04 ސެޕްޓެމްބަރ 2019 - 09:14
ލަންޑަން (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރު ބަންދުވާ ދުވަސް ސެޕްޓެމްބަރު މަހުގެ 2 އަށް ލަސްކުރަން ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން އިނގިރޭސި މެޖޯރިޓީ ކްލަބްތަކުން ވޯޓް ދީގެން ހަމަޖެއްސީ އިންގްލެންޑްގެ ފުޓްބޯޅަ ލީގުތައް ފެށުމުގެ ކުރިން ހުރިހާ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާގޮތަށް ހަމަޖެއްސުމަށެވެ. އޭރު އެ ގޮތަށް ނިންމީ ޓީމުތައް ވަރުގަދަ ކުރުމުގެ ހަމަހަމަ ފުރުސަތެއް ދިނުމަށާއި ސީޒަން ފަށާއިރު ހުރިހާ ކަމެއް ހަމަޖެހިފައި އޮންނަ ގޮތަށް ކަންތައްތައް ރޭވުމަށެވެ.
އެކަމަކު އިނގިރޭސި ޓީމުތަކަށް ޓްރާންސްފާ މާކެޓް ބަންދުވި ނަމަވެސް ޔޫރަޕްގެ އެހެން ލީގުތަކުގެ ޓީމުތަކަށް ކުޅުންތެރިން ގަތުމުގެ ފުރުސަތު އޮތުމުން އެ ޓީމުތަކުން އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިން ގެންދާތީ އޭގެ ގެއްލުން ކުރިމަތިވާ ކަމަށް އިނގިރޭސި ކްލަބްތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކަށް ހައްލެއް ގެނެވެން އޮތް މަގަކީ އިނގިރޭސި ކްލަބްތަކުގެ ޓްރާންސްފާ މުއްދަތު ވެސް އެހެން ލީގުތަކުގެ ޓީމުތަކެކޭ އެއްގޮތަށް އޮތުމެވެ.
އިނގިރޭސި ކްލަބްތަކުގެ އިސްވެރިންނާ އެކު ޕްރިމިއާ ލީގުގެ ޗެއާމަން މި މަހު 12 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި، މިކަމާ ބެހޭގޮތުން މަޝްވަރާކުރާނެ އެވެ. އެކަމަށް ކްލަބްތަކުގެ ވޯޓަކަށް އަހާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހު އޮންނަ ބައްދަލުވުމުގަ އެވެ.
ޓްރާންސްފާ މާކެޓް މިހާރު އޮންނަ ގޮތަށް ބަދަލުގެންނަން އޭރު ވޯޓު ދިނީ 14 ކްލަބަކުންނެވެ. އެކަމަކު އަލުން އެންމެ ކުރިން އޮތްގޮތަށް ސެޕްޓެމްބަރު 2 ގެ ނިޔަލަށް ޓްރާންސްފާ މާކެޓް ބާއްވަން ބޭނުންވަނީ 11 ކްލަބެއްގެ ވޯޓެވެ.
އަވަހަށް ޓްރާންސްފާ މާކެޓް ބަންދުކުރުމާ ދެކޮޅަށް އޭރު އެންމެ ބޮޑަށް އަޑުއުފުލީ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލަސް އެވެ. އެ ޓީމުތަކުގެ ޝަކުވާ އަކީ ޔޫރަޕްގެ އެހެން ގައުމުތަކަށް އޮންނަ ފުރުސަތެއް އިނގިރޭސި ކްލަބްތަކަށް ހަނިވުމަކީ މި އިނގިރޭސި ލީގުން ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވޭނެ ފުރުސަތު އޮތުމެވެ. އަދި ސީޒަނެއްގެ ކުރީކޮޅުގައި އިނގިރޭސި ޓީމެއްގައި ހުރި މުހިއްމު ކުޅުންތެރިއަކު ކްލަބް ބަދަލުކުރިޔަސް އޭނާ ނެތްތަނަށް ކުޅުންތެރިއަކު ހޯދޭނެ ފުރުސަތު އިނގިރޭސި ޓީމުތަކަށް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ދާދި ފަހުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޓްރާންސްފާ ޔޫރަޕްގެ އެހެން ގައުމުތަކަށް ޓްރާންސްފާ މާކެޓް ބަންދުނުވަނީސް އޭނާ އަށް ބޭނުންވާ ގޮތަށް މަސައްކަތް ކުރެވެން ނެތް ކަމަށެވެ. އެއީ ޓޮޓެންހަމްގައި ތިބި ބައެއް ކުޅުންތެރިންނަށް އެހެން ކްލަބްތަކުގެ ހުށަހެޅުން ލިބެމުން އަންނާތީ އަދިވެސް ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމުގައި ތިބޭނެ ކުޅުންތެރިން ޔަގީންނުވާތީ ކަމަށް ބުންޏެވެ.
"ޕްރިމިއާ ލީގުން ޔޫރަޕްގެ އެހެން ޓީމުތަކަށް މި އެޑްވާންޓޭޖް ދީފައި އޮތުމަކީ މި ލީގަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ޕޮޗެޓީނޯ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެޖޯރިޓީ ކްލަބްތަކުން ބޭނުންވަނީ ކުރިން އޮތްގޮތަށް ޔޫރަޕްގެ އެހެން ލީގުތަކާ އެއްގޮތަށް ޓްރާންސްފާ މާކެޓް ބޭއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯވަން1
04 September 2019
ސެޕްޓެމްބަރު މަހުގެ 2 އަށް ލަސްކުރަން ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި
ލެއްގި ކޮމިޝަނަރ
04 September 2019
ކައްޕަޅި ލީގުވީމަ ހުރިހާކަމެއްވެސް މިދަނީ ކައްޕަޅި އުސޫލުން.
ރަދީފްް
04 September 2019
ޕްރިމިއަރ ލީގުން ކަންތައްކުރަނީ ރަނގަޅަށް. އެކަމަކު އެހެން ލީގުތަކާ ހެދި ޕްރިމިއަރ ލީގުގެ ވިންޑޯވެސް ބަދަލުކުރަން ޖެހެނީ. ލީގު ފެށެންވާއިރަށް ޓީމުތަކުގެ ކުޅުންތެރިން ހަމަވެ، ޓީމު ރަނގަޅަށް އެކުލަވާލެވިފައި އޮތުން މުހިއްމު. އެހެން ނޫނީ މިފެންނަނީ ލީގު ދެމެޗު ކުޅެފަ އެހެން ޓީމަކަށް ބަދަލުވާތަން. މިކަމުން ޓީމަށް، އަދި ކުޅުންތެރިންނަށްވެސް ނޭދެވޭ އަސަރުކުރާނެ.
ރޯނުއެދުރު 2020
04 September 2019
އަސްލުގަ ރަނގަޅު ގޮތަކީ އައުސީޒަން ފެށުމުގެ ކުރިން ހުރިހާ ލީގުތަކަކަށްވެސް އެއްދުވަހެއްގަ ޓްރާންސްފަރ މާކެޓް ބަންދުވުން.