30 އޯގަސްޓް 2019 - 13:49
ލަންޑަން (އޮގަސްޓް 30) - ޔޫރޮޕާ ލީގުގެ ކޮލިފައިން ބުރުގެ ފަހު މެޗުގައި ރޭ 2-1 އިން އިޓަލީގެ ޓޮރީނޯ ބަލިކޮށް 39 އަހަރަށް ފަހު ވުލްވްސް ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެއްޖެ އެވެ.
އިޓަލީގެ ޓޮރިނޯގެ މައްޗަށް ވުލްވްސް އިން ކުރިހޯދީ 5-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ވުލްވްސް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ކޮލިފައިން ބުރުގެ ތިން މެޗުން ވެސް މޮޅުވެގެންނެވެ. ވުލްވްސް އެންމެ ފަހުން ޔޫރަޕްގައި ކުޅުނީ 1980 ވަނަ އަހަރު އެވެ.
ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި ވުލްވްސް އަށް ލީޑުނަގައިދިނީ އެ ޓީމަށް ކުޅޭ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 57 ވަނަ މިނިޓްގައި ޓޮރިނޯގެ އަންޑްރެއާ ބެލޮއްޓީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުއްމީދުއާ ކޮށްދީފަ އެވެ. އެކަމަކު އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ބެލްޖިއަމްގެ ޒުވާން ކުޅުންތެރިޔާ ލެއޮންޑާ ޑެންޑޮންކާ ވަނީ އަލުން ވުލްވްސް އަށް ލީޑުނަގައިދީފަ އެވެ.
އިނގިރޭސި ޗެމްޕިއަންކަން 1950 ގެ އަހަރުތެރޭގައި ތިން ފަހަރެއްގެ މަތިން ހޯދި ވުލްވްސް އަލުން ޕްރިމިއާ ލީގަށް ކޮލިފައިވީ މީގެ އެއް އަހަރު ކުރިންނެވެ. އެ ޓީމުން އަންނަނީ ލީގުގައި ވާދަކުރަން ފެށި ފަހުން ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި ފަަހަރުގެ ސީޒަނުގައި އެ ޓީމުން ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފަ އެވެ.
ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މިއީ އެ ކްލަބުން ކުރިއަށް އެޅި ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި އެ ޓީމު ޔޫރަޕްގައި ވާދަކުރުމަކީ މުސްތަގުބަލަށް ބަލާއިރު އެ ޓީމުގެ ނަން އިތުރަށް ފުޓްބޯޅައިގައި އުޅޭ ފަރާތްތަކުން ދިރާސާކުރާނެ ކަމެއް ކަމަށެވެ.
ޗައިނާގެ ވަރުގަދަ ފޮސުން ގްރޫޕުން ހިންގަމުން އަންނަ ވުލްވްސްގެ އެންމެ ބޮޑު އެހީތެރިޔަކީ މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޖޯޖް މެންޑޭސް އެވެ. މެންޑޭސްގެ އޭޖެންޓް ކަމުގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ކުޑަ އަގެއްގައި ވުލްވްސް އަށް ވަނީ ބަދަލުވެފަ އެވެ.
ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނާނީ މިއަދު ހަވީރު އެވެ. ވުލްވްސްގެ އިތުރުން މި ފަހަރު ޔޫރޮޕާ ލީގުގައި ކުޅޭ އަނެއް އިނގިރޭސި ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލުން ބަލިވި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އެވެެ. ޔުނައިޓެޑަކީ 2017 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލި ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy