03 ސެޕްޓެމްބަރ 2019 - 08:48
ޕެރިސް (ސެޕްޓެމްބަރު 3) - މައްސަލަތަކެއްގައި ތާށިވެ، ދާނެ ދިމާލެއް ނޭގިފައި ހުރި އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓީމަށް ކުޅެމުން އައި ބްރެޒިލްގެ ތަރި ނޭމާގެ އަގުބޮޑުކުރަން އެ ކްލަބުން ނިންމައިފި އެވެ.
މިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން އިކާޑީ އަތުން އެ ކްލަބުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ކުޅެން ދެކޮޅު ހެދި އެވެ. އެއާ އެކު މި ޓްރާންސްފާގައި އޭނާ ވިއްކާލާނެކަން ކަށަވަރުވި އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓަ އިން އިކާޑީ ވިއްކާލަން ޔުވެންޓަސް، ނަޕޯލީ، މޮނާކޯ އަދި މެންޗެސްޓާ ޔުނައިޓެޑަށް ހުށަހެޅި ނަމަވެސް އެ ކްލަބްތަކަށް މި ޓްރާންސްފާގެ ކަންތައް ފުރިހަމަކުރެވޭ ގޮތެއްނުވި އެވެ.
އަހުލާގީ ގިނަ މައްސަލަތަކެއްގެ ސަބަބުން އިންޓަގެ މެނޭޖްމަންޓާއި އެ ކްލަބްގެ ސަޕޯޓަރުންނާ އިކާޑީއާ ދެމެދު އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ. ޕީއެސްޖީން، އުމުރުން 26 އަހަރުގެ އިކާޑީގެ ސޮއި ލޯން އެއްބަސްވުމެއްގެ ދަށުން ހޯދި ނަމަވެސް ކުރިއަށް އޮތް ސީޒަން ނިމުމުން ދާއިމީ ކޮންޓްރެކްޓެއްގައި މަޑުކުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އިކާޑީ ބުނީ ޕީއެސްޖީ އަކީ ކުޅޭ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރާ ޓީމެއް ކަމަށާއި އެކަން އެގޮތަށް ފުރިހަމަކޮށްދޭން އޭނާ އަށް ކުރެވޭ ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. އަދި ޕީއެސްޖީ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގަދަބާރެއް ކަމަށާއި އެ ފަދަ ޓީމެއްގައި އޭނާގެ ފެންވަރު ސާބިތުކޮށްދޭން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އިކާޑީ ބުންޏެވެ.
ބާސެލޯނާގެ ޔޫތު ޓީމަށް ކުރިން ކުޅުނު އިކާޑީ މި ސީޒަނަށް ފަހު ދާއިމީ އެއްބަސްވުމެއްގައި ޕީއެސްޖީގައި މަޑުކުރުވާނަމަ 74 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.
ޓްރާންސްފާ މާކެޓްގެ ފަހު ދުވަހުގައި ޕީއެސްޖީން ވަނީ ރެއާލް މެޑްރިޑަށް ކުޅުނު ކޮސްޓަ ރިކާގެ ގޯލްކީޕަރު ކޭލޯ ނަވާސް ހޯދައިފަ އެވެ. އަދި އެ ޓްރާންސްފާ ފުރިހަމަކުރިއިރު ޕީއެސްޖީން ވަނީ އެ ޓީމަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އަލްފޮންސޯ އަރެއޯލާ ރެއާލަށް ދޫކޮށްލައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގަައި ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވުނު ބްރެޒިލްގެ ތަރި ނޭމާ ވަނީ އެންމެ ފަހުން އެ ކްލަބްގައި މަޑުކޮށްފަ އެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އިން ނޭމާ ހޯދަން މަސައްކަތްކުރި ނަމަވެސް އޭނާ ބޭނުންވީ ކުރީގެ ކްލަބް ބާސެލޯނާއާ ގުޅޭށެވެ. ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބާސެލޯނާ އިން ވަނީ ނޭމާ ހޯދަން ޕީއެސްޖީއާ މަޝްވަރާކޮށްފަ އެވެ. އެކަމަކު ބާސެލޯނާ އިން އެންމެ ފަހުން މި ޓްރާންސްފާ ކަންތަކުގައި ފަހަތަށް ޖެހެން ނިންމީ ޕީއެސްޖީން ބުނިހާ ގޮތެއް ހަދައިގެން އެކަން ކުރަން ބޭނުންނުވާތީ އެވެ.
މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، މި ފަަހަރުގެ ޓްރާންސްފާގައި ޕީއެސްޖީން އެ އަށް ވުރެ ކުޑަ އަގަކަށް ނޭމާ ދޫކޮށްލަން މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު މިހާރު އެ ވިސްނުން ބަދަލުކޮށް ޕީއެސްޖީން ވަނީ ނޭމާ ދޫކޮށްލާން ކިޔާ އަގު ބޮޑުކުރަން ނިންމައިފަ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ދެން ނޭމާ ވިއްކާލާނީ 290 މިިލިއަން ޑޮލަރާ ގާތްކުރާ ބިޑެއް އަތުވެއްޖެނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީގެ ދޮންބެއްޔާ
03 September 2019
ނޭމާ ބައްކޮށްގެން ތިބެބަލަ. ޗެންޕިޔަންސް ލީގަށް ސަލާމް
ދައްސޫރަ
03 September 2019
ދުވަސްގޮއްސަހުރި ނޭމާ ގަންނާނީ ވަރަށް ކޮސްވީމަ ކުޅެންހަމަ ފަށާއިރަށް ހުޅުބަޑި ޖަހާނެ ތިކުދިން ބަލަންތިބެބަ؟
ނިއުމާާ
03 September 2019
ބާރސާ ދެން ޓްރާންސްފަރ ވިންޑޯއެއްގަ ނޭމާރ ގެންނާނެ. 300 މިލިއަން ޑޮލަރު ދީފަވެސް
ޓްރާންސްފާ
03 September 2019
އެއަގުގައެއް ބާސާ ކީއްކުރަން އެހެން ކްލަބެއްވެސް ނޭމާ ނުގަންނާނެ. އެމްބާޕޭނަމަ ކޮންމެވެސް ވަރަކަށް ވިސްނާލީސް.
ރަދީފްް
03 September 2019
ބާސާ އިން ގަނެފާނެ. މިފަހަރުވެސް ކިރިޔަ ކިރިޔާ...
ލެއްގި ކޮމިޝަނަރ
03 September 2019
ބާސާއިން ނޫޅޭ އެއަގުގަ ގެންނާކަށް. ޕީއެސްޖީ އަށް ބުނެލަންއޮތީ ފީވެފަހުންނަ ދޮންކެޔޮ ބާޒާރުގަ ވިކޭނީ ނުއަގުގައޭ. ތާޒާ ދޮންކެޔޮ ވިއްކާއަގުގަ ނުގަންނާނެއޭ މޮޔަަކުވެސް. ހައްލާފުއަށް ވަރަށް ސަލާމް
އޭނަ
03 September 2019
ބާރސާއިން ގަންނާނީ ހަމަ އެއަގުގަ. ނުއަގެއް ނޯންނާނެ ބާރސާއަކަށް، ނޭމާއާ ޖެހުނީމަ. އެކަން މިޓްރާންސްފަރ ވިންޑޯގަ ބާރސާ ކުރި މަސައްކަތުން އެނގޭނެ.
ހުތް އާދަނު
04 September 2019
އެސޮރު ހޯދަން ވެގެން ބާސެލޯނާގެ ބަފާބެވެސް ޕެރިސް އަށް ދިޔަކަމަށް ވޭ
ލ.އަތޮޅޫ
04 September 2019
ބާސާ ރިއާލް މެޑްރިޑް ދެކެ ޖެހިލުންވިވަރު ނޭމާގެ ޓްރާސްފާގައި ކުރިމަސައްކަތުން އެނގޭ.އެ ހަމަ ރެއާލްމެޑްރިޑުން ނޭމާ ގަނެފާނެތީވެ އުޅުނުގޮތް. އެއްވެސް ބަޔަކު ރޫޅިފަހުރި ނޭމާ ނުގައްނާނެ އެއަގުގަ.