ތުރުކީން ދުނިޔޭގެ ޗެމްޕިއަަން ފްރާންސް ބަލިކޮށްފި

ކޮންޔާ، ތުރުކީ (ޖޫން 9) - އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުން ތުރުކީ އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް 2-0 އިން ބަލިކޮށްފި އެވެ.


މިއީ ވާދަވެރި މެޗަކުން ފްރާންސްގެ މައްޗަށް ތުރުކީން ކުރިހޯދި ފުރަތަމަ ފަހަރެވެ. ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗާ އެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕް އެޗްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

ކޮންޔާގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި ތުރުކީ އަށް ލީޑުނަގައިިދިނީ ހާން އައިހަން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްގެ މެދުތެރެއިން ޕައުލް ޕޮގްބާ އަތުން ގެއްލުނު ބޯޅައެއް ހޯދައި ތުރުކީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނީ ރޯމާގެ ހުނަރުވެރި މިޑްފީލްޑަރު ސެންޗިޒް އުންޑެއާ އެވެ. އޭނާ ވަނީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރީސް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ތުރުކީ އަށް އިތުރު ލަނޑެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން ބުރަކް ޔިލްމާޒަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ފްރާންސްގެ ތަރި އެންގޯލޯ ކާންޓޭ ނުކުޅޭއިރު، އެ ޓީމުގެ ކުރިއަށް ކުޅުނު އެންޓޮއިން ގްރީޒްމަން އާއި އޮލިވިއޭ ޖިރޫޑަށް އެންމެ އެކަށީގެންވާ ވަރުގެ ފުރުސަތުތަކެއް ތަަނަވަސްކުރެވިފައިނުވެ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަަމަށާއި ތުުރުކީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

"މިއީ އަހަރެމެން ހަގީގަތާ ކުރިމަތިލާންޖެހޭ ވަގުތު. މަސައްކަތް ނުކޮށެއް މެޗުތަކުން މޮޅެއް ނުވެވޭނެ. މި ހިސާބުން އަހަރެމެން ސީރިއަސްވާންޖެހޭނެ. އެހެން ނޫންނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ،" މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިން ޑެޝޯމްޕްސް ބުންޏެވެ.

ބެލަރޫސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮލިފައިންގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި ގްރީސް އަތުން އިޓަލީ ވަނީ 3-0 އިން މޮޅުވެފަ އެވެ. އިޓަލީގެ ގޯލުތައް ކާމިޔާބުކުރީ ނިކޯލޯ ބަރެއްލާ، ލޮރެންޒޯ އިންސީނިއާ އަދި ލިއޮނާޑޯ ބޮނޫޗީ އެވެ. އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ ވަނީ 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ. ވޭލްސްގެ ޖޭމްސް ލޯރެންސް އަތުން ބައިކޮޅަށް ވަން ގޯލުންނާއި އިވާން ޕެރިސިޗް ޖެހި ލަނޑުން ކްރިއޭޝިއާ ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ރަޔާން ގިގްސްގެ ކޯޗުކަމުގައި ކުޅޭ ވޭލްސްގެ ހަމައެކަނި ގޯލު ޖަހައިދިނީ ބޯންމައުތުގެ ވިންގް ޑޭވިޑް ބްރޫކްސް އެވެ.

އަނިޔާގެ ސަބަބުން މި ވަގުތު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ޓީމާ ދުރުގައި ހުރިއިރު ރޭ ބެލަރޫސް އަތުން ރަށުން ބޭރުގައި ޖަރުމަނު 2-0 އިން މޮޅުވި މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މާކަސް ސޯގް އެވެ. ޖަރުމަނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކުން ފާރަލަމުން އަންނަ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ލެރޯއި ސާނޭގެ އިތުރުން ބޮރުޝީއާ ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް އެވެ.