ސަޕޯޓަރުންގެ ކިބައިން ޒިދާން މައާފަށް އެދެފި

މެޑްރިޑް (އޭޕްރީލް 29) - ސްޕެނިޝް ލީގުގެ އެންމެ ފުލުގައި އޮތް ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގައި ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ކިބައިން ކޯޗު ޒިނެދިން ޒިދާން މައާފަށް އެދިއްޖެ އެވެ.


މިއީ 2004 ވަނަ އަހަރަށް ފަހު ލީގުގެ ފުލުގައި އޮތް ޓީމެއް އަތުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 22 އަހަރަށް ފަހު ރަޔޯ އަށް ރެއާލް އަތުން ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާ އެކު ރަޔޯ ވަނީ ލީގުގެ 19 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވުމުން ރެއާލަށް ވަނީ ލީގުގެ ދެ ވަނަ އަށް އެރުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލުގެ އޮތީ 35 މެޗުން 65 ޕޮއިންޓެވެ. ބާކީ އޮތީ ތިން މެޗެވެ.

"މި މެޗުގައި އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވުނު. ފުރަތަަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަމައަށް އަހަރެމެން ފެނުނީ ވަރަށް އާދައިގެ ގޮތަކަށް. އަހަރެން މިހުރީ ވަރަށް ހިތްހަމަނުޖެހިފައި. މި މެޗުގައި މި ފެނުނީ ރެއާލުގެ ކުޅުމެއް ނޫން. ގޯސް މަންޒަރެއް މި ދެއްކުނީ. މި މެޗުގައި ފެނުނު ކުޅުމާ މެދު އަހަރެން ހިތާމަކުރަން. އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން،" ޒިދާން ބުންޏެވެ.

ބަދަލުތަކާ އެކު ނުކުތް ރެއާލް ކޮޅަށް ރަޔޯ އިން ވައްދާލި ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑްރިއަން އެމްބާމާ އެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގަ އެވެ.

ރޭގެ މެޗުގައި ޒިދާން ވަނީ ގަރެތު ބޭލް އާއި ގޯލްކީޕަރު ތިބައު ކޯޓުއާ އަށް ފުރުސަތު ދީފަ އެވެ. އެކަމަކު މި ދެ ކުޅުންތެރިންގެ ފަރާތުން މާ ބޮޑު ތަފާތެއް ނުފެނެ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލުން އެންމެ ބޮޑަށް ވިސްނާނީ އެޓޭކް ވަރުގަދަ ކުރުމަށް ކަމަށް ޒިދާން ވަނީ މީގެ ކުރިން ބުނެފަ އެވެ. ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލުން މިހާރު އަންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޗެލްސީގެ އެޑެން ހަޒާޑް އަދި އެއިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ލޫކަ ޖޮވިޗް ގެންނަން މަޝްވަރާކުރަމުންނެވެ.