08 އޯގަސްޓް 2019 - 10:40
މެޑްރިޑް (އޮގަސްޓް 8) - ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕީއެސްޖީގެ ތަރި ނޭމާ ގަންނަން ރެއާލް މެޑްރިޑުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާގެ ވިސްނުން މިހާރު ހުރީ އެނބުރި ކުރީގެ ކްލަބް ބާސެލޯނާއާ ގުޅޭށެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ ނޭމާ ކްލަބް ބަދަލުކުރަން ބޭނުންވާކަން ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެ ޑީލް ކުރިއަށް ނުގޮސް އޮތީ ޕީއެސްޖީން ނޭމާ ވިއްކާލަން ބޭނުންވާ ގޮތަށް ބާސެލޯނާ އިން އެއްބަސްނުވުމުންނެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީން ވަނީ ބޮޑު ދެ ކްލަބަކަށް ނޭމާ ލޯނަކަށް ދޫކޮށްލަން މަޝްވަރާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ބުނާއިރު، އެ ޓީމުން އެ ޓްރާންސްފާ އަށް މަޝްވަރާ ނުކުރީ ނޭމާ ބޭނުންވާނެ މުސާރައެއް ނުދެވުމުގެ އިތުރުން ނޭމާ ވެސް ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާންކަން އެނގިފައިވާތީ އެވެ.
ނޭމާގެ ޑީލާ ބެހޭގޮތުން ޕީއެސްޖީ އާއި ރެއާލުން އަދި ރަސްމީކޮށް މީޑިއާގައި ވާހަކަ ދައްކާފައިނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުން މަސައްކަތްކުރަނީ 130 މިލިއަން ޑޮލަރުގެ އިތުރުން އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ދީފައި ނޭމާ ގަންނާށެވެ. އަދި މި ޑީލުގެ ތެރެއިން ރެއާލުން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ޒުވާން ވިންގް ވިނީޝިއުސް ޖޫނިއާ ދޫކޮށްލަފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ރެއާލުން އަންނަނީ ހަމޭސް ރޮޑްރިގޭޒާއި 30 މިިލިއަން ޑޮލަރު ދިނުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.
ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ ލޯން އެއްބަސްވުމެއްގެ ދަށުން ވެސް ނޭމާ ގެންނަން މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ގޮތަށް އެ ޑީލް ކުރިއަށްގެންދަން އަދި ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. އެކަމަކު ނޭމާގެ ފަރާތުން އެ ފަދަ ޑީލަކަށް ޕްރެޝަރެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލްގެ ސަންޓޯސް ދޫކޮށް ބާސެލޯނާ އަށް 2013 ވަނަ އަހަރު ނޭމާ ބަދަލުވީ އޭރު ރެއާލުން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ އެ ޓީމުގެ ބްރެޒިލް ފުލްބެކް ޑެނިލޯ ދީފައި ޔުވެންޓަސް އަށް ކުޅުނު ޔާއޯ ކަންސެލޯ ގެނެސްފަ އެވެ. ޓޮޓެންހަމުން ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ގެންނަންކުރި މަސައްކަތް ހުއްޓާލާފައިވާއިރު، އެ ޓިމުން ވަނީ ރެއާލް ބެޓިސްގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ ޓްރާންސްފާގައި އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަރަށް އަވަހަށް އިންޓަ މިލާނަށް ސޮއިކުރާނެ ކަމަށް އޭނާގެ އޭޖެންޓް ފެޑެރީކޯ ޕަސްޓޮލޭރޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެލި މާލި
09 August 2019
ނޭމާ ރަންގަޅު ވާނެ ބަށި ކުޅެން އީދަށް ގެންނަންވީ