ނިކަރަގުއާގެ ދެ ކުޅުންތެރިން ކައިރިން މެސީ (މ) ދެމި ގަންނަނީ. --ފޮޓޯ: އޭއެފްޕީ
08 ޖޫން 2019 - 12:02
ސެން ހުއާން، އާޖެންޓީނާ (ޖޫން 8) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން މިއަދު ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ނިކަރަގުއާ އަތުން 5-1 އިން މޮޅުވެއްޖެ އެވެ.
އަމިއްލަ ގައުމުގައި އާޖެންޓީނާ ކުޅުނު މެޗުގައި މެސީ ގޯލް ޖެހީ ފުލުފުލުގައި، 37 ވަނަ މިނެޓާއި 38 ވަނަ މިނެޓުގަ އެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒެވެ. ފަހު ގޯލް ކާމިޔާބުކުރީ ރޮބާޓޯ ޕެރެއިރާ އެވެ. ފީފާ ރޭންކިންގެ 129 ވަނައިގައި އޮތް، މެދުތެރެ އެމެރިކާގެ ގައުމެއް ކަމަށްވާ ނިކަރަގުއާގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ހުއާން ބަރޭރާ އެވެ.
މި މެޗުގައި އާޖެންޓީނާ އިން ކުޅުނީ ސާޖިއޯ އަގުއޭރޯ ސެންޓަ ފޯވާޑަކަށް ލައިގެން އޭނާގެ ފަހަތުން ސެކަންޑް ސްޓްރައިކަރަކަށް މެސީ ކުޅޭ ގޮތަށެވެ. ދެ ފަޅިން އެޓޭކަށް ކުޅުނީ ރިވާ ޕްލޭޓުގެ މަތިއަސް ސުއަރޭޒާއި ރެއާލް ބެޓިސްގެ ޖިއޮވާނީ ލޮ ސެލްސޯ އެވެ. މެސީގެ ބަދަލުގައި ފަހުން ޕައޮލޯ ޑީބަލާ އެރުވިއިރު އިންޓަގެ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒް އެރީ އަގުއޭރޯގެ ބަދަލުގަ އެވެ.
އާޖެންޓީނާ ސްކޮޑުގައި ތަޖުރިބާކާރު ދެ ފޯވާޑުން ކަމަށްވާ ޗެލްސީގެ ގޮންޒާލޯ ހިގުއައިން އާއި އިންޓަ މިލާނުގެ ކެޕްޓަން މައުރޯ އިކާޑީ ނުހިމެނެ އެވެ. ދެ ކުޅުންތެރިންނަށް ވެސް ފުރުސަތު ނުލިބުނީ ފޯމުން ކަޓާފައިވާތީ އެވެ. އާ ކޮންޓްރެކްޓެއް ހެދުމަށް އިންޓައާ އެކު އެއްބަސްވުމަކަށް ނާދެވި މައްސަލަތަކެއް ދިމާވުމުން އެ ކްލަބުން އޭނާ އަތުން ކެޕްޓަން ބޭންޑް ނެގުމުން ހިތްހަމަނުޖެހިގެން ދެ މަހެއްހާ ދުވަހު ނުކުޅެ ހުއްޓެވެ. އޭނާ ޑިސެމްބަރުގެ ފަހުން އޯޕަން ޕްލޭގައި ލަނޑެއް ޖަހާފައެއް ނުވެ އެވެ. ނިކަރަގުއާ ކޮޅަށް މި މެޗުގައި ދެ ލަނޑު ޖެހި ލޮޓާރޯ މާޓިނޭޒަކީ އިކާޑީގެ ބަދަލުގައި އިންޓަގެ ފުރަތަމަ އެގާރައިގައި ވެސް ކުޅުނު ފޯވާޑެވެ.
ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ފުރަތަމަ މެޗުގައި މި މަހު 15 ގައި ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 19 ގައި ޕެރެގުއޭއާ ބައްދަލުކުރާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ 23 ގަ އެވެ. އޭޝިއާގެ ޗެމްޕިއަން ގަތަރުން މުބާރާތުގައި ވާދަކުރަނީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ.
