06 ޖޫން 2019 - 11:50
ރިއޯ ޑި ޖަނޭރޯ (ޖޫން 6) - ގަތަރު އަތުން ރޭ 2-0 އިން މޮޅުވި އެކުވެރިކަމުގެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މި މަހު އެ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ނޭމާ އަށް ނުކުޅެވޭނެ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް ބްރެޒިލް ރޭ ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި އަނިޔާގެ ސަބަބުން ނޭމާ ބަދަލުކުރިއިރު، ބްރެޒިލް މޮޅުވި ގޯލުތައް ޖެހީ ރިޗާލިސަން އާއި ގަބްރިއެލް ޖީސޫސް އެވެ. އަނިޔާގެ ސަބަބުން މިދިޔަ ދެ ސީޒަނުގައި ވެސް ނޭމާ އަށް ޕީއެސްޖީގެ މުހިއްމު މެޗުތަކެއް ގެއްލުނެވެ. މިދިޔަ އަހަރު ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާ ފިޓްވީ ވޯލްޑް ކަޕް ފެށެން ގާތްވެފައިވަނިކޮށެވެ.
އަނިޔާގެ ސަބަބުން ނޭމާ ގެއްލުމުން 2007 ވަނަ އަހަރަށް ފަހު ކޮޕާ އެމެރިކާ ކާމިޔާބުކުރަން އަމާޒުހިފާފައިވާ ބްރެޒިލަށް އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ކޮޕަ އެމެރިކާ ފަށާނީ މި މަހު 14 ވަނަ ދުވަހު އެވެ. ކޮޕާ އެމެރިކާގެ ތަށި އަށް ފަހު އުފުލާލާފައިވާ ބްރެޒިލްގައި މި ފަހަރު ބާއްވާ މި މުބާރާތުގައި ލައްވާލީ ބޮލީވިއާ، ވެނެޒުއާލާ އަދި ޕެރޫއާ އެއް ގްރޫޕަކަށެވެ.
މިިދިޔަ މަހު 15 ވަަނަ ދުވަހު ބްރެޒިލްގެ އަންހެނެއް ޕެރިހުގައި ރޭޕްކުރި ކަމަށް ބުނެ ނޭމާއާ ދެކޮޅަށް ޕޮލިހަށް ހުށަހަޅާފައިވާ މައްްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެ ކަމާ ހެދި ނޭމާ މި ފަހަރު ކޮޕާ އެމެރިކާގައި ނުފެނިދާނެ ކަމަށް މީޑިއާގައި ވަނީ މީގެ ކުރިން އަޑުފެތުރިފަ އެވެ. އެކަމަކު ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ރޮޖެރިއޯ ކަބަކްލޯ ވަނީ އެ މައްސަލައިގެ ސަބަަބުން ނޭމާ ގައުމީ ޓީމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ޕީއެސްޖީ އަށް ކުޅެނިކޮށް ދިމާވި އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ބްރެޒިލްގެ ކެޕްޓަންކަން އުމުރުން 27 އަހަރުގެ ނޭމާ އަތުން ނަގައި ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އަށް ވަނީ ދީފަ އެވެ. ޗެމްޕިއަންސް ލީގުގައި ރެފްރީ އަކަށް ފާޑުކިއުމުންނާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުން ނޭމާ އަށް ވަނީ ޔުއެފާ އާއި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ފަރާތުން ދެ ސަސްޕެންޝަނެއް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާއާ ދެކޮޅަށް ރޭޕްގެ ތުހުމަތުކޮށް މައްސަލަ ހުށަހެޅި އަންހެން މީހާގެ ވާހަކަތަކުގައި ހަގީގަތާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވޭތީ އޭނާގެ ވަކީލުން ވަނީ އެ މައްސަލައިގައި ވަކާލާތު ނުކުރަން ނިންމައިފަ އެވެ. އާ ވަކީލަކާ އެކު އެ އަންހެން މީހާ މައްސަލަ ކުރިއަށްގެންދަން ނިންމާފައިވާއިރު، އޭނާ ވަނީ ބްރެޒިލްގެ އެސްބީޓީ ނެޓްވޯކަށް ކަންތައްތައް ހިނގާދިޔަ ގޮތާ ބެހޭގޮތުން އިންޓަވިއުއެއް ދީފަ އެވެ. އަދި އެ އިންޓަވިއުގައި އޭނާ ބުނީ ނޭމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ފުލުހުންނަށް ވީޑިއޯ އެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
ރޭޕްގެ ތުހުމަތު ދޮގުކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ވެސް ވަނީ މީގެ ކުރިން މީޑިއާ އަށް އިންޓަވިއުއެއް ދީފަ އެވެ. އަދި އެ އިންޓަވިއުގައި ނޭމާ ވަނީ އެ އަންހެން މީހާ ފޮނުވާފައިވާ ވަޓްސަޕް މެސެޖުތަކާއި ބޭއަދަބީ ފޮޓޯތައް މީޑިއާ އަށް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލޯ އާމިރު
07 June 2019
ކޮޕާ އެމެރިކާ ގަ ޖަޕާން އަދި ގަތަރު ކުޅެވެނީ ކީއްވެބާ؟
ހަގީގަތް
07 June 2019
މި ފަހަރު އިންވައިޓްކުރީ އެ ދެ ޤައުމަށް. ކުރިން މެކްސިކޯ އަދި އެމެރިކާޔަށް އިންވައިޓްވެސް ކުރި.
ކަޑިބޯ
07 June 2019
ބްރެޒިލްގަ މުބާރާތެއް ބާއްވަންޏާ މީނާ މީހަކުކައިރީ ބުނެކިޔާންވެސް އެބަ ފަޔަށް ތަދުކޮއްލާ، އެ ބޯދަމަނީ!!
ހަގީގަތް
06 June 2019
މިއީ ބްރެޒިލްއަށް ވަރަށް ހިތާމަވެރި ޚަބަރެއް. ނޭމާގެ ބަދަލުގައި ޓީމަށް ނަގަންޖެހޭނީ އޭނަ ކަހަލަ ޕޭސީ އަދި ކްރިއޭޓިވް ވިންގަރެއް. ޑަގްލަސް ކޮސްޓާ ނުވަތަ ވިނީޝިޔަސް ޖޫނިޔާ ރަނގަޅުވާނެ.
ކޯޗް
06 June 2019
މިސޮރަށް ވާނީވެސް މިހެންނެވެ. މިސޮރުގެ އަޚްލާޤީ ފެންވަރު މާދަށީއެވެ. ބްރެޒިލްއަށް ރަނގަޅު ފާލަކަށް މިކަންވާނެއެވެ.
ރާއްޖެ
06 June 2019
ގްޑް ނިއުސް ފޯ ބްރެޒިލް.
ކިއްލިބާޝާ
06 June 2019
ތީ ވަރަށް ދެރަކަމެއް.
ޕޮގުބާ
06 June 2019
ބަރާބަރު