11 ސެޕްޓެމްބަރ 2019 - 12:18
ލަންޑަން (ސެޕްޓެމްބަރު 11) - ދުނިޔޭގެ ފުޓްބޯޅައިގައި އެއް ބިލިއަން ޑޮލަރު ހަރަދުކުރި ފުރަތަމަ ކްލަބަކަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެއްޖެ އެވެ.
ފުޓްބޯޅައިގެ ތަފާސްހިސާބުތައް ރައްކާކުރާ ސީއައިއީއެސް ފުޓްބޯލް އޮބްޒާވެޓަރީން ރިޕޯޓްކުރާ ގޮތުގައި ސިޓީން ވަނީ މިހާރު އޮތް އެ ޓީމުގެ ސްކޮޑު އެކުލަވާލައި މިހާތަނަށް އެ ސްކޮޑަށް 1.10 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މިއީ ފުޓްބޯޅަ ތާރީހުގައި ވެސް ކްލަބަކުން އެ ވަގުތެއްގައި އޮތް ސްކޮޑަކަށް ކުރި ހަރަދު ބިލިއަން ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ. އަބޫ ދާބީ ޔުނައިޓެޑުން ގްރޫޕުން 2008 ވަނަ އަހަރު ސިޓީ ގަތުމަށް ފަހު އެ ކްލަބް ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ނަން ހިނގާ ކްލަބަކަށް ހަދައިފަ އެވެ.
ސިޓީގައި މިހާރު އޮތް ފުރަތަމަ ޓީމުގެ ސްކޮޑަށް އެންމެ ފަހުން ގަތް ކުޅުންތެރިއަކީ އެތުލެޓިކޯ މެޑްރިޑަށް 77 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ގެނައި ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީގޯ (ރޮޑްރީ) އެވެ. މިހާރު އޮތް ސްކޮޑުގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިއަކީ 2010 ވަނަ އަހަރު އެ ޓީމާ ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އަދި މިހާރު ޓީމުގެ ކެޕްޓަން ޑޭވިޑް ސިލްވާ އެވެ.
ލިސްޓުގެ ދެ ވަނައިގައި އޮތީ ގަތަރުގެ މަހުޖަނު ނާސިރު އަލް ހެއްލާފީ ހިންގާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. ޕީއެސްޖީގައި މިހާރު އޮތް ސްކޮޑުގެ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރެވެ. ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތީ 995 މިލިއަން ޑޮލަރުގަ އެވެ.
ގަދަ ދިހަ ޓީމަށް ބަލާއިރު، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ އަގަކީ 829 މިލިއަން ޑޮލަރެވެ. އަދި ފަސް ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 793 މިިލިއަން ޑޮލަރުގަ އެވެ. އޭގެ ފަހަތުން ބާސެލޯނާ އޮތީ 769 މިލިއަން ޑޮލަރުގަ އެވެ. ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް އޮތީ ލިސްޓުގެ ހަތް ވަނައިގަ އެވެ. އެ ޓީމުގެ އަގަކީ 705 މިލިއަން ޑޮލަރެވެ.
ސީއައިއީއެސް ފުޓްބޯލް އޮބްޒާވެޓަރީން 2010 ގެ ފަހަށް ބެލުމަށް ފަހު އެއްކުރި ހިސާބުތައް ދައްކާގޮތުން އޭގެ ފަހުން ކުޅުންތެރިން ގަތުމާއި އެހެނިހެން ގޮތްގޮތުން ކުޅުންތެރިންނަށް އެންމެ ބޮޑު ހޭދައެއްކުރީ ސިޓީންނެވެ. އެ ޓީމުން ވަނީ ކުޅުންތެރިންގެ ޓްރާންސްފާ އަށް 1.8 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 1.6 ބިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. މީގެ އިތުރުން އެއް ބިިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކުރި ޓީމުތަކަކީ ޗެލްސީ، ޕީއެސްޖީ، ޔުވެންޓަސް، މެންޗެސްޓާ ޔުނައިޓެޑް، އެތުލެޓިކޯ މެޑްރިޑް އަދި ލިވަޕޫލް އެވެ. މި ޓީމުތަކުން ކުރި ހަރަދު އެއް ބިލިއަން ޑޮލަރަށް ވުރެން މަތިވި ނަމަވެސް ކްލަބްތަކަށް ލިބުނު އާމްދަނީއާ އެކު އަޅާކިޔާނަމަ ނެޓް ސްޕެންޑް ހުރިހާ ޓީމެއްގެ ވެސް ނިސްބަތުން މަދެވެ. އެގޮތުން ބަލާއިރު ހަރަދުކުރިވަރު އެވްރެޖްކޮށް އުޅެނީ 120-150 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮނު އީސާ
11 September 2019
އަރަބިން ފައިސާ ތަކާ އެކީ ފުންމާލި ކޮންމެ ކަމެއް ހަލާކުކުރާ ބައެއްތީ
ރަދީފްް
11 September 2019
ރަނގަޅަށް އާރޓިކަލް ކިންތަ؟ "ސީއައިއީއެސް ފުޓްބޯލް އޮބްޒާވެޓަރީން 2010 ގެ ފަހަށް ބެލުމަށް ފަހު އެއްކުރި ހިސާބުތައް ދައްކާގޮތުން އޭގެ ފަހުން ކުޅުންތެރިން ގަތުމާއި އެހެނިހެން ގޮތްގޮތުން ކުޅުންތެރިންނަށް އެންމެ ބޮޑު ހޭދައެއްކުރީ ސިޓީންނެވެ. އެ ޓީމުން ވަނީ ކުޅުންތެރިންގެ ޓްރާންސްފާ އަށް 1.8 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 1.6 ބިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ." 2014ގެ ފަހުން 1ބިލިއަން ޚަރަދުކުރި ހަމައެކަނި ޓީމަކީ ބާސާ