ބަޔާން މިއުނިކުގެ ކެޕްޓަން މެނުއަލް ނޯޔާ ލީގުގެ އައްޑަނަ އުފުލާލާއިރު އެހެން ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
18 މެއި 2019 - 22:21
މިއުނިކް (މެއި 18) – އެއިންޓްރެކްޓް ފްރެންކްފަޓް އަތުން އަމިއްލަ ދަނޑުގައި މިރޭ 5-1 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް އަދި ޖުމްލަ 29 ވަނަ ފަހަރަށް ހޯދައިފި އެވެ.
ލީގަށް ވާދަކުރަމުން އައި ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ ބޮރޫޝިއާ މޮންގްލަޑްބެކް އަތުން 2-0 އިން މޮޅުވި ނަމަވެސް އެ ޓީމަށް ފުރުސަތެއް އޮތީ ބަޔާން ބަލިވެގެންނެވެ. އެކަމަކު ބަޔާނުން ތިން ޕޮއިންޓް ހޯދައި ޖުމްލަ 78 ޕޮއިންޓާ އެކު ލީގު ކަށަވަރުކުރީ އެވެ. ޑޯޓްމަންޑް ދެ ވަނައިގައި ލީގު ނިންމާލީ 76 ޕޮއިންޓާ އެކު އެވެ.
މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ފްރޭންކް ރިބެރީ އާއި ނެދަލެންޑްސްގެ އާޔެން ރޮބެން ބޮޑު ކާމިޔާބީއަކާ އެކު ޓީމަށް އަލްވަދާއު ކީ އިރު ދެ ކުޅުންތެރިން ވެސް މިރޭ ލަނޑު ޖެހި އެވެ.
ކިންގްސްލީ ކޯމަންގެ ގޯލުން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ލީޑު ނަގާފައި އޮއްވާ ފްރެންކްފަޓުގެ ސެބަސްޓިއަން ހޯލާ ވަނީ 50 ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. ބަޔާނަށް އަލުން ލީޑު ނަގައިދިނީ އޭގެ ތިން މިނެޓު ފަހުން ޑޭވިޑް އަލަބާ އެވެ. އަދި 58 ވަނަ މިނެޓުގައި ރެނާޓޯ ސަންޗޭސް ތަފާތު ބޮޑުކޮށްދީފައިވަނިކޮށް ރިބެރީ އާއި ރޮބެން ގޯލްތައް ޖެހީ ފަހުކޮޅެވެ.
ބަޔާނުން މި ފަހަރު ލީގު މި ކާމިޔާބުކުރީ ކުރީ ފަހަރުތަކާ ބަލާއިރު ވަރަށް އުނދަގޫ ހާލަތެއްގައި އޮވެ އެވެ. އެގޮތުން ޑިސެމްބަރު މަހު އެ ޓީމު އޮތީ ޑޯޓްމަންޑަށް ވުރެ ނުވަ ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު ޖެނުއަރީން ފަށައިގެން ފޯމް ރަނގަޅުކޮށް އޭގެ ފަހުން މޮޅެއް ނުހޯދިޔައީ އެންމެ މެޗަކުންނެވެ. ތަށި ލިބުނު ނަމަވެސް ކޯޗު ނިކޯ ކޮވަޗް މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ. ބަދަލުގައި ގެންނާނެ ކަމަށް ބެލެވެނީ ހޯސޭ މޮރީނިއޯ ނުވަތަ މެކްސިމިލިއާނޯ އެލެގްރީ އެވެ.
ކޯޗު ބަދަލުކުރުމުގެ އިތުރުން ސްކޮޑަށް ވެސް ބަދަލުތަކެއް ގެންނާނެ އެވެ. ކާމިޔާބު 10 އަހަރަށް ފަހު ރޮބެން އާއި ރިބެރީ ވަކިވިއިރު އަލުން ޓީމެއް ބިނާކުރުމަށްޓަކައި އެ ކްލަބުން އަންނަނީ ޒުވާން ކުޅުންތެރިންނަށް ފާރަލަމުންނެވެ. އެ ޓީމުން މިހާރު ވެސް ވަނީ ފްރާންސްގެ ބެންޖަމިން ޕަވާޑާއި ލޫކަސް ހެނާންޑޭޒްގެ ސޮއި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
20 May 2019
ވަންމޭންޝޯވ ކުޅޭތާކު ވާނީ ތިހެން... ކިރިޔާވެސް ބަޔަކު ވާދަކޮށްލާއިރަށް އެޓީމެއްގަ ތިބި ރަނގަޅު ހުރިހާ ކުޅުންތެރިން އުފުރާލާނެ... އެހެޔޮ ބެންޗް ބަހަށްޓަންވިޔަސް... ޑޯޓްމަންޑަށްވެސް ހެދީއެހެން... ދެން ލީގު ނަގާވާހަކަ މިދައްކަނީ..... #ބާޔާންނޫންގޮތެއް
ޢިބޫ
19 May 2019
ކުރިސްޓިއާނޯ ރޮނާލްޑޯ ބެޔާންއަށް ގޮއްސިއްޔާ ބުންޑަސްލީގާގައިވެސް ކާމިޔާބު ހޯދުނީދޯ.. މިބުނާއެތި އިނގިޖިއްޔާ.
ރަދީފް
19 May 2019
ތިބުނަން އުޅޭ މަލާމާތުގެ ބައިތު ދޭހަވޭ.[ނަމަވެސް ، ނަމަވެސް ބެންޗް ހޫނުކުރަން އިނދެއެއްނޫން ރޮނާލްޑޯ ކަމިޔާބ ހޯދަނީ.ޔުވޭއަށް މިއަދާއި ހިސާބަށް ކުޅުނު 30 މެޗްގަ ރޮނާލްޑޯ ވަނީ 21 ގޯލް ޖަހާފަ.ބުންޑަސްލީގާގަ ކުޅުނަސް އޭނަގަ ކޮންޓްރިބިއުޝަން ލިބިގެން ބަޔާނުން ލީގް ކާމިޔާބް ކުރިޔަސް ލީގް ލިބުނުކަމަށް ވާނެ.ފުޓްބޯޅަ އެއީ ޓީމް ގޭމެކޭ ބްރަދާ.]ވ.ވެދުން
މީނަ
19 May 2019
ހެހެ. އަހަންނަށް ހީވަނީ ދެން ރޮނާލްޑޯ ދާންވީ ޕީއެސްޖީއަށްހެން. އެއަށްފަހު ކެރިޔަރު ނިންމާލަންވީ ބަޔާނުން. ކޮންމެ ޓީމަކަށް ދިޔަޔަސް ލީގު ޔަޤީން. އާ ޗެލެންޖް ރަނގަޅަށް ލިބޭނެ.