06 ޖޫން 2019 - 10:07
ޕެރިސް (ޖޫން 6) – އެންމެ ސީޒަނަކަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލައި އެނބުރި އިޓަލީ އަށް ބަދަލުވާން އެ ގައުމުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނިންމައިފި އެވެ.
އިޓަލީގެ ޔުވެންޓަސް އަށް 17 އަހަރު ކުޅުމަށް ފަހު މިދިޔަ އަހަރު އެ ކްލަބާ ވަކިވުމުން ބެލެވުނީ އުމުރުން 41 އަހަރުގެ ބުފޮން ރިޓަޔާކުރާނީ ކަމަށެވެ. އެކަމަކު ގައުމުން ބޭރުގައި ތަޖުރިބާއެއް ކުރަން ޕީއެސްޖީ އަށް ބަދަލުވީ އެވެ. އެ ޓީމަށް 25 މެޗު ކުޅެދީ ފްރާންސް ލީގު ކާމިޔާބުކޮށްދިން ބުފޮން ބުނީ އެ ޓީމުން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅި ކަމަށެވެ. އެކަމަކު އާ ތަޖުރިބާއެއް ކުރާށާއި ޕްރޮފެޝަނަލް އިތުރު ޗެލެންޖަކާ ކުރިމަތިލާން ބޭނުންވާތީ ކޮންޓްރެކްޓުގައި ސޮއިކުރަން ބޭނުންނުވީ ކަމަށެވެ.
"މިއަދު އަހަރެން އިޓަލީން ބޭރުގައި ކުރި ތަޖުރިބާ އަށް ނިމުން އައީ،" ބުފޮން ބުންޏެވެ.
އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ބުފޮން އަދިވެސް ކުޅުން ކުރިއަށްގެންދާނެތޯ ނުވަތަ ދެން ފެންނާނީ ކޯޗިން ނޫނީ ޑިރެކްޓަރެއްގެ ރޯލުން ކަމެއް ސީދާ ނުބުނެ އެވެ. އެކަމަކު ބުފޮންގެ އޭޖެންޓް ބުނީ ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.
އެހެންވެ ބެލެވެނީ ބުފޮން އަންނަ ސީޒަނުގައި ފެންނާނީ އިޓަލީގެ ކްލަބަކުން ކަމަށެވެ. އޭނާ ގުޅިދާނެ ކްލަބްތަކުގެ ތެރޭގައި ކެރިއަރު ފެށި ޕާމާގެ އިތުރުން ލާޒިއޯ އާއި ޖެނޯއާ ހިމެނެ އެވެ.
ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކުރި އެވެ. އެކަމަކު ޗެމްޕިއަންސް ލީގު އުފުލާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy