މަރުގެ މެޗަކަށް މެސީ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 23) - ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގައެއް ބޭނުން ނަމަ މޮޅުވުން މަޖުބޫރު މެޗަކަށް، އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް މިރޭ އާޖެންޓީނާ ނުކުންނައިރު އިތުބާރު އެބަ އޮތް ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.


ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވި އާޖެންޓީނާ ވަނީ ދެ ވަނަ މެޗުން ޕެރަގުއޭއާ 1-1 އިން އެއްވަރުވެފަ އެވެ. ލިއޮނަލް ސްކަލޯނީގެ ކޯޗުކަމުގައި ކުޅޭ އާޖެންޓީނާ ދެ ވަނަ މެޗުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރުހީވެފައިވަނިކޮށް ޓީމު ސަލާމަތްވީ މެސީ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ކުއާޓާ ފައިނަލުގެ ޖާގައެއް އާޖެންޓީނާ އަށް ލިބެން އޮތީ މިރޭ ގަތަރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ގްރޫޕުން ކުއާޓާގެ ޖާގަ ޔަގީންކޮށްފައިވާ ކޮލަމްބިއާ މިރޭ ޕެރަގުއޭ އަތުން މޮޅުވެ، ގަތަރުގެ މައްޗަށް އާޖެންޓީނާ އިން ކުރިހޯދައިފި ނަމަ އެ ޓީމަށް ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާގެ ފުރުސަތު ލިބޭނެ އެވެ. އެހެން ނޫނީ މިރޭގެ މެޗުން މޮޅުވެގެން އާޖެންޓީނާ އަށް ދެން ކުއާޓާގެ ފުރުސަތު ލިބޭނީ ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ރޭންކިންގައި ކުރި ލިބިގެންނެވެ. ތިން ގްރޫޕުގެ ތިން ވަނައިގެ ތެރެއިން ދެ ޓީމެއް ކުއާޓާ އަށް ދާނެ އެވެ.

"އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުކުރަން ބޭނުން ނަމަ ވިސްނަން ޖެހޭނީ ޕޮޒިޓިވްކޮށް. އަހަރެމެން ރަނގަޅުކުރަން ޖެހޭ. ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން މި މެޗަށް ނުކުންނަން ޖެހޭނީ. ތިން ޓީމަށް މި ގްރޫޕުން ދެ ވަނަ ބުރަށް ދެވެން އޮތްއިރު އަހަރެމެންނަށް އެކަން ނުކުރެވިއްޖެ ނަމަ އެއީ ލިބޭނެ ލަދުވެތިކަމެއް،" މާދަމާ 32 ވަނަ އުފަން ދުވަސް ފާހަގަކުރާ މެސީ ބުންޏެވެ.

ކޮޕަ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. އާޖެންޓީނާއާ އެކު ތިން ފައިނަލުން ބަލިވެފައިވާ މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ އަލުން ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާވެފައިވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާ އަކީ މެސީ ގައުމީ ޓީމަށް ކުޅެދޭނެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ.

ދައުވަތުދީގެން ކުޅޭ ދެ ޓީމުގެ ތެރެއިން އެއް ޖާގަ އަށް މި މުބާރާތުގައި ކުޅޭ ގަތަރާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަމަަ އެ ގަޑީގައި މި ގްރޫޕްގެ އަނެއް މެޗުގައި ކޮލަމްބިއާ ބައްދަލުކުރާނީ ޕެރަގުއޭއާ އެވެ.