07 އެޕްރީލް 2019 - 12:34
މިއުނިކް (އޭޕްރީލް 7) - ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑް ކޮޅަށް ޖެހި ދެ ގޯލާ އެކު ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 200 ގޯލު ހަމަކޮށްފި އެވެ.
ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑް އަތުން ބަޔާން 5-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު އެ ޓީމުން ވަނީ ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 28 މެޗުން 64 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 28 މެޗުން 63 ޕޮއިންޓެވެ.
ލެވަންޑޯސްކީ ޖަރުމަނު ލީގުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ 2010 ވަނަ އަހަރު ޝާލްކާއާ ދެކޮޅަށް އޭނާ ޑޯޓްމަންޑް ޖޯޒީގައި ކުޅުނުއިރު އެވެ. ލެވަންޑޯސްކީ އަކީ ޖަރުމަނު ލީގުގައި 200 ގޯލު ހަމަކުރި ފަސް ވަނަ ކުޅުންތެރިޔާ އެވެ. ލެވަންޑޯސްކީ އަށް ވުރެން އަވަހަށް އެ އަދަދަށް ގޯލު ހަމަކުރީ ޖަރުމަނުގެ ކުރީގެ ފޯވާޑް ގާޑް މުލާ އެވެ. މުލާ 234 މެޗުން 200 ގޯލު ހަމަކުރިއިރު، ލެވަންޑޯސްކީ 200 ހަމަކުރީ 284 މެޗުންނެވެ.
އުމުރުން 30 އަހަރުގެ ލެވަންޑޯސްކީ ބުނީ މިއީ އޭނާ ހުވަފެނުގައި ވެސް ނުދެކޭ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.
"އަހަރެން ހިއެއް ނުކުރަން ޔޫރަޕްގެ ވަރުގަދަ ލީގެއްގައި އަހަންނަށް މި އަދަދަށް ގޯލު ޖެހޭނެ ކަމަށް. އަހަރެންގެ ފުރަތަމަ ގޯލު ވެސް ވަަރަށް ރަނގަޅަށް ހަނދާނުގައި އެބަހުރި. މިއީ ވަރަށް ގިނަ ކުޅުންތެރިންގެ އެހީތެރިކަމާ އެކު ހާސިލްކުރެވުނު ކަމެއް،" ޖަރުމަނު ލީގުގައި ލަނޑު ޖެހުމުން ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ލެވަންޑޯސްކީ ބުންޏެވެ.
ބަޔާނުގެ ކޯޗު ނިކޯ ކޮވަޗް ބުނީ ލެވަންޑޯސްކީ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށާއި ބަޔާނުގެ އިތުރުން ގައުމީ ޓީމުގައި ވެސް އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފައި ކަމަށެވެ.
މިއީ 2000-2001 ވަނަ އަހަރުގެ ސީޒަނަށް ފަހު ޖަރުމަނު ލީގުގައި މިހާ ވާދަވެރިކޮށް ސީޒަންގެ ފަހު ބައި ކުރިއަށްދާ ފުރަތަމަ ފަހަރެވެ. ލީގުގެ ކުރީކޮޅުގައި ބަޔާނުގެ ފޯމު ދަށްކޮށް ދިޔަ ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ވަނީ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު އަށް މެޗުން ވަނީ މޮޅުވެފަ އެވެ. ބަޔާނުން 29 ގޯލު ޖެހިއިރު، ބަައިކޮޅަށް ވަނީ ދެ ގޯލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy