ގްރީޒްމަން އެންމެ ފަހުން ބާސެލޯނާ އަށް!

ބާސެލޯނާ (ޖުލައި 12) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އެންމެ ފަހުން ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.


މިދިޔަ ސީޒަނުގައި ވެސް އުމުރުން 28 އަހަރުގެ ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ޖެހިލި އެވެ. އެކަމަކު އެންމެ ފަހު ވަގުތު އޭނާ ވަނީ އެ ނިންމުން ބަދަލުކޮށް އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާ ކޮށްފަ އެވެ.

ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަށް ދައްކަންޖެހޭ 120 މިލިއަން ޔޫރޯ (135 މިލިއަން ޑޮލަރު) ދައްކަން ބާސެލޯނާ އިން އެއްބަސްވުމުންނެވެ. އޭނާ ބާސެލޯނާއާ އެކު ފަސް އަހަރަށް ސޮއިކުރިއިރު އެ އެއްބަސްވުން ހަމަވާނީ 2024 ގަ އެވެ.

ފްރާންސާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގްރީޒްމަން މިދިޔަ މާޗް މަހު ބާސެލޯނާއާ ގުޅެން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ އެތުލެޓިކޯ އިން ދާދި ފަހުން ވަނީ ބާސެލޯނާ އަށް ފާޑުކިޔައިފަ އެވެ.

އެތުލެޓިކޯ އިން ބުނި ގޮތުގައި، ގްރީޒްމަން ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އައި ކަން އެންގީ ކްލަބްގެ މުހިއްމު މެޗުތަކެއް ބޯމަތިވެފައި ވަނިކޮށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުވެންޓަސްއާ އެކު ކުޅެން އޮތް މެޗުގެ ކުރިންނެވެ. އޭރު އެތުލެޓިކޯ އިން ދިޔައީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގަށް ވާދަކުރަމުންނެވެ. އެތުލެޓިކޯ އިން ބުނީ ބާސެލޯނާ އިން އަމަލުކުރީ ވަރަށް އިހުތިރާމްކުޑަކޮށް ކަމަށެވެ.

މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެ ފަހުން ގްރީޒްމަން އެ ނިންމުން ބަދަލުކުރުމުން ބާސެލޯނާގެ ކުޅުންތެރިން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގްރީޒްމަނަށް ބާސެލޯނާ އިން ބިޑެއް ނުކޮށްފާނެކަމަށް ހީވުމުން އޭނާ ވެސް ވަނީ މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ބާސެލޯނާ އިން ގްރީޒްމަންގެ ޑީލް ނިންމާފައިވާއިރު އެ ޓީމުން ދެން ގެންނަން މަސައްކަތްކުރާ ޕީއެސްޖީގެ ނޭމާ ބޮޑު އަގުގައި ގަންނަން ބޭނުނަމަ ކުޅުންތެރިންތަކެއް ވިއްކާލަން ޖެހޭނެ އެވެ. އެއީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދަށް ފެއްތުމުގެ ގޮތުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި އޮސްމާން ޑެމްބެލޭ އާއި އިވާން ރަކިޓިޗް އަދި ފިލިއްޕޭ ކުޓީނިއޯ ހިމެނެ އެވެ.

އެތުލެޓިކޯ އިން ވަނީ ގްރީޒްމަން ނެތްތަނަށް 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސް ގެނެސްފަ އެވެ. އަދި އޭގެ އިތުރުން ރެއާލް މެޑްރިޑްގެ މާކޯސް ލޮރެންޓޭ އާއި ޕޯޓޯ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ފިލީޕޭ އާއި އެ ޓީމުގެ މިޑްފީލްޑަރު ހެކްޓަ ހެރޭރާ ވަނީ ގެނެސްފަ އެވެ.