ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ޕޮގްބާ.-- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2019 - 13:18
މެޑްރިޑް (ސެޕްޓެމްބަރު 9) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް ރެއާލް މެޑްރިޑުން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށާއި އެ ޑީލާ މެދު އެ ކްލަބް އެހާ ސީރިއަސްއެއް ނޫން ކަމަށް ރެއާލާ ގާތްގުޅުމެއް އޮންނަ ކުރީގެ ފުޓްބޯޅަ ކޯޗު އަދި ނޫސްވެރިޔާ އެލާޑިއޯ ޕަރާމެސް ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޕޮގްބާ ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށި ފަހުން ރެއާލުން ވަނީ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފަ އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ (201 މިލިއަން ޑޮލަރު) އަށް ވިއްކާލާށެވެ. އެކަމަކު ރެއާލުން އެންމެ މައްޗަށް ވެސް ޕޮގްބާ އަށް ބިޑްކުރަން ބޭނުންވީ 110 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އެވެ. އެހެންވެ އެ ޑީލް ކުރިއަށްދާ ގޮތެއްނުވި އެވެ.
އެކަމަކު ފަހުން ވެސް ރެއާލް ކޯޗު ޒިނެދިން ޒިދާންގެ އެދުމަށް އެ ޓީމުން ދިޔައީ ޕޮގްބާ ހޯދަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ މެދުވެރިކޮށް ވާހަކަ ދައްކަމުން ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ.
ރެއާލާއި އެ ކްލަބް އަދި ކުރިން ޔުނައިޓެޑްގެ ކޯޗަކަށް ހުރި މޮރީނިއޯއާ ގާތްގުޅުމެއް އޮންނަ ޕަރާމެސް ބުނީ ޕޮގްބާގެ ޑީލް ކުރިއަށް ގެންދަން ރެއާލުން ބޭނުންވި ނަމަ އެކަން ހާސިލްކުރާނެ ކަމަށާއި އެކަމަކު ފަހުން ޕޮގްބާއާ މެދު ރެއާލުން ދެ ވަނަ ވިސްނުމަކަށްދިޔައީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
"ރެއާލަށް ފަހު ވިސްނުނީ ޕޮގްބާ ގެނެސްފިނަމަ ޓީމު ތެރޭގައި މައްސަލަތަކެއް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް. ޔުނައިޓެޑްގައި މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު ހިނގި ކަންތައްތަކާއި ޕޮގްބާގެ އޭޖެންޓް ރައިއޯލާގެ ކަންތައްތަކަށް ރެއާލުން ވަރަށް ވިސްނި. ހަގީގަތް ކޮންމެވެސް ދުވަހަކުން ފެނިގެންދާނެ،" ޕޯޗުގީސްގެ ނޫހެއް ކަމަށްވާ "ރެކޯޑް"ގައި ޕަރާމެސްގެ ކޮލަމްގައި ލިޔެފައިވެ އެވެ.
އޭނާ ބުނީ ފަހުން ރެއާލުން އެ ޓްރާންސްފާގެ ވާހަކަތައް މީޑިއާގައި ކުރިއަށްދިޔަ މާ ބޮޑު ފަރުވާލެއް ނުދިނީ ވިޔަފާރީގެ ވިސްނުމެއްގައި ކަމަށެވެ.
"ޑީލާ ބެހޭގޮތުން ފަހުން އެއްވެސް ބަޔަކު ރަސްމީކޮށެއް ވާހަކަ ނުދައްކާ. ފަހުން ރެއާލުން އޮތީ ވިޔަފާރީގެ ވިސްނުމެއްގައި. އެއީ ޕޮގްބާގެ ޓްރާންސްފާ ހަބަރުތަކާ އެކު ނޫސްތަކާއި ޓީވީތަކުގައި އަބަދު ރެއާލްގެ ވާހަކަ ދައްކާނެތީ އެ ކަން އޮތީ ދޫކޮށްލެވިފައި. އެއީ ވިޔަފާރީގެ ވިސްނުމަށް ބަލާއިރު އެވެސް ކްލަބަށް ލިބޭނެ މޮޅެއް،" މޮރީނިއޯއާ އެކު ރެއާލުގައި މަސައްކަތްކުރި ޕަރާމެސް ބުންޏެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން އަންނަނީ ޕޮގްބާގެ މުސާރަ ބޮޑުކޮށް އޭނާ އެ ކްލަބްގައި ދިގު މުއްދަތަކަށް މަޑުކުރުވަން މަޝްވަރާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy