02 ނޮވެމްބަރ 2019 - 10:37
ޕެރިސް (ނޮވެމްބަރު 2) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ޑިޖޯނުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން 2-1 އިން ބަލިކޮށްފި އެވެ.
ލީގުގައި މި ފަހަރު ތިން ވަނަ މެޗުން ޕީއެސްޖީ ބަލިވިއިރު އެ ޓީމު އެއް ވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނޯންޓެސް އަށް 11 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ޑިޖޯން ވަނީ 18 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކީލިއަން އެމްބާޕޭގެ ގޯލުން ޕީއެސްޖީން ލީޑުނަގައިދިނެވެ. ޑިޖޯނުން ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ އިތުރު ވަގުތާއި ދެ ވަަނަ ހާފްގެ ކުރީކޮޅުގައި ލަނޑުތައް ޖަހައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑިޖޯނަށް އެެއްވަރުކޮށްދިނީ މުނީރު ޗޯއިއާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޑިޖޯނަށް ލީޑުނަގައިދިނީ ޔޮންދާ ކާޑިޒް އެވެ.
ނަތީޖާ އެއްވަރުކުރަން ޕީއެސްޖީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެ ގޮތުން މައުރޯ އިކާޑީ އާއި އެޑިސަން ކަވާނީ ފޮނުވާލި ބޯޅަތައް ދިޔައީ ކާމިޔާބުނުވެ އެވެ.
ލީގުގައި މީގެ ކުރިން ޑިޖޯނަށް ޕީއެސްޖީ އަތުން މޮޅެއް ހޯދިފައެއް ނުވެ އެެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު އަށް މެޗުގައި ޑިޖޯން ކޮޅަށް ޕީއެސްޖީން ވަނީ 31 ގޯލު ޖަހައިފަ އެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅަށް ދިޔައީ ވަރަށް މަދު ކަމެއް ކަމަށެވެ.
"މި ނަތީޖާ އަކީ އަހަރެމެންގެ ފަރުވާކުޑަކަމުން ދިމާވި ކަމެއް. އެޓޭކްގައި ވެސް ޑިފެންސްގައި ވެސް ފެނުނީ އެއްވެސް ޖޯޝެއް ނެތި ޓީމު ރޫހެއް ނެތި ވަކި ވަކި ކުޅުންތެރިންތަކެއް ކުޅުނުތަން. މި ގޮތަށް ކުޅެގެން ބަލިވާނެކަން ވެސް އެނގޭ. މިއީ ފިލާވަޅު ނަގަން ޖެހޭ މެޗެއް،" ޕީއެސްޖީގެ ކޯޗު ޓުޗެލް ބުންޏެވެ.
ޕީއެސްޖީ މޮޅުނުވުމުން ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ދެ ވަނައިގައި އޮތް ނޯންޓެސް މިރޭ ކުޅޭނީ ބޯޑޯއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy