ރޭގެ މެޗަށް ފަހު ހަޒާޑް ޗެލްސީގެ ސަޕޯޓަރުންނަށް ޝުކުރުއަދާކުރަނީ.-- ފޮޓޯ: އޭއެފްޕީ
13 މެއި 2019 - 11:44
ލަންޑަން (މެއި 13) - އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ނިންމި ނިންމުން ޗެލްސީ އަށް އެނގޭނެ ކަމަށް ރެއާލް މެޑްރިޑުން ހޯދަން މަސައްކަތްކުރަމުން އަންނަ ޗެލްސީގެ ތަރި އެޑެން ހަޒާޑް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކުގެ ތެރެއިން ރޭ ޗެލްސީ ވަނީ ލަނޑެއް ނުޖެހި ލެސްޓާ ސިޓީއާ އެއްވަރުކޮށް ލީގުގެ ތިން ވަނަ ހޯދައިފަ އެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް ލިބުނީ ހަޒާޑް އަށެވެ. އަދި ޗެލްސީގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
ރޭގެ މެޗަށް ފަހު ހަޒާޑް ވަނީ ލެސްޓާ ދަނޑަށް މެޗު ބަަލަންދިޔަ ޗެލްސީގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އެއީ ކްލަބް ދޫކޮށްލުމުގެ ގޮތުން ކުރި ކަމެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ހަޒާޑް ބުނީ އޭނާގެ ނިންމުން ކްލަބަށް އެނގޭނެ ކަމަށެވެ.
"މީގެ ހަފްތާތަކެއްގެ ކުރިން އަހަރެން ގޮތެއް ނިންމައިފިން. އެކަން ކްލަބަށް ވެސް އެނގިން. މިއީ އަމިއްލަ ނިންމުމެއް،" ހަޒާޑް ބުންޏެވެ.
ފްރާންސްގެ ލިއްލޭ އިން 2012 ވަނަ އަހަރު 42 މިލިއަން ޑޮލަަރަށް ޗެލްސީ އަށް ބަދަލުވި ހަޒާޑް، ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ޗެލްސީން ބޮޑު މުސާރައާ އެކު އެއްބަސްވުން އާ ކުރަން ހުށަހެޅި ނަމަވެސް ހަޒާޑް ވަނީ ދެކޮޅު ހަދައިފަ އެވެ.
ހަޒާޑް ބުނީ އޭނާގެ ނިންމުން އާންމުކުރާނީ މި މަހު 29 ވަނަ ދުވަހު އޮންނަ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ކަމަށެވެ. އަޒަރުބައިޖާނުގެ ބަކޫގައި ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ އާސެނަލްއާ އެވެ.
ފަހަކަށް އައިސް ޗެލްސީން ބައެއް މެޗުތަކުގައި ހަޒާޑަށް ފުރަތަމަ އެގާރައިން ފުރުސަތެއް ނުދެ އެވެ. އެއީ ހަޒާޑް ނުލައި ކުޅެން ޖެހޭތީ އެ ކަމަށް ތައްޔާރުވުމުގެ ގޮތުންތޯ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީއާ ސުވާލުކުރުމުން އޭނާ ބުނީ އެއީ ޓެކްޓިކަލް ނިންމުމެއް ކަމަށެވެ.
"ހުރިހާ ސަޕޯޓަރުންނެކޭ އެއްގޮތަށް އަހަރެން ވެސް ބޭނުމީ ހަޒާޑް މަޑުކުރަން،" ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.
ޗެލްސީ އަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން ކުރިއަށް އޮތް ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމެވެ. އެހެންވެ، ހަޒާޑު އެ ޓީމު ދުކޮށްލިޔަސް އޭނާގެ ބަދަލުގައި ކުޅުންތެރިޔަކު ގެނެވޭނެ މަގެއް ނޯންނާނެ އެވެ. އެކަމަކު ޗެލްސީން އަންނަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން އެކަމަށް ލުޔެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލަށް ބަދަލުވުމަށް ހަޒާޑާ އެކު ބާއްވަން ޖެހޭ ހުރިހާ ބައްދަލުވުންތަކެއް ރެއާލުން ވަނީ ނިންމާފައިކަމަށާއި އަދި ކޮންޓްރެކްޓްގައި ސޮއިކުރަން ހަޒާޑް ވަނީ އެއްބަސްވެފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދީރާ
13 May 2019
ފަސްއެނބުރި ފަހަތް ބަލަމުން ފިޔަވަޅުފަހަތުން ކުރިއަށް،
ވެންގާ
13 May 2019
ޗެލްސީ ދެން ދާނީ މަހަށް، އަހަރުން ރަށު ކުދިންނާ އެކީ
ކޮންޓެ
13 May 2019
އެއީ އާސެނަލް އެއް ނޫން ބްރޯ
ޗެލްސީ ފޭން އެއްނޫން
13 May 2019
ރިއާލް އަށް ވަރަށް ބޮޑު އުފަލެއް އެހެން ނަމަވެސް ޗެލްސީ އަށް ވަރަށް ބޮޑު ދެރައެއް. ސުވާލަކީ ޗެލްސީ ދެން ކިހިނެތް ތޯ ހަދާނީ. އަނެއްކާވެސް ޗެލްސީ ފަހަތަށް ޖައްސާލަނީބާ؟؟
ކޮންޓެ
13 May 2019
ޗެލްސީ ދާނީ ކުރިއަށް.