އިންޓަގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު މާޓިނޭޒް އުފާފާޅުކުރަނީ.--
12 ސެޕްޓެމްބަރ 2019 - 09:53
މިލާން (ސެޕްޓެމްބަރު 12) - އިންޓަ މިލާނުގެ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އަކީ ބާސެލޯނާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި އެ ޓީމަށް ކުޅެން އޭނާ ބޭނުންވާނެ ކަމަށް މާޓީނޭޒްގެ އޭޖެންޓް ބެޓޯ ޔަކޭ ބުނެފި އެވެ.
އުމުރުން 22 އަހަރުގެ މާޓިނޭޒް މީގެ އެއް އަހަރު ކުރިން އިންޓަ އަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބަށް 22 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު ގެނައި މާޓިނޭޒް ހޯދަން ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު ކާމިޔާބުވާގޮތެއްނުވި އެވެ.
އިންޓަ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގަތުމުން މާޓީނޭޒަށް އިންޓަގެ އެއް ވަނަ ފޯވާޑްގެ މަގާމު ވަނީ ގެއްލިފަ އެވެ. އެއީ އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެންމެ ގަޔާވާ ކުޅުންތެރިޔަކީ ލުކާކޫ ކަމަށްވާތީ އެވެ. އަދި އިންޓަ އިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑްގެ ޗިލީ ފޯވާޑް އަލެކްސިސް ސަންޗޭޒް ވެސް ގެންގޮސްފަ އެވެ. ގިނަ ސަބަބުތަކާ ހުރެ މި ސީޒަނަށް ފަހު މާޓީނޭޒް އިންޓަ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އާޖެންޓީނާ އިން ދާދި ފަހުން މެކްސިކޯ އަތުން 4-0 އިން މޮޅުވި މެޗުގެ 22 މިނިޓް ތެރޭ މާޓީނޭޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ މެޗަށް ފަހު އޭނާގެ އޭޖެންޓް ބެޓޯ ބުނީ ޔޫރަޕްގައި ދެން މާޓީނޭޒް ކުޅޭނެ އެއް ކްލަބަކީ ބާސެލޯނާ އަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މާޓީނޭޒްގެ ކެރިއަރަށް ވަރަށް ރަނގަޅު ކަމެއް އެއީ އޭނާ އަށް މެސީ ފަދަ ކުޅުންތެރިއަކާ އެއް ޓީމަށް ކުޅެވުމަކީ. ބާސެލޯނާ އަށް ބަދަލުވަން މާޓީނޭޒް ވެސް ބޭނުންވާނެ،" ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބެޓޯ ބުންޏެވެ.
މާޓީނޭޒަކީ އެންމެ ކުރިން ވެސް އެންމެ ފެންވަރު ރަނގަޅު ލީގުތަކުގައި ކުޅުމުގެ ޝައުގުވެރިކަން ހުރި ކުޅުންތެރިޔެއް ކަމަށާއި އެކަމަކު އާޖެންޓީނާ ދޫކޮށް ފުރަތަމަ ޔޫރަޕަށް ދާން ޖެހުމުން އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް ބެޓޯ ބުންޏެވެ.
"އަމިއްލަ އާއިލާއާ އެކު ގިނަ ދުވަހު އުޅެފައި އެހާ ދުރަށް ދާން ޖެހުމުން ކޮންމެ މީހަކަށް ވެސް އުނދަގޫވާނެ. އެކަމަކު އިންޓަ ކަހަލަ ޓީމަކުން މާޓިނޭޒަށް ހުށަހެޅުން އައީމަ އަހަރެން ވިސްނައިދިނިން އެ ފުރުސަތުގެ މުހިއްމުކަން. އެ ވިސްނުމުގައި އޭނާ މިހާރު އެ އަންނަނީ ތަފާތު ދައްކަމުން،" މާޓީނޭޒް ބުންޏެވެ.
ދާދި ފަހުން އިޓަލީގެ މީޑިއާ އަށް އިންޓަގެ އޮފިޝަލަކު ބުނީ މާޓީނޭޒަކީ އެ ކްލަބްގެ މުސްތަގުބަލަށް މުހިއްމު ކުޅުންތެރިޔެއް ކަމަށާއި އޭނާ ވިއްކާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy