ބާސެލޯނާ (މެއި 12) - މި ސީޒަނަށް ކަނޑައެޅި ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނަސް އެ ޓީމު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ބާސެލޯނާ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ވަލްވޭޑޭ ވަނީ ދާދި ފަހުން އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފަ އެވެ. ޖެހިޖެހިގެން ދެ އަހަރު ސްޕެނިޝް ލީގުގެ ތަށި ބާސެލޯނާ އިން ހޯދި ނަމަވެސް ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ރެކޯޑް ނިސްބަތުން ދަށެވެ. ޖެހިޖެހިގެން ދެ އަަހަރު ބާސެލޯނާ ކެޓީ ފުރަތަމަ ލެގުގައި ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް ދެ ވަނަ ލެގުގައި ރަށުންބޭރުގައި ބަލިވުމުންނެވެ.
ޔޫރަޕުގެ ނާކާމިޔާބީއާ އެކު ވަލްވޭޑޭ ބާސެލޯނާގެ މަގާމު ގެއްލޭނެ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އޭނާ ވަނީ ކްލަބްގެ ވެރިންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް ބުނެފަ އެވެ.
"މި ޓީމުގައި ކުރިއަށްދާނެ ހަކަތަ އަދިވެސް އަހަރެންގެ ގައިގައި އެބަހުރި. މި ޓީމުގެ އިތުބާރު އަދިވެސް އަހަންނަށް އެބައޮތް. ކްލަބްގެ ރައީސް (ބާޓޮމެއު)އާ އަހަރެން ވާހަކަ ދައްކައިފިން. ކަމެއް ދިމާވީމާ ފިލުމެއް ނޫން އޮތީ. ކެރިގެން އަލުން ބޭނުންވާ ޓާގެޓަށް ވާސިލްވާން ނުކުތުން އޮތީ،" މިރޭ ސްޕެނިޝް ލީގުގައި ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭގެ ޓެކްޓިކްސްތަކާ މެދު ކުޅުންތެރިންގެ ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށާއި އޭނާ މަގާމުގައި ހުރެފިނަމަ ބާސެލޯނާގެ ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމާ ބެހޭގޮތުން ވަލްވޭޑޭ ދިނީ ފިނި ޖަވާބެކެވެ.
"މީޑިއާގައި ދެކެވޭ ހުރިހާ ވާހަކަ އަކަށް އަހަރެންގެ ފަރުވާލެން ނެތް،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ޗެމްޕިއަންސް ލީގު ނުލިބުމުގެ ހިތްދަތިކަން އިހުސާސްކުރެވޭ ކަމަށާއި އެކަމަކު ދެން ބޭނުންވަނީ މި ސީޒަނުގައި ކޮޕަ ޑެލް ރޭ ކާމިޔާބުކޮށް އަންނަ ސީޒަނުގައި ޔޫރަޕްގެ ކާމިޔާބީއެއް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުން ކަމަށް އޭނާ ބުންޏެވެ،
ސީޒަނުގެ ބާކީ ބައިގައި ބާސެލޯނާ އަށް އޮތް އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް ނުކުޅެވުމެވެ.