މި މުބާރާތް 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ތަށްޓެއް އަދި އިންޑިވިޖުއަލް ކެރިއަރުގައި ވެސް އެތައް އެވޯޑެއް ހޯދާފައިވާތީ އާޖެންޓީނާ ސަޕޯޓަރުން އޭނާގެ ފަރާތުން ކާމިޔާބަކަށް އުއްމީދުކުރެ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމުގައި މެސީ އަށް ނުކުޅެވުނީ އެ ޕްރެޝަރާ ހެދި އެވެ. ބެލެވޭ ގޮތުގައި މިއީ އާޖެންޓީނާއާ އެކު ތަށްޓެއް ހޯދަން މެސީ އަށް ލިބޭނެ ފަހު ފުރުސަތެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ މި މުބާރާތަށް ފަހު ރިޓަޔާކުރުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
09 June 2019
129 ރާއްޖެއަށްވުރެ ބަލިވާނެ
ހަގީގަތް
08 June 2019
މަމެން އުމުރުން 25 އަހަރު ވީއިރު އަދި އާރޖެންޓީނާއަށް ތަށްޓެއް ލިބިފައި ނެތޭ ތިޔަ ބުނަނީ؟
ރަދީފްް
08 June 2019
މިތާ ކޮމެންޓް ކުރާ ފޭން ބޯއީސް ދުވަހަކު އަޑުވެސް ނާހާ ޓީމަކާ ދެކޮޅަށް ކުޅެ މެސީ 2 ލަނޑު ޖެހުމަކީ ވޯރލްޑް ކަޕް ކާމިޔާބު ކުރެވުން ފަދަ ކަމެއް.
ރަށްދު
08 June 2019
ދުނިޔޭގެ ރޭންކިން 129 ޖެހުނު ގޯލްމަދު
ރަދީފް
08 June 2019
މީގެ 02 ރެއެއް ކުރިން ދުނިޔޭގެ ރޭންކިންގެ 4 ވަނަ އަދި 16 ވަނަ ބައްދަލުކުރި މެޗުން 4 ވަނަ ބަލިވީ.އެހެންވީމަ ރޭންކިންގއޭ ކޮމާންޑޭ ކިޔައިގެން ފަރިހި ކިޔައި ލަނގިރި ޖެހުމުގެ ބޭނުމެއް ނެތް.
ހަގީގަތް
10 June 2019
ކަލޭމެންގެ ހީރޯޔަށް ޖާރމަނީ، ބްރެޒިލް، ފްރާންސް، އިޓަލީ ފަދަ ވަރުގަދަ ޓީމްތައް ކޮޅަށް ކިތައް ގޯލް ޖެހުނީ. 88 ގޯލްގެ ތެރެއިން 70 އިންސައްތަޔަށްވުރެ ގިނަ ގޯލް ޖަހާފައިހުރީ ދަށް ރޭންކް ތަކުގެ ޓީމްތައް ކޮޅަށް.
ފަހު ޕެރެގްރާފް
08 June 2019
31 އަހަރުގެ ކުޅުންތެރިޔާއަައް ރިޓަޔަރ ކުރުމުގެ ފުރުސަތު އޮތޭ ބުނާއިރު، ކޮންމެ މުބާރާތެއް ނިންމާފަވެސް ރިޓަޔަރ ކުރާ ގޮލައެއް ތިނޫނީ ނެތް.....މީ ފެކްޓް
ހަގީގަތް
08 June 2019
މެސީ ރިޓަޔާވީ އަދި އެންމެ ފަހަރަކު. އެއަށްފަހު އަލުން ޤައުމީ ޓީމަށް ގުޅުނީ. ކަލޭ ބުނާގޮތުން ވާރލްޑް ކަޕަށްފަހު ރޮނާލްޑޯވެސް ރިޓަޔާވި. އެއީ ޕޯރޗުގަލްއަށް ނުކުޅި ދުވަސްތަކެއް ހޭދަކުރުމުން.
ބާސާ ފޭން
08 June 2019
މިހާރުވެސް ބަލާބަލަ ރޮނާލްޑޯ.....ބަަަލަ މެސީ ރިޓަަޔާ ކުރަނީކީ ނޫނޭ އަމިއްލައަށް ވަނީ...އޭވެސް ވަރަށް ބޮޑު ބޭނުމެއްގަ....މީޑިއާ ތަކުގަ ހުންނަނީ ހުސް ދޮގު...ތި ގޮލާ މެން މީޑިއާގަ ހުންނަ ދޮގު ހަބަރު ގަބޫލުކޮއްގެން މޮޔަ ގޮވާ
ރަދީފް
08 June 2019
މަރުހަބާ އާޖެންޓީނާ ، މަރުހަބާ މެސީ.އާޖެންޓީނާ ބަލިވިނަމަ މިހަބަރުގަ މިހާރު ހުންނާނެ ބައިވަރު ފޭކް ކޮމެންޓްސް.ނަމަވެސް މޮޅުވީމަ އެއްކަލަ ގަބީލާމީހުން ތިބީ ނިދާފަ.ވ.ވެދުން
ސުވަރޭޒް
08 June 2019
މެސީ ކުޅުން ހުއްޓާ ލުމުން މަމެން ފްޓު ބޯލް ބެލުން ހުއްޓާލާނަން.
ޥެންގަރ
08 June 2019
??