މެންޗެސްޓާ ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް (ކ) އަތުން ބޯޅަ ހޯދަން އެސްޓަން ވިލާގެ ފްރެޑެރިކް ގިލްބަޓް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2019 - 10:17
މެންޗެސްޓާ (ޑިސެމްބަރު 2) – އިނގިރޭސި ޕްރިމިއާ ލީގުގައި އަޑިގަނޑުން އަރައިގަންނަން މަސައްކަތްކުރަމުން އަންނަ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ރޭ ކުޅުނު މެޗުތަކުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
އުނާއީ އެމެރީ ވަކިކޮށް ވަގުތީ ކޯޗަކަށް ހަމަޖެއްސި ފްރެޑީ ލިއުންބާގުގެ ކޯޗުކަމުގައި ކުޅެ އާސެނަލުން ރަށުން ބޭރުގައި ނޯވިޗް ސިޓީއާ 2-2 އިން އެއްވަރުވީ އެވެ. މެންޗެސްޓާ ޔުނައިޓެޑް އޯލްޑް ޓްރެފޯޑުގައި އެސްޓަން ވިލާއާ އެއްވަރުވީ ހަމަ އެ ނަތީޖާ އިންނެވެ.
އާސެނަލް އޮތީ 19 ޕޮއިންޓް ހޯދައިގެން ތާވަލުގެ އަށް ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 18 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.
ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ތާވަލުގައި އެ ޓީމު އޮތް މަގާމެއް ނޫން ކަމަށާއި މައްސަލައަކީ ލީޑު ލިބި މޮޅުނުވުމުން ކަމަށެވެ. ވަރަށް ގިނަ މެޗުތަކުގައި ޔުނައިޓެޑް ކުރީގައި އޮންނަ ކަމަށާއި އެ މެޗުތަކުން މޮޅު ހޯދުމަކީ އެންމެ ސަމާލުކަން ދޭން ޖެހޭ ކަންތައް ކަމަށް އޭނާ ބުންޏެވެ.
އާސެނަލްގެ ޑަވިޑް ލުއިޒް (ވ) އާއި ނޯވިޗް ސިޓީގެ ޓޮޑް ކެންޓްވެލް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި ވިލާގެ ޖެކް ގްރީލިޝް ލީޑު ނެގި ނަމަވެސް ޔުނައިޓެޑް ފަހަތުން އަރައި، ލީޑު ނެގި އެވެ. އެއީ ވިލާގެ ޓޮމް ހީޓަން އަތުން ބައިކޮޅަށް ވަން ގޯލުންނާއި ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓަ ލިންދެލޯފް ޖެހި ގޯލުންނެވެ. އެކަމަކު ޓައިރޯން މިންގްސްގެ ގޯލުން ވިލާ އިން އެއްވަރުކުރީ އެވެ.
އާސެނަލާއި ނޯވިޗް ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ޓީމޫ ޕުއްކީގެ ގޯލުން ނޯވިޗުން ކުރި ހޯދާފައިވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ 29 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕިއެރޭ އެމެރިކް އޯބަޔަން އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނޯވިޗުގެ ޓޮޑް ކެންޓްވެލް އަލުން ކުރި ހޯދާފައިވަނިކޮށް އާސެނަލަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ވެސް 57 ވަނަ މިނެޓުގައި ކެޕްޓަން އޯބަމަޔަން އެވެ.
އާސެނަލްގެ ކޯޗު ލިއުންބާގް ބުނީ ޓްރެއިނިންގައި މަސައްކަތްކުރި ވަރަށް ގިނަ ކަންކަން މެޗުގެ ކުރީކޮޅު ފެނިގެން ދިޔަ ކަމަށާއި އެކަމަކު ގުނޭނެ ހަމައެކަނި އެއްޗަކީ މޮޅުވުން ކަމަށްވާތީ ލަނޑު ޖަހައި ލީޑު ނަގަން ޖެހޭ ކަމަށް ލިއުންބާގް ބުންޏެވެ.
"އަހަރެން ބޭނުންވީ މޮޅުވާން. އެކަން ނުވީމާ މާޔޫސްވޭ. އެކަމަކު ޕޮޒިޓިވް ވަރަށް ގިނަ ކަންކަން ފެނުނު،" އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy