01 ނޮވެމްބަރ 2019 - 09:21
ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 1) – ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ލިއޮނަލް މެސީ އަށް ދިން ތިން މަހުގެ ސަސްޕެންޝަނަށް ފަހު އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރުވެއްޖެ އެވެ.
މި ފަހަރުގެ ކޮޕަ އެމެރިކާގައި ދެއްކި ވާހަކަތަކާ ގުޅިގެން މެސީ އަށް ތިން އަދަބެއް ދިނެވެ. ފުރަތަމަ އަދަބު ދިނީ ރެފެރީންނަށް ފާޑުކިޔުމުންނެވެ. ދެ ވަނަ އަދަބަކީ ސަސްޕެންޝަނެކެވެ. އަދި ތިން ވަނަ އަދަބަކީ ބްރެޒިލަށް ކޮޕަ އެމެރިކާ ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ކޮންމެބޯލުން ބޭނުންވި ކަމަށާއި އެތަން އޮތީ ކޮރަޕްޓްވެފައިކަމަށް ބުނުމުން އައި ޖޫރިމަނާ އެކެވެ.
ކޮންމެބޯލް އިން ދިން އަދަބުގެ ސަބަބުން އާޖެންޓީނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗު މެސީ އަށް ވަނީ ގެއްލިފަ އެވެ. އަލުން މެސީ ގައުމީ ޓީމަށް ކުޅޭނެ ފުރަތަމަ މެޗަކީ މި މަހު ބްރެޒިލާއި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ މަހު 15 ވަނަ ދުވަހު ބްރެޒިލާއި އާޖެންޓީނާ ކުޅޭ މެޗު އޮންނާނީ ސައުދީ އަރަބިއާގަ އެވެ. އަދި އޭގެ ތިން ދުވަސް ފަހުން އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އިޒްރޭލުގަ އެވެ.
މެސީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު މެޗަކީ ކޮޕަ އެމެރިކާގެ ތިން ވަނަ ހޮވާ މެޗުގައި ޗިލީއާ ބައްދަލުކުރި މެޗެވެ. އެ މެޗުގައި މެސީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެސީ ނެތި އާޖެންޓީނާ ކުޅުނު ތިން މެޗުގެ ނަތީޖާ އަށް ބަލާއިރު ޗިލީއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗާއި ޖަރުމަނާ 2-2 އިން އެއްވަރުކުރިއިރު، މެކްސިކޯ އަތުން 4-0 އިން އަދި އެކުއޭޑޯ އަތުން ވަނީ 6-1 އިން މޮޅުވެފަ އެވެ.
އާޖެންޓީނާ ސްކޮޑަށް މި ފަހަރު މެސީގެ އިތުރުން ދެން ހިމެނުނު ކުޅުންތެރިޔަކީ ރަނގަޅު ފޯމެއްގައި ހުރި މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އެކަމަކު ޕީއެސްޖީގައި މި ވަގުތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މައުރޯ އިކާޑީ އަށް މި ފަހަރު ވެސް ފުރުސަތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢީޙޫ
01 November 2019
ތީ އުއްމީދަކީ. ދުވަސްގަނޑަކަށްފަހު އާޖެންޓީނާ މިދަނީ ވަރުގަދަ ޓީމަކަށް ވަމުން. އިރާދަ ކުރެއްވިއްޔާ ދެންއަންނަ ވޯލްޑް ކަޕްވެސް ނެގިދާނެ.