05 އޮކްޓޯބަރ 2019 - 11:02
ތެހެރާން (އޮކްޓޫބަރު 5) - ކުޅިބަލަން އަންހެނުން ދަނޑަށް ވަނުމުގެ ހުއްދާ އީރާނުން އަލުން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެންގުމާ އެކު އީރާނުން އެ ގޮތަށް އަމަލުކުރަން ނިންމައިފި އެވެ.
ސާޅީސް އަހަރު ވަންދެން، އީރާނުގައި މެޗުތައް ބަލަން އަންހެނުންނަށް ދަނޑަށް ވަނުން މަނާކޮށްފައި އޮތުމަށް ފަހު މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ބަލަން އަންހެން ސަޕޯޓަރުން ވަންނަން ހުއްދަދިނެވެ. އެ ފަހަރު އެތައް ސަތޭކަ އަންހެން ސަޕޯޓަރުން ދަނޑަށްވަދެ ޝުއޫރުފާޅުކުރަމުންދިޔަ އެވެ. އެކަމަކު އެ މެޗަށް ފަހު އަލުން އިރާނުން ވަނީ އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމައިފަ އެވެ.
އެކަމަކު ތަކުރާރުކޮށް އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ވައްދަން ފީފާ އިން އަންގަމުން ދިއުމާ ގުޅިގެން އެންމެ ފަހުން އީރާނުން ގޮތްދޫކުރީ އެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އަންނަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި އީރާނުން ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ގާތްގަނޑަކަށް 3500 އަންހެން ސަޕޯޓަރުން ދަނޑަށް ވަންނާނެ އެވެ.
އީރާނުގެ މެޗު ކުޅޭ އާޒާދީ ސްޓޭޑިއަމްގައި 100،000 މީހުންނަށް ވަދެވޭއިރު، އަންހެން ސަޕޯޓަރުންނަށް ކަނޑައެޅި 3500 ޓިކެޓް ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭ ވިކި ހުސްވެފަ އެވެ.
އަންހެން ސަޕޯޓަރުން ދަނޑަށް ވައްދަން އީރާނުން މި ނިންމީ ދާދި ފަހުން އީރާނުގެ އަންހެން ފުޓްބޯޅަ ސަޕޯޓަރަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިގެން މަރުވުމާ ގުޅިގެން ފީފާގެ ޓީމެއް އީރާނަށް ގޮސް ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.
ސަހާރް ކޮދާޔަން ނަމަކަށް ކިޔާ އެ އަންހެން ސަޕޯޓަރު، އީރާނުގެ ކޯޓެއްގެ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވީ ފުޓްބޯޅަ މެޗެއް ބަލަން ފިރިހެނެއް ގޮތަށް މޭކަޕް ކޮށްގެން އޭނާ ދަނޑަށް ވަނުމުން ހަ މަސް ދުވަހަށް ޖަލަށްލާން ނިންމުމުންނެވެ.
ދީނީ އަދި ސަގާފީ ސަބަބުތަކެއްގެ ތެރެއިން 1981 ވަނަ އަހަރަށް ފަހު އީރާނުން އަންްހެން ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމާފައިވާއިރު، ފިރިހެނުން ގޮތަށް މޭކަޕް ކޮށްގެން މެޗު ބަލަން ދަނޑަށް ވަންނަން މަސައްކަތްކުރި އަންހެން ސަޕޯޓަރުންތަކެއް ވަނީ އެތަކެއް ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ. އަދި ހަރުކަށު އަދަބުވެސް ދީފައިވެ އެވެ.
އަމިއްލަ ގައުމުގައި ކުޅޭ މެޗުތައް ބަލާލުމުގެ ފުރުސަތު އީރާނުގެ އަންހެން ސަޕޯޓަރުންނަށް ނުލިބުނު ނަމަވެސް އޭޝިއަން ކަޕާއި ވޯލްޑް ކަޕްގައި އީރާން ކުޅޭ މެޗުތައް ބަލަން އަންހެން ސަޕޯޓަރުން ދެ އެވެ.
ގިނަ އަހަރުތަކެއް ވަންދެން އަންހެން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އޮތުމަށް ފަހު މިދިޔަ އަހަރު ޖެނުއަރީ މަހު ސައުދީ އަރަބިއްޔާ އިން ވެސް ވަނީ އެ ނިންމުން ބަދަލުކޮށް އަންހެން ސަޕޯޓަރުންނަށް މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތުދީފަ އެވެ. އެ ކަމުގައި ވެސް ފީފާ އިން އިސް ރޯލެއް ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަންޕު
05 October 2019
އެންމެފަހުން ޖެހުނީ ދޭންދޯ!
އަންދަރޭ
05 October 2019
އިރާނުކުދިން ހާދަ ސަޅިއޭ.
ހަސަނު
05 October 2019
މީ ވެސް ބައެއްމީހުން އިސްލާމް ދީނ ްމާނަ ކުރާ ގޮތް..
ބަބުރުކަލޯ
05 October 2019
އިރާނުވެސް މިހާރު އެބަ ރަނގަޅުވޭ.
ސަކީނާ
05 October 2019
އަދިކިރިޔާ!!