރިކަން ފުޓްބޯޅަ ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއީ ޓޮޓެންހަމަށް މިހާރު ލިބެމުން އަންނަ އާމްދަނީ ތިން ގުނަ އިތުރުވާނެ ކަމެކެވެ. އެ ގޮތުން މިސާލަކަށް ޓޮޓެންހަމަށް ސީޒަނަކު އާމްދަނީގެ ގޮތުގައި 300 މިލިއަން ޑޮލަރު ކުރިން ލިބޭނަމަ އާ ދަނޑުގައި އެމެރިކަން ފުޓްބޯޅަ ކުޅޭނަމަ އެ އަދަދު 900 މިލިއަން ޑޮލަރާ ގާތްކުރާނެ އެވެ.
އިނގިރޭސި އެފްއޭ އިން ވެސް އެންމެ ބޮޑަށް އާމްދަނީ އިތުރުކުރަން ކުރާ ކަމަކީ ކޮންސެޓްތަކާއި އެހެން ކަންކަމަށް ދަނޑު ކުއްޔަށް ދޫކުރުމެވެ. އެކަމަކު ޓޮޓެންހަމްގެ މި އާ ދަނޑާ އެކު ގިނަ ފަރާތްތަކުން ބޭނުންކުރާނީ ޓޮޓެންހަމް ދަނޑު ކަމަށްވެ އެވެ. އެއީ 24 ގަޑިއިރު ހުޅުވާފައި ހުންނަ ބާ އަކާއި ރެސްޓް ރޫމާއި ދަނޑުގެ ސްޓްރަކްޗާ ހަދާފައި ހުރީ ވެމްބްލީ އަށް ވުރެން ޒަމާނީ ވިސްނުމެއްގައި ކަމަށް ވާތީ އެވެ.
ވާދަވެރި ޓީމުތަކުން އެކި ގޮތްގޮތުން ކުރިއަރައިގެންދާއިރު، ޓޮޓެންހަމަށް ވެސް ބޮޑެތި ޓީމުތަކުގެ ސަފުގައި ހިފަހައްޓާލެވޭނީ ރަނގަޅު ފައުންޑޭޝަނެއް އޮވެގެން ކަަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގަބޫލުކުރެ އެވެ. އެ ގޮތުން އާ ދަނޑަކީ އެ ފަދަ ފައުންޑޭޝަނެއް ކަމަށާއި ކާމިޔާބީތަކެއް ހޯދަން އަޒުމުކަނޑައަޅައިގެން ކުރިއަށްދެވޭ ވަރަށް ދެން ޓޮޓެންހަމަށް އަމިއްލަ ފައިމަތީގައި ތިބެވޭނެތީ އެވެ.
ޕޮޗެޓީނޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުނުވި އެއް ސަބަބަކީ އާ ދަނޑާ އެކު ޕޮޗެޓީނޯ ބޭނުންވާ ވަރަށް ޓޮޓެންހަމް ކުރިއަރައިގެންދާނެ ކަމުގެ ޔަގީންކަން ޕޮޗެޓީނޯ އަށް އެ ޓީމުގެ ޗެއާމަން ލެވީ ދީފައި އޮތުމުންނެވެ. އެ ގޮތުން އާ ކުޅުންތެރިން ހޯދުމަށް ބޭނުންވާ ބަޖެޓަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ލެވީ ވަނީ ޕޮޗެޓީނޯ އަށް ދީފަ އެވެ.
