31 ޖުލައި 2019 - 10:20
ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 31) - ބްރެޒިލް އަންހެނެއް ކަމަށްވާ ނަޖިލާ ޓްރިންޑޭޑް ރޭޕްކުރިކަމުގެ ތުހުމަތުގައި ނޭމާއާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަނާޅައި ކަމަށާއި އެހެންވެ މައްސަލަ ކުރިއަށް ދިއުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް ސައޮ ޕައޮލޯގެ އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ނޭމާ އަށް ކުރަނީ ޕެރިހުގެ ހޮޓެލް ސޮފިޓެލްގައި މިދިޔަ މަހު 15 ވަނަ ދުވަހު ނަޖިލާ ރޭޕްކުރިކަމުގެ ތުހުމަތެވެ. އެ މައްސަލައިގެ ލިޔެކިއުންތަކުގައިވާ ގޮތުން ނޭމާއާ ނަޖިލާ ދިމާވީ އިންސްޓަގްރާމުންނެވެ.
ނަޖިލާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އޭނައާ ނޭމާ ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގަ އެވެ. އެ ތަނުގައި އޮތް ބައްދަލުވުމަށް އައިއިރު، މަސްތުގެ ހާލުގައި ހުރި ނޭމާ، ނަޖިލާ އަށް އަނިޔާކޮށް ރޭޕްކޮށްފައިވާ ކަމަށް ލިޔުމުގައިވެ އެވެ. އެކަމަކު ނޭމާ އެ ތުހުމަތުތައް ދޮގުކުރެ އެވެ. އަދި ނޭމާ ވަނީ ނަޖިލާ ކުރި ވަޓްސަޕް މެސެޖުތައް މީޑިއާ އަށް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ބަރަހަނާ ހާލުގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް ވެސް ހިމެނެ އެވެ.
އުމުރުން 27 އަހަރުގެ ނޭމާ އޭރު ބުނީ އޭނާގެ މައްޗަށް ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށާއި މިއީ އޭނާގެ އަގުވައްޓާލަން ބަޔަކުކުރާ ފިނޑި ކަމެއް ކަމަށެވެ.
މައްސަލަ ތަހުގީގުކުރި ސައޮ ޕައޮލޯ ފުލުހުންނަށް މި މައްސަލައިގައި ނޭމާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެއްކެއް ނުލިބުނެވެ. އަދި ފަހުން ނަޖިލާ ވެސް މި މައްސަލަ ކުރިއަށްގެންދަން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ. ސައޮ ޕައޮލޯގެ އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ މައްސަލައިގައި ދެން ގޮތެއް ނިންމާނީ ފަޑިޔާރު ކަމަށާއި މިހާރު އޮތް ހާލަތުން ހެއްކެއް ނުލިބި ކުރިއަށްދާނަމަ ނޭމާ އަށް އަދަބުދެވޭނެ ގޮތެއް ނެތް ކަމަށެވެ.
އަލުން ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރަމުން އަންނަ ނޭމާ ދާދި ފަހުން ވަނީ ޕީއެސްޖީގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ފަހަރު އަމިއްލަ ގައުމުގައި ކުޅެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ޓީމުގައި ނޭމާ ނުހިމެނެ އެވެ.
ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ އާއި ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ނޭމާ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ޕީއެސްޖީން މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް އަގަކަށް ގަތް ނޭމާ ވިއްކާލަން އެ ކްލަބުން ބޭނުންވަނީ ބަދަލުގައި ކުޅުންތެރިޔެއް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ 250 މިލިއަން ޑޮލަރު ކަމަށް އެ ކްލަބާ ހަވާލާދީ ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޓްރާންސްފާ މާކެޓް ބަންދުވުމާ ހަމަ އަށް ބާސެލޯނާ އިން ނޭމާ ހޯދަން ކުރާ މަސައްކަތް ހުއްޓާނުލަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭޝް
31 July 2019
ރާއްޖޭގައިވެސް މިއީ މިހާރު އާއްމުކަމެއް ކޮންމެވެސް ތުހުމަތެއްް އަޅުވާފަ ދުއްވާލަން އުޅުން