31 އޯގަސްޓް 2019 - 10:07
ބާސެލޯނާ (އޮގަސްޓް 31) - ޕީއެސްޖީގެ ތަރި ނޭމާ ގެންނަން ކުރާ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާގެ ސުވާލުތަކަށް ޖަވާބުދޭން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ދެކޮޅު ހަދައިފި އެވެ.
މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަންނަނީ ތަކުރާރުކޮށް އަލުން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ބުނަމުންނެވެ. ނޭމާ ހޯދަން ރެއާލް މެޑްރިޑާއި ޔުވެންޓަސް އިން މަސައްކަތްކުރި ނަމަވެސް ނޭމާ ވަނީ އޭނާ ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާން ކަމަށް ބުނެފަ އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު ވަލްވޭޑޭ ހުރީ އެ ކަމަށް ކެތްމަދުވެފަ އެވެ.
"އަހަރެން ވަރަށް އެބަ އިންތިޒާރުކުރަން މި ޓްރާންސްފާ މާކެޓް ބަންދުވާނެ ވަގުތަށް. އަހަރެންގެ ކުޅުންތެރިންގެ ކޮންސަންޓްރޭޝަނަށް އަސަރު އެބަކުރޭ. ޓްރާންސްފާ މާކެޓް ބަންދުވީމަ ދެން އެނގޭނެ އަހަަރެމެންގެ ސްކޮޑް އެއްކޮށް. އެއީ އަހަންނަށް ހަމަނޭވައެއް ލެވޭނެ ވަގުތެއް،" ވަލްވޭޑޭ ބުންޏެވެ.
"ނޭމާގެ ޓްރާންސްފާއާ ބެހޭގޮތުން އަހަރެން ވާހަކައެއް ނުދައްކާނަން. އެއީ އޭނާ އަކީ އެހެން ޓީމެއްގެ ކުޅުންތެރިއެއް. އަހަރެމެން އެހެން ކްލަބްތަކަށް އިހުތިރާމްކުރަން. ކަންތައްތައް ވާގޮތެއް މީޑިއާގައި ބުނެދެވޭނެ ގޮތެއް ނެތް."
މިހާތަނަށް ބާސެލޯނާ އިން އެކި ޑީލްތައް ވަނީ ނޭމާ ހޯދަން ހުށަހަޅައިފަ އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެ ޓްރާންސްފާގެ ކަންތައްތައް ކުރިއަކަށްނުދެ އެވެ. ޕީއެސްޖީއާ އެކު ބޭއްވި ބައްދަލުވުމުގައި ބާސެލޯނާ އިން ހުށަހަޅާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭ ދައްކާ ގޮތަށް 140 މިލިއަން ޔޫރޯގެ އިތުރުން އިވާން ރަކިޓިޗް އާއި އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޑެމްބެލޭ ދޭށެވެ. އެ ޑީލަށް ޕީއެސްޖީގެ ރުހުން ލިބިފައިވީ ނަމަވެސް މިހާރު އޮތް ހުރަހަކީ ޑެމްބެލޭ ކްލަބް ބަދަލުކުރަން ބޭނުންނުވުމެވެ.
ޕީއެސްޖީން މި ޑީލްގެ ތެރެއިން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ޑެމްބެލޭ އެވެ. ބާސެލޯނާ އިން މިހާރު އަންނަނީ ފްރާންސްގެ ޒުވާން ޑިފެންޑަރު ޖިއަން-ކްލެއާ ޓޮޑީބޯ ވެސް މި ޑީލްގެ ތެރެއިން ޕީއެސްޖީ އަށް ދޭން މަސައްކަތްކުރަމުންނެވެ. އެކަމަކު މި ޓްރާންސްފާއާ މެދު ގޮތެއް ނިމޭނީ ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެގެންނެވެ. ބާސެލޯނާ އިން އަދިވެސް އަންނަނީ ނޭމާ ހޯދަން ޕީއެސްޖީއާ މަޝްވަރާކުރަމުންނެވެ.
ބްރެޒިލާއި ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ނޭމާ ހުރީ ބާސެލޯނާ އަށް ބަދަލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު އެވެ. އަދި ޓްރާންސްފާ ކުރިއަށްގެންދިއުމަށް ގާނޫނީ ގޮތުން ކަންތައްތަކެއް ފުރިހަމަކުރަން ޖެހިއްޖެނަމަ އޭނާ ހުރީ އެކަން ކުރަން ވެސް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވެސް މި ސީޒަނުގައި މިހާތަނަށް އެ ކްލަބްގެ މެޗުތަކުގައި ނޭމާ ބޭނުންކޮށްފައިނުވާއިރު، ކްލަބް ބަދަލުކުރަން ނޭމާ ބޭނުންވާކަން އެނގުމުން އެ ޓީމުގެ ސަޕޯޓަރުން ވަނީ ނޭމާއާ މެދު ނުރުހުންވެފަ އެވެ. ދާދި ފަހުން ނޭމާ ބާސެލޯނާގެ ޖޯޒީ ލައިގެން ހުރި ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ލީކްވެފަ އެވެ. ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުން ވަނީ 2-0 އިން މެޓްޒް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
31 August 2019
މެސީ ވިއްކާލާފަވެސް ނޭމާރ ގެންނަންވާނެ މިފަހަރު. މިއީ ގިނަ ސަޕޯރޓަރުންވެސް ބޭނުންވާ ގޮތަކީ..
ލ.އަތޮޅު
31 August 2019
ބާސާއިން ހަމަ ހާސްވަނީ ނޭމާ ރެއާލަށް ގޮސްފާނެތީ...