28 ނޮވެމްބަރ 2019 - 09:26
މެޑްރިޑް (ނޮވެމްބަރު 28) – ސްޕެއިނުގެ ކުރީގެ ކޯޗު ރޮބާޓޯ މޮރޭނޯ އަކީ ވަފާތެރިއެއް ނޫން ކަމަށާއި އޭނާ އަށް ކޯޗިން ޓީމުން ފުރުސަތު ނުދޭނެ ކަމަށް ސްޕެއިނުގެ ކޯޗު އަދި މޮރޭނޯގެ އެކުވެރިޔާ ލުއިސް އެންރީކޭ ބުނެފި އެވެ.
މޮރޭނޯ އަކީ ފެށުނީއްސުރެ އެންރީކޭގެ އެސިސްޓަންޓެކެވެ. އޭނާ ސްޕެއިން ޓީމާ ހަވާލުވީ އެންރީކޭގެ ދަރިފުޅުގެ ސިއްހީ ހާލަތު ގޯސްވުމުން ޖޫން މަހު އޭނާ އިސްތިއުފާ ދިނުމުންނެވެ.
މޮރޭނޯ އޭރު ބުނީ އެންރީކޭ އަލުން ސްޕެއިން ޓީމާ ހަވާލުވާން ބޭނުންވެއްޖެ ނަމަ އުފަލާ އެކު މަގާމް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ޔޫރޯ ކޮލިފައިން ނިމުމާ އެކު މީގެ ދުވަސްކޮޅެއް ކުރިން ސްޕެއިން ފެޑެރޭޝަނުން ކުއްލި ގޮތަކަށް މޮރޭނޯ ވަކިކޮށް އަލުން އެންރީކޭ ގެނައުމުން މޮރޭނޯ ހުރީ ހިތްހަމަނުޖެހިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހިތްހަމަނުޖެހުނީ ފެޑެރޭޝަނުން އެކަމުގައި އަމަލުކުރި ގޮތެވެ. ޔޫރޯ ކޮލިފައިންގައި ރޫމޭނިއާ އަތުން ސްޕެއިން މޮޅުވި މެޗުގެ ކުރިން މީޑިއާތަކުން ވަނީ މޮރޭނޯ ވަކިކޮށް އެންރީކޭ އަލުން ގެންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެކަމަކު އެންރީކޭ ބުނީ ސެޕްޓެމްބަރު 12 ވަނަ ދުވަހު މޮރޭނޯގެ އެދުމުގެ މަތިން ބައްދަލުކުރި ކަމަށާއި މޮރޭނޯ ބޭނުންވީ ޔޫރޯގައި އޭނާ ކޯޗުކޮށްދޭން ކަމަށެވެ. އެއަށް ފަހު އެންރީކޭ ބޭނުންވެއްޖެ ނަމަ އޭނާގެ އެސިސްޓަންޓަކަށް ދާން މޮރޭނޯ ހުރީ ތައްޔާރަށެވެ.
"އަހަންނަށް ގަބޫލުކުރެވޭ ކޯޗަކަށް ވާން އޭނާ ބޭނުންވާނެކަން. އަދި އަހަންނަށް ގަބޫލުކުރެވޭ މިއީ އުމުރުދުވަހުގެ ހުވަފެނެއް ކަން ވެސް އަދި އެކަމަށް އޭނާ ބުރަކޮށް މަސައްކަތްކުރިކަން ވެސް. ހަމައެއާ އެކު އަހަންނަށް ގަބޫލުކުރެވޭ އޭނާ ވަފާތެރި ނޫންކަން ވެސް. އަހަންނެއް އެގޮތަކަށް އަމަލެއް ނުކުރާނަން އަދި އެފަދަ މީހަކު އަހަރެންގެ ޓީމަކަށް ބޭނުމެއް ވެސް ނުވޭ،" އެންރީކޭ ބުންޏެވެ.
އެންރީކޭ ގަބޫލުކުރާ ގޮތުގައި ޔޫރޯގައި ކޯޗުކޮށްދޭން މޮރޭނޯ ބޭނުންވުމަކީ އޭނާގެ ވަފާތެރިކަމެއް ނެތުމެވެ. ސަބަބަކީ އެންރީކޭ އަންނަން ބޭނުންވެއްޖެ ނަމަ މަގާމް ދޫކޮށްލާނެ ކަމަށް މޮރޭނޯ ކުރިން ބުނެފައިވާތީ އާއި އޭނާ އަށް އެ ފުރުސަތު ލިބުނީ އެންރީކޭގެ ސަބަބުން ކަމަށްވާތީވެ އެވެ. އެހެންވެ އެންރީކޭ އަށް ގަބޫލުކުރެވޭ ގޮތުގައި މޮރޭނޯ ވަފާތެރި ނަމަ އޭނާ ހުންނަން ޖެހޭނީ އެންރީކޭ އަށް ޓަކައި މަގާމް ދޫކޮށްލަން ތައްޔާރަށެވެ.
އެންރީކޭއާ އެކު ސްޕެއިނުން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް ކޮންޓްރެކްޓް ހަދައިފަ އެވެ. އެންރީކޭ ބުނީ އޭނާ އަށް ވުރެ ރަނގަޅަށް އެހެން މީހަކަށް މަސައްކަތްކުރެވޭނެ ކަމަށް ފެޑެރޭޝަނުގެ ރައީސް ގަބޫލުކުރެވުނަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި މަގާމް ދޫކޮށްލުމާ މެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.
ސްޕެއިން ގައުމީ ޓީމާ އެންރީކޭ އެންމެ ފުރަތަމަ ހަވާލުވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެ މުބާރާތުގައި ކޯޗުކޮށްދިނީ ކުރީގެ ޑިފެންޑަރު ފެނާންޑޯ ހިއޭރޯ އެވެ. އޭނާ އަށް އޭރު ވަގުތީ ކޯޗުކަން ލިބުނީ ދާއިމީ ކޯޗަކަށް ހުރި ހުލެން ލޮޕެޓީގް އެ މުބާރާތަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުން ފެޑެރޭޝަނުން އެކަމާ ހިތްހަމަނުޖެހި އޭނާ ވަކިކުރުމުންނެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެންރީކޭ ވަނީ 1991 އިން 2002 އަށް ސްޕެއިން ގައުމީ ޓީމަށް 62 މެޗު ކުޅެދީފަ އެވެ. ކޯޗިން ކެރިއަރުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދިނެވެ.
"މިއަދަކީ އަހަންނާއި އަހަރެންގެ އާއިލާ އަށް ހާއްސަ ދުވަހެއް. އަހަރެން، އަހަރެންގެ ގެޔަށް އަނބުރާ މިދަނީ. އަހަރެން ގައުމީ ޓީމަށް އެނބުރި މިދަނީ އަހަރެން ފެށި ޕްރޮޖެކްޓް ނިންމަން،" އެންރީކޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
28 November 2019
އެންރީކޭ އަކީ ސްޕެއިންޓީމްގެ ސްޓައިލަށް ފެތޭ މޮޅު ކޯޗެއް.. އަދި މޮރޭނޯގެ ކޯޗްކަމުގައި ސްޕެއިން ޓީމް ނެރުނު ނަތީޖާތައް ވަރައް ރަނގަޅު.
ޢައިށާ
28 November 2019
ވަރަށް މޮޅު ދެ ކޯޗުން ތީ. ދެމީހުން އެއްކޮށް މަސައްކަތް ކޮއްފިއްޔާ ޔޫރޯވެސް ނެގިދާނެ.