23 ސެޕްޓެމްބަރ 2019 - 08:25
ލަންޑަން (ސެޕްޓެމްބަރު 23) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑުންގެ ކިބައިގައި ގަވާއިދުން އެއް ލެވެލްގައި ގިނަ މެޗުތަކެއް ކުޅެން ބޭނުންވާ ކަންތައްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ލީގުގައި އިއްޔެ ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް ވަނީ ވެސްޓް ހޭމް ދަނޑުގައި އެ ޓީމު އަތުން 2-0 އިން ބަލިވެފަ އެވެ. މި މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނުއިރު، އެންމެ ކުރިއަށް ކުޅެމުންދިޔަ މާކަސް ރެޝްފޯޑް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އާއި ޕައުލް ޕޮގްބާ ވެސް އިއްޔެ މެޗުގައި ނުކުޅެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި އަލެކްސިސް ސަންޗޭޒް، އިޓަލީގެ އިންޓަ މިލާނަށް ދޫކޮށްލައިފަ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ޔުނައިޓެޑުން ފޯވާޑެއް ގެނެސްފައި ނުވާތީ އެކަމުގެ ގެއްލުން ކުރިމަތިވާނެ ކަމަށް އިނގިރޭސި ތަޖުރިބާކާރުން އޭރު ވެސް ވަނީ ފާހަގަކޮށްފަ އެވެ. އޭރު ސޯލްޝެއާ ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރުކުރާ ކަމަށާއި ޒުވާން ކުޅުންތެރިޔާ މޭސަން ގްރީންވުޑް ފަދަ ކުޅުންތެރިން ކުރިއަރުވަން ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.
މާޝިއަލް އާއި ރެޝްފޯޑް އަނިޔާވުމުގެ ސަބަބުން ހުރީ ކުޅުމާ ދުރުގަ އެވެ. އިއްޔެގެ މެޗަށް ފަހު ސޯލްޝެއާ ވަނީ އެ ޓީމުގެ އެޓޭކްގައި މައްސަލަތަކެއް ހުރި ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަނިޔާއެއްގެ ސަބަބުން އިއްޔެގެ މެޗުގައި ގްރީންވުޑް ވެސް ޓީމުގައި ނުހިމެނެ އެވެ.
"އަހަރެމެން ޓްރެއިނިންގައި ކުރާ ކަންތައްތައް މެޗުގައި ކުރަން ކުޅުންތެރިން މަސައްކަތް އެބަކުރޭ. އެކި ވަގުުތަކުގައި ކުޅުންތެރިން ކުރާ މަސައްކަތާއި ހުންނަ ކޮލިޓީ ބޭނުންކުރުމުގެ ތަފާތު މި މެޗުތަކުގެ ނަތީޖާ ބަދަލުކުރަނީ. ޔުނައިޓެޑްގެ ފޯވާޑުން ކިބައިގައި އެކަން ނެތް. އެއް ފެންވަރެއްގައި އެ ތަފާތު ނުދެއްކި މި ދަނީ. އަހަރެމެންގެ ޑިޒިޝަން މޭކިން ރަނގަޅެއް ނޫން. މިކަން ރަނގަޅުކޮށްގެން ނޫނީ ކުރިއަކަށް ނުގެންދެވޭނެ،" ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާ ބުނީ މި ހުރިހާ ކަމެއް މި ގޮތަށް އޮތް ނަމަވެސް އޭނާ ބޭނުންވަނީ ޕޮޒިޓިވްކޮށް ހުންނަން ކަމަށާއި އެއީ ބޭނުންވި ނަތީޖާ ނުނެރެވުނު ކަމުގައި ވިޔަސް ހާލަތު ރަނގަޅުކުރަން ކުޅުންތެރިން ކުރާ މަސައްކަތުގައި އޭނާ ސާބިތުވެ ހުރިކަން ކުޅުންތެރިންނަށް ޔަގީންކޮށްދިނުމަށް ކަމަށެވެ.
ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ ދެ މެޗުންނެވެ. ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި މޮޅެއް ހޯދީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ އަށް ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
23 September 2019
އެކްސްޕަޔަރވެފަ ތިބި ޔަންގް މެން ގޮވައިގެން ތިކަމެއް ނުވާނެ
ކިންގް
23 September 2019
ސޯލްޝެއާ އިޒް ރޯންގް. އިޓްސް ސޯލްކްސްޖަރ
ރަދީފް
23 September 2019
Ole Gunnar Solskjær ކިންގް ގިނަ ކޮމެންޓްރީތަކުގަ ކިޔާފަހުރި ގޮތަށް އާޓިކަލްގަ އޮތީ. (ޖޭ އަކުރު ސައިލެންޓް އިނގޭ. ކަލޭ knief އަށް ކްނައިފް އަދި umbrella އަށް އުމްބްރެއްލާ ކިޔަންވެސް ފަސްނުޖެހޭނެ ދޯ!!!) ވ.ވެދުން
ރަދީފް
23 September 2019
**knife (ޓައިޕިންގް އޭރާ)
ލެއްގި ކޮމިޝަނަރ
24 September 2019
އެހެންވީޔާ ތިއެރީ އޮންރީއަށް ކިޔަންޖެހޭނީވެސް ތިއެރީ ހެންރީ ދޯ؟ ނޫނޭވާ ކިންގް މީ މޮޅު ގޮލައެއް.
ރަދީފް
23 September 2019
މެންޗެސްޓަރ ޔުނައިޓެޑް އެއީ އިނގިރޭސި ފުޓްބޯޅައިގެ އަސްލު ރަސްގެފާނު.ފަހުން ނިކުމެ (ރަސްގެފާނު ކަމަށް ދައުވާކުރާ ކްލަބްތައް) އަދި ވަރަށް އާވާނެ. 1990 ގެ ފަހުކޮޅު އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު މެންޔޫއޭ ބުނެފިނަމަ އިދިކޮޅަށް ނިކުންނަ ކްލަބްތައް ޖެހިލުންވޭ.އަދި ފަހުން މެންޔޫގެ އަސްލު ފެންވަރު ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މޭސްތިރިކަމުގެ ފެނިގެންދާނެކަމަށް ގިނަބަޔަކު ބުނޭ.ވ.ވެދުން