28 އޮކްޓޯބަރ 2019 - 09:13
ޕެރިސް (އޮކްޓޫބަރު 28) - ފްރެންޗް ލީގުގައި ރޭ މައުރޯ އިކާޑީގެ ދެ ގޯލާ އެކު ވަރުގަދަ މާސޭ އަތުން 4-0 އިން މޮޅުވެ ޕީއެސްޖީން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 11 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނޯންޓެސް އަށް 11 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ހަތަރު ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ދެ ގޯލު ޖެހީ އިންޓަ މިލާނުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ކުޅެމުން އަންނަ އިކާޑީ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ފްރާންސްގެ ހުނަރުވެރި ތަރި ކީލިއަން އެމްބާޕޭ އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު އިކާޑީ ވަނީ އެންމެ ފަހުން ޕީއެސްޖީ ކުޅުނު ފަސް މެޗުގައި ހަތް ގޯލު ހަމަކޮށްފަ އެވެ.
މެޗަށް ފަހު އިކާޑީ ބުނީ ޕީއެސްޖީ އަށް ބަދަލުވީ އެ ޓީމުގެ ފެންވަރު އެނގިހުރެ ބޮޑު ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ.
"ޕީއެސްޖީ އަށް އައިިއިރު ވެސް އަހަންނަށް އެނގޭ ގިނަ ގޯލުތަކެއް ޖަހައިގެންކަން ޓީމުން ފުރުސަތު ލިބޭނީ. އެއީ އަހަރެން މި ޓީމުގައި މި ކުރާ ކަމަކީ. ކުރަން ބޭނުންވަނީ ވެސް އެކަންތައް. ދެން ގިނަ ކާމިޔާބީތަކެއް ހޯދުން ވެސް. ވަރަށް ގިނަ މޮޅެތި ކުޅުންތެރިންނާ އެއް ޓީމަށް ކުޅެފިން. ޕީއެސްޖީ އަކީ މިހާތަނަށް އަހަރެން ކުޅުނު އެންމެ މޮޅު ޓީމު،" އިކާޑީ ބުންޏެވެ.
އަންނަ މަހު އޮތް ގައުމީ ޓީމުގެ މެޗުތަކުން އާޖެންޓީނާ އިން ފުރުސަތު ލިބިއްޖެނަމަ ބޭނުން ހިފާނެތޯ ސުވާލުކުރުމުން އިކާޑީ ބުނީ އެއީ އޭނާގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމަށެވެ.
"ޓީމަށް ނަގައިފިނަމަ ދެން ހަދާނެ ގޮތެއް އެނގޭނީ. ހަގީގަތަކީ އެއީ އަހަރެންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން،" ކުރިން ބާސެލޯނާ ޔޫތު ޓީމަށް ކުޅުނު އިކާޑީ ބުންޏެވެ.
އުމުރުން 26 އަހަރުގެ އިކާޑީ އަށް އެންމެ ފަހުން ގައުމީ ޓީމަށް ކުޅެލުމުގެ ފުރުސަތު ލިބުނީ މިިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އެ ފަހަރު މެކްސިކޯ އަތުން 2-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އިކާޑީ ވަނީ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މި އަހަރު ބޭއްވި ކޮޕަ އެމެރިކާ އަށް ނެގި ޕްރިލިމިނަރީ ސްކޮޑުން އިކާޑީ އަށް ފުރުސަތު ލިބުނު ނަމަވެސް ފައިނަލް ސްކޮޑުން ވަނީ ބާކީވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy