ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2019 - 12:27
މެޑްރިޑް (ސެޕްޓެމްބަރު 11) - ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ރެކޯޑެއް ގާއިމްކުރުމަށް ފަހު މިދިޔަ ސީޒަނުގައި މާ ބޮޑަށް ހަމަޖެހިލެވުމުން އޭގެ ގޯސް އަސަރުކުރިކަމަށް އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ރެއާލުން ވަނީ 2016، 2017 އަދި 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެ ކާމިޔާބަށް ފަހު މިދިޔަ ސީޒަނާ ރެއާލުން ކުރިމަތިލީ އެ ޓީމުގެ ކޯޗުކަމަށް ހުލެން ލޮޕެޓެގީ ގެނައުމަށް ފަހު އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ލޮޕެޓެގީ ވަކިކޮށް ސަންޓިއާގޯ ސޮލާރީ އެ ޓީމުގެ ކޯޗަކަށް ގެނަ އެވެ. ސޮލާރީ އަށް ވެސް ޕްރެޝަރު ބޮޑުވެ މަގާމު ދޫކޮށްލަން ޖެހުނުއިރު، ރެއާލަށް ޖެހުނީ އަލުން ޒިނެދިން ޒިދާން ގެންނާށެވެ. މިދިޔަ އަހަރު ރެއާލް ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކަޓައިފަ އެވެ. އަދި ލަލީގާ ގައި ވެސް ރެކޯޑް ދަށެވެ.
"މިދިޔަ އަހަރަކީ އަހަރެމެންނަށް ފިލާވަޅެއް. ހަގީގަތުގައި ބޮޑު ކާމިޔާބެއްގެ ގޯސް އަސަރު އަހަރެމެންނަށް ކުރީ. މާ ބޮޑަށް ހަމަޖެހިލެވުނީ. ޒިދާން ކޯޗުކަމުން ދިއުމުން އަލުން ޕްލޭނެއް ހެދީ އެއްވެސް ވަރެއްގެ ދުރު ވިސްނުމެއް ނެތި. އޭގެ ސަބަބުން މުޅި ސީޒަން ހަލާކުވީ،" މިދިޔަ އާދިއްތަ ދުވަހު މެޑްރިޑްގައި އޮތް ކްލަބްގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވި އެވެ.
ރެއާލަކީ ދުނިޔޭގެ ތާރީހުގައި ބެލިޔަސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރާނަމަ އަބަދުވެސް އޮންނަން ޖެހޭނީ އެންމެ ގޯސް ހާލަތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޕެރޭޒް ވިދާޅުވި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ގަތް ހަޒާޑް (ކ) މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން ޕެރޭޒް (ވ)އާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އޭއެފްޕީ
"ރެއާލުގައި ބޮޑު ތާރީހެއް އޮތީ އެކި ޖީލުތަކުގެ މޮޅު ކުޅުންތެރިން ގެނެސް ރަނގަޅު ޕްލޭނެއް އޮވެގެން މަސައްކަތްކޮށްގެން. މޮޅު ކުޅުންތެރިން ގަނެގެން ކުޅޭ ކޮންމެ ޓީމެއް މޮޅެއް ނުވާނެ. ޕޮލިސީ ލެވެލްގައި ގެންނަންޖެހޭ ބަދަލުތައް ކެރިގެން ގެންނަންޖެހޭ. އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަކީ އެންމެ ގޯސް ހާލަތަށް ތައްޔާރުވެ ތިބުން. އެކަމަކު މިދިޔަ އަހަރު އެކަން ވެސް ނުވެދިޔައީ،" ޕެރޭޒް ވިދާޅުވި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޒިދާނާ އެކު ގިނަ މަޝްވަރާތަކެއްކޮށް ރެއާލުން ކުޅުންތެރިން ގަތީ ކުރިއަށް އޮތް ފަސް ވަރަކަށް އަހަރަށް ވެސް ވިސްނުމަށް ފަހު އެވެ. ޕެރޭޒް ވިދާޅުވީ ރެއާލަކީ އެންމެ މަތީގައި އޮންނަން ޖެހޭ ޓީމަކަށްވާއިރު، އެކަން ކުރަން އެ ޓީމަށް އެންމެ މޮޅު ކުޅުންތެރިން ގަންނަން ޖެހޭކަމަށެވެ. އެކަމަކު ދުނިޔޭގެ ފުޓްބޯޅައިގައި ކުޅުންތެރިންގެ އަގުއުފުލެމުންދާގޮތުން އެކަން ކޮންޓްރޯލްކުރަން ގަވައިދުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ديمتري
12 September 2019
ރަގަޅު ވާހަކައެެއް. ނަމަވެސް ކުޅުންތެރިންގެ އަގު ހައްދުންނެއްޓޭ ހިސާބަށް ގެންދިއައީ ރެއާލް މެޑްރިޑުން.