ޓޮޓެންހަމްގެ ދަނޑު ޑިޒައިން ކުރުމުގައި ޔޫރަޕްގެ ނަން މަޝްހޫރު އެހެން ދަނޑުތައް ވެސް ވަނީ ނަކަލުކޮށްފަ އެވެ. އެ ގޮތުން ޖަރުމަނުގެ ބަޔާން މިއުނިކްގެ އެލިއާންޒް އެރީނާ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ހުންނަ ކަންތައްތަކެއް ޓޮޓެންހަމް ދަނޑުން ފެންނާނެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ ޑޯޓްމަންޑްގެ ސަޕޯޓަރުންގެ އެންމެ ވަރުގަދަ ގްރޫޕް ތިބޭ ފަޅި "ޔެލޯ ވޯލް" އަސްލަކަށް ބަލައިގެން ޓޮޓެންހަމުން ވެސް ވަނީ އެއް ފަޅި ތަރައްގީ ކޮށްފަ އެވެ. އެ ފަޅީގައި އެކަނި 17،000 މީހުންނަށް މެޗު ބަލަން ތިބެވޭނެ އެވެ. މިއީ ޓޮޓެންހަމުން ވާދަވެރި ޓީމުތަކާ ކުޅޭއިރު ތަފާތު ދައްކަން ބޭނުންކުރެވޭނެ ފަޅިއެއް ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ޓޮޓެންހަމްގެ އެންމެ ވާދަވެރި ޓީމު އާސެނަލުން އެމިރޭޓްސް ސްޓޭޑިއަމް ތަރައްގީ ކުރިއިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ދަނޑު ހަދަން ނެގި ލޯންތަކުގެ ބަދަލު ދައްކަން ޖެހުނުއިރު، ޓީމުގެ ފޯމު ގެއްލި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ވިއްކާލަން ޖެހުމެވެ. އެކަމަކު ޓޮޓެންހަމަށް އެ ހާލަތު ދިމާނުވާނެ ކަމަށް ލެވީ ވަނީ ވިދާޅުވެފަ އެވެ.
އާ ދަނޑު ހަދަން ޓޮޓެންހަމުން ނެގި ލޯންގެ އަދަދު 832 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޓޮޓެންހަމުން އެ ލޯން ދެއްކުމަށް ކުރިއަށް އޮތް ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު ގަަވައިދުން ޗެމްޕިއަންސް ލީގުގައި ކުޅެ، ރަނގަޅު ހިސާބަކަށް މަދުވެގެން ދާން ޖެހޭނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެ އެވެ. އަދި ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދުގެ ތެރެއިން ކުރިއަށްދާނަމަ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ތަށިތަކެއް ހޯދަން ޖެހޭނެ ކަމަށާއި އެހެން ނޫނީ ބޮޑު އަގުގައި ކުޅުންތެރިން ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ފައިނޭންޝިއަލް އެކްސްޕާޓުން ގަބޫލުކުރާގޮތުގައި މި ވަގުތު ލަންޑަންގައި އޮތް ވަރުގަދަ ކްލަބްތައް ކަމަށްވާ އާސެނަލާއި ޗެލްސީ އަށް ޓޮޓެންހަމްގެ އާ ދަނޑުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެއީ ލަންޑަންގެ މާކެޓިން އިންޑަސްޓްރީގައި ޓޮޓެންހަމްގެ ނުފޫޒު ވަރުގަދަ ވުމުގެ ފުރުސަތު އޮތުމުންނެވެ. އަދި ގިނަ ވިޔަފާރިތަކުން ލަންޑަންގައި އިޝްތިހާރުކުރަން ބޭނުންކުރާނީ ޓޮޓެންހަމްގެ ދަނޑު ކަމަށް ވުމުންނެވެ. އެއީ އެ ދަނޑުގައި ހުރީ ޗެލްސީ އާއި އާސެނަލްގެ ދަނޑުގައި ހުރި ވަރަށް ވުރެން ޒަމާނީ ވަސީލަތްތަކެއް ކަމަށްވާތީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވެސް ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ކުޅޭނަމަ މި ވަގުތު އާސެނަލާއި ޗެލްސީއާ އެކު އެއްބަސްވުން ހަދާފައިވާ ބޮޑު ފަސް މާކެޓިން ކުންފުންޏެއް ވަނީ ޓޮޓެންހަމާ އެކު ކޮންޓްރެކްޓް ހަދަން މަޝްވަރާކޮށްފަ އެވެ.
ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ސަޕޯޓަރުން މެޗު ބަލަނީ: ފުރަތަމަ ކުޅުނީ 18 އަހަރުން ދަށުގެ ޓީމުގެ ނުރަސްމީ މެޗެއް.-- ފޮޓޯ: އޭއެފްޕީ
އަމިއްލަ ދަނޑެއްގައި އެންމެ ފަހުން މެޗެއް ކުޅުނުތާ 679 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކީ 18 އަހަރުން ދަށުގެ މެޗެކެވެ. އެ މެޗުގައި ޓޮޓެންހަމްގެ 18 އަހަރުން ދަށުގެ ޓީމު މިދިޔަ ހަފްތާގައި ވަނީ ސައުތެމްޓަންގެ 18 އަހަރުން ދަށުގެ ޓީމު އަތުން 3-1 އިން މޮޅުވެފަ އެވެ. އެ މެޗު ބަލަން ދިޔަ ޓޮޓެންހަމްގެ ދުވަސްވީ އަދި ޒުވާން ސަޕޯޓަރުން ވެސް ތިބީ އާ ސްޓޭޑިއަމްގެ ހުވަފެން ހަގީގަތަކަށް ވުމުން "އުފަލުން ރޮވިފަ" އެވެ.
