25 ޖުލައި 2019 - 10:01
މެންޗެސްޓާ (ޖުލައި 25) - ޖަރުމަނުގެ ތަރި ލެރޯއި ސާނޭ ހޯދަން ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނައިރު އޭނާގެ ނިންމުން އޮޅުން ފިލުވަން މިހާރުގެ ކްލަބް މެންޗެސްޓާ ސިޓީން އެދެފި އެވެ.
ސިޓީގައި ހުންނަން ބޭނުންނުވާ ކުޅުންތެރިއަކު ލައްވައި ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ، ސާނޭ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެ ކުރިން ނުސީދާ އިންޒާރެއް ދީފަ އެވެ. އެކަމަކު ހޮންކޮންގައި އިއްޔެ ކުޅުނު މެޗަށް ފަހު ގާޑިއޯލާ ވަނީ ސާނޭއާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދީފަ އެވެ.
"އަހަރެމެން އެބަ ބޭނުންވޭ ސާނޭ ބޭނުންވާ ގޮތެއް ވެސް އެނގެން. އަހަރެމެން ސާނޭއާ އެކު މި އަންނަނީ އާ އެއްބަސްވުމެއް ހަދަން މަޝްވަރާކުރަމުން. އޭނާގެ އޭޖެންޓާ އެކު މިހާރު ވެސް އެ މަޝްވަރާތައް ކުރިއަށް އެބަދޭ. މީގެ ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ އެ މީހުން އަތުގައި،" އިއްޔެ ހޮންކޮންގެ ކިޗީ އަތުން ސިޓީ 6-1 އިން މޮޅުވިއިރު އެ މެޗުގައި ދެ ގޯލު ޖެހި ސާނޭއާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.
ސިޓީއާ އެކު ސާނޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އެކަމަކު ކޮންޓްރެކްޓް އާކުރަން މިހާތަނަށް ސިޓީން ހުށަހެޅި ހުރިހާ ފަަހަރަކު ވެސް ސާނޭގެ ފަރާތުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް ނުލިބެ އެވެ.
ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީ މެޗުގެ ތެރެއިން ސާނޭ (ވ) ވުލްވްސްގެ ނެވޭސް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
އުމުރުން 23 އަހަރުގެ ސާނޭ ހޯދަން މީގެ ކުރިން ވެސް ބަޔާނުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ފަހަރު ކާމިޔާބުނުވީ އެވެ. ނަމަވެސް މި ފަހަރު ބަޔާނުން ސާނޭ ހޯދަން މަސައްކަތްކުރީ ސިޓީގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބުން މަދު ދަނޑިވަޅެއްގަ އެވެ.
ބަޔާނުގެ ކޯޗު ނިކޯ ކޮވަޗް ވަނީ އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޭނުންވާ ކުޅުންތެރިއަކީ ސާނޭ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެކަން ކާމިޔާބުކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށް ކޮވަޗް ވަނީ ބުނެފަ އެވެ.
ބަޔާނަށް ކުރިން ކުޅުނު ކުޅުންތެރިން ވެސް އަންނަނީ ސާނޭ ގާތުގައި އެ ކްލަބަށް ބަދަލުވާން އެދިފަ އެވެ. އަދި ބަޔާނާ ގުޅިއްޖެ ނަމަ ސާނޭ ވާނީ ޖަރުމަނު ގައުމީ ޓީމުގެ އެޓޭކް ލީޑުކުރާނެ ކުޅުންތެރިއާ އަށް ކަމަށް އެ ކުޅުންތެރިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނަ
25 July 2019
ޕެޕްގެ ކައިރިން ޓްރެއިންވާން ލިބުމަކީ ބޮޑު ފަޚުރެއްކަން ސާނޭ ހަނދާން ކުރަންޖެހޭ. ބަޔާނަކީ ސިޓީއަށްވުރެ ކާމިޔާބު އަދި ބޮޑު ކްލަބެއް ނަމަވެސް މިހާރު އަރަމުން އަންނަ އެންމެ ކާމިޔާބު އެއް ކްލަބަކީ މެންޗެސްޓާރ ސިޓީ.