ސަލްޒްބާގު އަތުން ޗެމްޕިއަން ލިވަޕޫލަށް ހަނި މޮޅެއް

ލިވަޕޫލް (އޮކްޓޫބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ސަލްޒްބާގުން ފަހަތުން އަރައި ތިން ގޯލު ޖަހައި އެއްވަރުކުރި ނަމަވެސް ލިވަޕޫލުން 4-3 އިން ހަނި މޮޅެއް ހޯދައިފި އެވެ.


މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ވަނީ ރަށުންބޭރުގައި 2-0 އިން ނަޕޯލީ އަތުން ބަލިވެފަ އެވެ. އެހެންވެ ރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް އޮތީ ފޯމަކަށް އެޅެން މޮޅުވުން މަޖުބޫރުވެފަ އެވެ.

ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ކުރިން ސަލްޒްބާގަށް ކުޅުނު ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ އެވެ. ލިވަޕޫލަށް ލީޑުފުޅާކޮށްދިނީ މެޗުގެ 26 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން އެވެ. އޭނާ މި ލަނޑު ޖެހީ އަލެކްސަންޑަ އާނޯލްޑްގެ ހުރަހަކުންނެވެ. އޭގެ ނުވަ މިނިޓް ފަހުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އޭގެ ކުރިން ސަލާހު އަތުން ރަނގަޅު ދެ ފުރުސަތެއް ގެއްލުނެވެ.

ފުރަތަމަ މެޗުގައި ގެންކް އަތުން 6-2 އިން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ސަލްޒްބާގަށް ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އުއްމީދެއް ލިބުނީ ދެކުނު ކޮރެއާގެ ފޯވާޑް ހްވަން ހީޗަން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލް އަތުން ފުރުސަތުތަކެއް ބޭކާރުވިއިރު، ސަލްޒްބާގުން ވަނީ ތަފާތު ރޫހެއް ދައްކައި ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ގޯލުގައި ވެސް މުހިއްމު ރޯލެއް ކުޅުނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާނުގެ މިޑްފީލްޑަރު މިނަމީނޯ އެވެ. އޭނާ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އެއްވަރުކުރި ލަނޑު ޖަހަން އާލިން ހާލަންޑަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ތިން ގޯލުގެ ލީޑު ގެއްލުމާ އެކު ލިވަޕޫލުން ވަނީ ޖޭމްސް މިލްނާ އާއި ޑިވޮކް އޮރީގީ ކުޅެން އަރުވައިފަ އެވެ. މެޗު ނިމެން 20 މިނިޓަށް ވެފައި ހުއްޓައި ލިވަޕޫލް މޮޅުކޮށްދިން ލަނޑު ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ކާމިޔާބުކުރީ ސަލާހު އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ތިން ގޯލުގެ ލީޑެއް މި ގޮތަށް ދިއުމަކީ އޭނާ އަށް މިހާރު އޮތް ޓީމުގެ ފަރާތުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ލިވަޕޫލަށް ލިބިގެންދިޔަ ފިލާވަޅެއް ކަމަށް ބުންޏެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ނަޕޯލީ ވަނީ ގެންކާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.

ރޭ ޗެލްސީ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ފްރާންސްގެ ލޮސްކް ލިލް އަތުން 2-1 އިން މޮޅުވެފަ އެވެ. ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗަކަށް ހުރެ ޔޫރަޕްގައި އެ ޓީމު މޮޅުކޮށްދިން ފުރަތަމަ މެޗުގައި ލަނޑު ޖެހީ ޓެމީ އަބްރަހަމް އާއި ވިލިއަން އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ވެލެންސިއާ ދަނޑުގައި އަޔަކްސް ވަނީ 3-0 އިން މޮޅުވެފަ އެވެ. މިިދިޔަ ސީޒަނުގައި ސެމީގައި ކުޅުނު އަޔަކްސް އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ ހަކީމް ޒިޔެޗް، ކުއިންސީ ޕްރޯމެސް އަދި ވެން ޑަ ބީކް އެވެ.