ޔުނައިޓެޑުން ވެން ޑަ ސާ ގެންނަން މަޝްވަރާކުރަނީ

މެންޗެސްޓާ (ސެޕްޓެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑުން އަލަށް އުފެއްދި ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް އެ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި އަޔަކްސްގެ ޗީފް އެގްޒެކްޓިވް އެޑްވިން ވަން ޑަ ސާ ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޔުނައިޓެޑުން ސްޕޯޓިން ޑިރެކްޓަރުގެ މަގާމެއް އުފެއްދި ނަމަވެސް އަދި އެ މަގާމަށް ރަސްމީކޮށް މީހަކު ނުގެނެ އެވެ. އެ ޒިންމާތައް ނަގަމުން އަންނަނީ އެ ކްލަބްގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑް އެވެ. އެ ޒިންމާތައް ވުޑްވާޑް ނަގާތީ ކޯޗުގެ ޕްލޭނަށް ބޮޑު އަސަރުތަކެއް ކުރާ ކަމަށް ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ދާދި ފަހުން ވަނީ ބުނެފަ އެވެ.

ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް މީހަކު ގެންނަން ޔުނައިޓެޑުން މަސައްކަތްކުރަނީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެހީތެރިވުމުގެ ގޮތުންނެވެ. އަދި ޔޫރަޕްގެ އެހެން މަޝްހޫރު ކްލަބްތަކުން ގެންގުޅޭ މޮޑެލަށް ޔުނައިޓެޑް ފެއްތުމުގެ ގޮތުންނެވެ. މިދިޔަ ޖޫން މަހު ޔުނައިޓެޑުން ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ގެންނަން ވާހަކަ ދެއްކި ފަރާތްތަކަކީ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑާއި ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ޓޮޓެންހަމާއި ސައުތެމްޓަނުގައި ކުރިން މަސައްކަތްކުރި ޕޯލް މިޗެލްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ސްޕޯޓިން ޑިރެކްޓަރު އަންދްރޭ އެވެ. އެކަމަކު ފަހުން ހިޔާލު ބަދަލުކޮށް ޔުނައިޓެޑުން އަނެއްކާ ވެސް އެ ޒިންމާތައް ހަވާލުކުރީ ވުޑްވާޑާ އެވެ.

ޔުނައިޓެޑަށް 2005 އިން 2011 އަށް ކުޅެ ގިނަ ކާމިޔާބީތައް ހޯދި ވަން ޑަ ސާ އަންނަނީ އަޔަކްސްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކްލަބްގެ މާލީ ހާލަތު ރަނގަޅުކޮށް ޒުވާން ގިނަ ކުޅުންތެރިންތަކެއް ނެރެ އެ ކުޅުންތެރިން ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި އެކި ކްލަބްތަކަށް ވަނީ ވިއްކާލައިފަ އެވެ. އެ ގޮތުން ކުޅުންތެރިން ވިއްކައިގެން އަޔަކްސް އިން ވަނީ 220 މިލިއަން ޕައުންޑް ހޯދައިފަ އެވެ. އެ ފައިސާ އެއްކޮށް ކުޅުންތެރިން ގަންނަން ހަރަދު ނުކޮށް އަޔަކްސްގެ ވިސްނުން ހުރީ އެކަޑަމީ ވަރުގަދަކުރާށެވެ. ގިނަ ބަދަލުތައް އަޔަކްސް އަށް ގެނެސް ޒަމާންތަކަކަށް ފަހު އެ ކްލަބަކީ މާލީ ގޮތުން ތަނަވަސް ކްލަބަކަށް ހެދުމުގައި ވެން ޑަ ސާގެ ދައުރު ބޮޑެވެ.

ރިޕޯޓްތައް ބުނާގޮތުން ވުޑްވާޑާ މެދު ގިނަ ޔޫރަޕްގެ ފުޓްބޯޅަ އޭޖެންޓުން ހިތްހަމަނުޖެހެ އެވެ. އެހެންވެ ޔުނައިޓެޑަށް މިހާރު ވަނީ އާ ސްޕޯޓިން ޑިރެކްޓަރެއް ހޯދަން ޖެހިފަ އެވެ. ޔުނައިޓެޑުން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ނިއުކާސަލްގެ ސީން ލޯންސްޓާފް، ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ، ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އަދި ސްޕޯޓިން ލިޒްބަންގެ ބްރޫނޯ ފެނާންޑޭޒް ހޯދަން ބޭއްވި މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ދިޔައީ އެ ކުޅުންތެރިންގެ އޭޖެންޓުންނާއި ވުޑްވާާޑާ ދެމެދު ކަންތައްތަކަށް އެއްބަސްނުވެވިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން ސްޕޯޓިން ޑިރެކްޓަރަކު ހޯދަން ކުރާ މަސައްކަތުގައި ކޯޗު ސޯލްޝެއާ ވެސް ބައިވެރިވަމުން އަންނައިރު، ވެން ޑަ ސާ ގެންނަން ސޯލްޝެއާ އަންނަނީ ބާރު އަޅަމުންނެވެ. ސޯލްޝެއާ އާއު ވެން ޑަ ސާ ވަނީ އެކުގައި ޔުނައިޓެޑަށް ކުޅެފަ އެވެ.