ޓޮޓެންހަމްގެ ހުވަފެނީ ދަތުރު އަދި ނުނިމޭ: ޕޮޗެޓީނޯ

ލަންޑަން (އޭޕްރީލް 30) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އަޔަކްސްއާ ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމް ހޮޓްސްޕާސްގެ ހުވަފެނީ ދަތުރު ސެމީ ފައިނަލާ ހިސާބުން ނުނިމޭނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.


ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުން ޓޮޓެންހަމަށް ނަތީޖާ ނުނެރެވުމުން އެ ޓީމު މުބާރާތުން ކަޓާނެ ކަމަށް ބެލެވިފައި އޮއްވައި ޓޮޓެންހަމުން ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކޮށް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެ ވަނަ ބުރުގައި، ޖަރުމަނުގެ ގަދަބާރު ބޮރޫޝީއާ ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދިއިރު، އާދަޔާހިލާފު ހިތްވަރަކާ އެކު ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ ކަޓުވާލުމަށް ފަހު ޓޮޓެންހަމުން ވަނީ ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.

"ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމަކީ ކޮންމެ ޓީމެއްގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް. އެކަމަކު އަހަރެމެންގެ މި ދަތުރު މި ނިމުނީއެއް ނޫން. ޓޮޓެންހަމުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް މާ ބޮޑު. އަހަރެމެން މި މުބާރާތް ކާމިޔާބުކުރަން ވެސް ބޭނުން." 1962 ވަނަ އަހަރަށް ފަހު ޔޫރަޕްގެ ފުރަތަމަ ސެމީ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދިން ކޯޗު ޕޮޗެޓީނޯ ބުންޏެވެ.

އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ އެއް ވަނަ ފޯވާޑް ހެރީ ކޭން އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވިފައިވާއިރު، ކާޑު ހަމަވުމުގެ ސަބަބުން ޓޮޓެންހަމްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ހުރީ ސަސްޕެންޝަނުގަ އެވެ. ޓޮޓެންހަމް އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ފުރިހަމަ ރެކޯޑަށް މިދިޔަ ހޮނިހިރު ދުވަހު ނިމުމެއް އައީ ވެސްޓް ހޭމް އަތުން ބަލިވުމުންނެވެ.

ނެދަލެންޑްސްގެ އަޔަކްސް އަކީ މި މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެފައިވާ ޓީމެވެ. އެ ޓީމުން ވަނީ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ. އަދި ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

"އަޔަކްސް އިން ހާސިލްކޮށްފައި އޮތީ ވަރަށް މަދު ޓީމަކަށް ނޫނީ ނުވާނެ ކަމެއް. އަހަރެމެން އެ މީހުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭނަން. މިއީ ވަރަށް ފޯރިގަދަވާނެ މެޗެއް،" ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗު ޓޮޓެންހަމްގެ ހަތަރު ކުޅުންތެރިއަކަށް ހާއްސަ ވާނެ އެވެ. އެއީ ކްރިސްޓިއަން އެރިކްސަން އާއި ޓޯބީ އަލްޑަވެއިރަލްޑް، ޔެން ވާޓޮންގެން އަދި ޑެވިންސަން ސަންޗޭޒަށެވެ. އެ ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން އަޔަކްސް އަށް ކުޅުނު ހަތަރު ކުޅުންތެރިންނެވެ.

މިއީ 1997 ވަނަ އަހަރަށް ފަހު އަޔަކްސް މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނީ މިހާތަނަށް ވެސް އަަޔަކްސް އިން ދައްކަމުން އައި ކުޅުން މި މެޗުގައި ވެސް ކުރިއަށްގެންދާނެ ކަމަށާއި ވަކި ޓީމަކަށް ވަކި އުސޫލެއް ނޯންނާނެ ކަމަށެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން މިރޭ 00:00 ގަ އެވެ.