ފީފާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން: ވެން ޑައިކް (ކ)، ރޮނާލްޑޯ (މ) އަދި މެސީ.-- ފޮޓޯ: އޭއެފްޕީ
03 ސެޕްޓެމްބަރ 2019 - 12:20
ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ބާސެލޯނާގެ ލިއޮނަލް މެސީ އާއި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އަދި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޝޯޓްލިސްޓުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެން ޑައިކް ވަނީ މެސީ އާއި ރޮނާލްޑޯއާ ވާދަކޮށް ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޔޫރަޕްގެ ކޯޗުންނާއި ކުޅުންތެރިން އަދި ނޫސްވެރިންގެ ވޯޓުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ވެން ޑައިކް ހޯދީ 305 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔައީ 207 ޕޮއިންޓާ އެކު މެސީ އެވެ. އަދި ތިން ވަނަ ހޯދީ 74 ޕޮއިންޓާ އެކު ރޮނާލްޑޯ އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ލިބުނީ ވެސް ވެން ޑައިކަށެވެ.
އުމުރުން 28 އަހަރުގެ ވެން ޑައިކަކީ 2006 ވަނަ އަހަރު އިޓަލީގެ ފަބިއޯ ކަނަވާރޯ އަށް ފަހު ދުނިޔޭގެ ޝަރަފްވެރި އެވޯޑެއް ހޯދި ފުރަތަމަ ޑިފެންޑަރެވެ. ވެން ޑައިކަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން އިނގިރޭސި ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ވަނީ އެއީ އެންމެ ރަނގަޅު ނިންމުންތޯ ސުވާލު އުފައްދައިފަ އެވެ. ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ މޮޅު ކުޅުންތެރިއާގެ މަގާމު ޑިފެންޑަރަކަށް ލިބުނަސް ބަލައިގަންނަންޖެހޭނެ ކަމަށެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންގްލެންޑްގެ ލޫސީ ބްރޯންޒް އާއި އެމެރިކާއާ އެކު އަންހެން ވޯލްޑް ކަޕް ދިފާއުކުރި ކެޕްޓަން މޭގަން ރެޕީނޯ އަދި އެމެރިކާގެ ތަރި އަލެކްސް މޯގަން އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މެންޗެސްޓާ ސިޓީއާ އެކު އިނގިރޭސި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޔާގެން ކްލޮޕް އަދި ޓްރާންސްފާއެއް ނުކޮށް މިދިޔަ ސީޒަނުގައި ޓޮޓެންހަމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރުނު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ.
އަންހެން ޓީމުތަކުން އެންމެ މޯޅު ކޯޗުގެ މަގާމަށް ވާދަކުރަނީ އިންގްލެންޑްގެ އަންހެން ޓީމުގެ ކޯޗު ފިލް ނެވިލް އާއި އެމެރިކާ އަންހެން ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޖިލް އެލިސް އަދި ނެދަލެންޑްސް އަށް ޔޫރޯ ކާމިޔާބުކޮށްދިން ސެރީނާ ވިއެމަން އެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ އެލިސަން ބެކާ އާއި ބާސެލޯނާގެ އަންދްރޭ ސްޓެގެން އަދި މެންޗެސްޓާ ސިޓީގެ އެޑަސަން މޮރާއެސް އެވެ. އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑަށް ވާދަކުރަނީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރިވާ ޕްލޭޓަށް ކުޅެމުން އަންނަ ހުއާން ކުއިންޓޭރޯ އަދި ރުމޭނިއާގެ ޑެބްރެޝެން އަށް ކުޅެމުން އަންނަ ޑެނިއަލް ސޯރީ އެވެ.
މި އަހަރުގެ ފީފާ ބެސްޓް އެވޯޑް ހަފްލާ އޮންނާނީ މި މަހު 23 ވަނަ ދުވަހު އިޓަލީގެ މިލާނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
03 September 2019
އިންޑިވިޖުއަލް ކުޅުމަށް ބަލާނަމަ ތިއެވޯޑު ލިބޭފެންވަރުގެ މީހަކަށްހުރީ ހަމައެކަނި މެސީ. އެކަމަކު މިހާރުވެސް ތިއެވޯޑަކީ ވެންޑައިކްއަށް ހިބައިންދީ ނިމިފައޮތް އެއްޗެއް. މީދޮގެއްތޯ ބަލަން މިމަހުގެ 23 ގަ ހުރެބަލަ.
ރަދީފްް
03 September 2019
ވެން ޑައިކް، ބާރނާރޑޯ ސިލްވާ، ޑި ޔޮންގ ނޫނީ އެލިސަން މިލިސްޓުގަ އަސްލު ހިމެނެން ޖެހޭނީ. މެސީ އާ ރޮނާލްޑޯ ހިމެނެނީ އެދެމީހުން ޕޮޕިއުލަރ ކަމުން. ރޮނާލްޑޯގެ ފޭނަކަސް މިދިޔަ ސީޒަނަކީ ރޮނާލްޑޯގެ އެންމެ ދަށް ސީޒަން..
ފޭން
04 September 2019
އިންޑިވިޖުއަލީ ބަލަންޏާ މެސީ އުޅެނީ މާކުރީގައި. ރޮނާލްޑޯ ގަދަ 10 ގައިވެސް ހިމެނޭ ފެންވަރަށް ނުކުޅެވޭ. 50 ގޯލާއި 20 އެސިސްޓަށްވުރެ ގިނައިން ހަދައި ސީޒަން ނިންމާ ކުޅުންތެރިޔަކާ އެހެންމީހުންނަކަށް ވާދައެއް ނުކުރެވޭނެ. މެސީ 40 ގޯލަށްވުރެ މަދުން ޖެހުނަސް ގަދަ 20 ގައިވެސް ނުހިމެނޭނެ. މިއީ މެސީޔާ އެހެން ކުޅުންތެރިންގެ ހުރި ތަފާތު.
ރަދީފްް
04 September 2019
ދެން ޑިފެންޑަރުންނަކީ ނުކުޅޭ ބަޔަކީތަ ތިޔަހެން ބުނަން؟
ރަދީފް
03 September 2019
އަހަރުމެން ހުރިހާ ބާސާ ފޭނުން އެދެނީ މި އެވޯޑް މެސީ ކޮއްކޮއަށް ލިބުމަށް.ޔޫރޯ ކޮލިފައިންގަ ވެންޑައިކްގެ މޮޅުކުޅުމާއެކު ގްރޫޕް ސީގެ 02ވަނަ ޓީމްގެ ގޮތުގަ ޖަރުމަނާއިއެކު ނެދަލެންޑްސް ކޮލިފައިވާނެކަަަމަށް އުއްމީދުކުރަން.މިމަހުގެ 06 ވަނަދުވަހު ޖަރުމަނާއި ދެކޮޅަށް ނެދަލެންޑްސް ކުޅޭ މެޗް އެއީ ޔޫރޯ2020 ސީދާ ކޮލިފިކޭޝަނެއް ހޯދާނަމަ ވަރަށް މުހިއްމު މެޗެއް.ވ.ވެދުން
ބޮންދު
03 September 2019
ރޯނުއެދުރު
ރަދީފު އަމާ..
05 September 2019
މެސީ ވަރިހަމަ ނުކުޅެވުނަސް، އެވޯޑް ލިބެންޖެހޭނީ މެސީއަށް ކަމަށް ދެކެނީ ބާސާގެ ފޭނުން.. އެހެން ފޭނުންވެސް އެއީ ތިބިބައެއްކަން ބަލައިގެން ކޮމަންޓް ކޮށްބަލަ.. ރަދީފް ލޮލް