ޓޮޓެންހަމްގެ ސީނިއާ ޓީމު އާ ދަނޑުގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އެވެ. އެ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް އިއްޔެ ޓޮޓެންހަމުން ވަނީ ފަރިތަކުންތައް ބާއްވައިފަ އެވެ. ކޮންމެ ކުޅުންތެރިއެއްގެ ވެސް އެއް އަމާޒަކީ އާ ސްޓޭޑިއަމްގައި ފުރަތަމަ ގޯލު ޖެހުމެވެ. ސީޒަންގެ މުހިއްމު ހިސާބެއްގައި ހޯމް ސްޓޭޑިއަމް ބަދަލު ކުރުމަކީ ޓޮޓެންހަމުން ހެދި ގޯހެއް ކަމަށް ބައެއް ފުޓްބޯޅަ ތަޖުރިބާކާރުން ބުނި ނަމަވެސް ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯގެ ނަޒަރުގައި "އަމިއްލަ ގެ އަށް އަނބުރާ އައުމަކީ އެއްވެސް ހާލަތެއްގައި ގޯހަކަށް ނުވާނެ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިން
30 March 2019
1 ބިލިއަނެއް ނުދާނެ..ތިއޮތީ 2 ރުފިޔާ ހަރަދު ކުރެވެން އޮއްވަ 10 ރުފިޔާ ހަރަދު ކޮށް ވައްކަން ކޮށްފަ!
ހަގީގަތް
31 March 2019
ރަނގަޅު ވާހަކަޔެއް. އެއް ބިލިޔަން ޑޮލަރޭ ބުނުމުން މަވެސް ހައިރާންވެއްޖެ. ބާސާއިން ކޭމްޕް ނޯ ތަރައްޤީކުރަންވެސް ޚަރަދުކުރަނީ 700 މިލިޔަން ޑޮލަރު. އެއީ އެންމެ ޒަމާނީ ފެންވަރަށް. މި ސްޓޭޑިއަމްއަށްވުރެ މާ ފުރިހަމަކޮށް. 105000 މީހުންނަށް މެޗު ބަލާލެވޭ ފެންވަރުގެ ސްޕޯރޓްސް ކޮމްޕްލެކްސްއެއް ގޮތަށް ތަރައްޤިކުރަން ނިންމާފައިއޮތީ.
ރަދީފް
31 March 2019
ސްޕާސްގެ ސްޓޭޑިއަމްގެ އަގު އުޅެނީ 850 މިލިއަން ޕައުންޑްގަ.ނަމަވެސް އިތުރު 150 މިލިއަން ޕްރޮޖެކްޓަށް ހަރަދުކުރަންޖެހުނީ ބްރެގްޒިޓް ވޯޓްގެ ސަބަބުން އިމްޕޯޓްކުރި ތަކެތީގެ އަގުތަކަށް އައިބަދަލު ، އެކްސްޗޭންޖް ރޭޓް، އޯވަރޓައިމް،ކުއްޔަށް ގެނައި ތަކެތި އަދި އިމާރާތްކުރުމުގެ އަގުބޮޑުވުން.ސްޓްރަކްޗަރއަށް އެކަނިވެސް 400 މިލިއަން ޕައުންޑް ހޭދަކުރި.އެހެންވީމަ 1 ބިލިއަން ޕައުންޑް އެއީ ރިއަލިސްޓިކް ފިގާއެއް.މަރުހަބާ ސްޕާސް.ވ.ވެދުން.
ރަދީފް
31 March 2019
@ވިން.767 މިލިއަން ޕައުންޑް އެއީ 1 ބިލިއަން ޑޮލަރު.އެހެންވީމަ އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް.
ހިސޭ
30 March 2019
މަރުހަބާ ލަންޑަނުގެ އެންމެ ގަދަފަދަ ޓީމް