04 ނޮވެމްބަރ 2019 - 09:15
މޮންޓެ ކާލޯ (ނޮވެމްބަރު 4) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކީލިއަން އެމްބާޕޭ ދެން ފެންނާނީ ރެއާލް މެޑްރިޑުން ކަމަށް އެމްބާޕޭގެ ކުރީގެ ކްލަބް މޮނާކޯގެ ރައީސް ވަޑިމް ވަސީލިއެވް ވިދާޅުވެއްޖެ އެވެ.
މޮނާކޯ އިން މީދެ ތިން ސީޒަން ކުރިން ވިދާލި އެމްބާޕޭ، ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން އެ އެއްބަސްވުން ދާއިމީކުރަން ޕީއެސްޖީން ވަނީ 180 މިލިއަން ޔޫރޯ ދައްކައިފަ އެވެ.
ފާއިތުވި ދެ ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ވަނީ އުމުރުން 20 އަހަރުގެ އެމްބާޕޭ ގަންނަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވީ ޕީއެސްޖީގެ ރައީސް ނާސިރު އެލްހެއްލާފީ އެ ޑީލާ ދެކޮޅު ހެއްދުމުންނެވެ. އެހެން ނަމަވެސް މި އަހަރު ކުރީކޮޅު ރެއާލްގެ ކޯޗުކަމާ އަލުން ޒިނެދިން ޒިދާން ހަވާލުވުމަށް ފަހު އެމްބާޕޭ ގެންނަން ކުރާ މަސައްކަތް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އަންނަ ސީޒަނުގައި އެމްބާޕޭ އަށް ބޮޑު ބިޑެއް ކުރާނެ ބެލެވެ އެވެ.
މޮނާކޯގެ ރައީސް ވަސީލިއެވް ވިދާޅުވީ ކުރިން ވެސް އެމްބާޕޭގެ އެންމެ ބޮޑު ހުވަފެނަކީ ރެއާލަށް ކުޅުން ކަމަށާއި އަދިވެސް އެކަން ބަދަލުނުވާ ކަމަށެވެ.
"އަދިވެސް އެމްބާޕޭގެ ހިތް އޮތީ ރެއާލުގައި. އޭނާ ކުރިން ވެސް ބޭނުންވެފައި ހުރީ ރެއާލަށް ދާން. އޭރު އެ ޕްރެޝަރު އޭނާ އަށް އާވީމަ ނުދިޔައީ. އެކަމަކު މިހާރު އޭނާ އަކީ ދުނިޔޭގެ ޗެމްޕިއަނެއް. ބޮޑެތި މުބާރާތްތަކުގައި ތަފާތު ދައްކައިފި. ޕީއެސްޖީ އަށް ފަހު ދެން އޭނާ ފެންނާނީ ރެއާލުން،" ރަޝިއާ އަށް އުފަން ވަސީލިއެވް ވިދާޅުވި އެވެ.
މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ނައިކީން ލިވަޕޫލް ސްޕޮންސަކުރުމަށް އަންނަ އަހަރުން ފެށިގެން ނިންމާފައިވާއިރު، އިނގިރޭސި މީޑިއާ އިން ވަނީ ލިވަޕޫލާއި އެމްބާޕޭ ގުޅުވައިގެން ގިނަ ވާހަކަތަކެއް ރިޕޯޓްކޮށްފަ އެވެ. އިނގިރޭސި މީޑިއާގެ ރިޕޯޓްތަކުގައިވާ ގޮތުން ލިވަޕޫލްގެ މައިނޯރިޓީ ހިއްސާދާރެއް ކަމަށްވާ ބާސްކެޓްބޯޅަ ތަރި ލެބްރަން ޖޭމްސް އާއި ނައިކީގެ އެހީގައި ލިވަޕޫލުން އެމްބާޕޭ ހޯދަން އަންނަ އަހަރު މަސައްކަތްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
04 November 2019
ތި ސޮރުގެ ދުވަސް ތިޔަދަނީ.
ތަރިރުހަނދު
04 November 2019
އެޔޯ؟ އަދި ކިރިއާނު ވިދާލާނީ!!