މިލާން (ޑިސެމްބަރު 4) – އިޓާލިއަން ލީގުގެ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޔުވެންޓަސްގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
މިދިޔަ ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ.
އޭނާ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ވެސް ބޭއްވި މިދިޔަ ހޯމަ ދުވަހުގެރޭގަ އެވެ. އެ އެވޯޑުގައި ރޮނާލްޑޯ ދިޔައީ ތިން ވަނަ އަށެވެ. ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އެވޯޑް ކާމިޔާބުކުރިއިރު، ދެ ވަނަ އަކީ ލިވަޕޫލުގެ ވާޖިލް ވެން ޑައިކެވެ.
ޕެރިހުގައި އޮތް ބެލޮންޑިއޯ އެވޯޑް ހަފުލާ އަށް ރޮނާލްޑޯ ހާޒިރުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ބަދަލުގައި އޭނާ ދިޔައީ މިލާނުގައި އޮތް އިޓާލިއަން ލީގުގެ އެވޯޑް ހަފުލާ އަށެވެ.
"އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާ އަށް ވުމަކީ ފަހުރެއް. ދެން އަހަރެން މަސައްކަތްކުރާނީ އަންނަ އަހަރު ވެސް މި މަގާމް ހޯދަން،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އަކީ މި އެވޯޑް ހޯދި ޕޯޗުގީސް ފުރަތަމަ ކުޅުންތެރިޔާ އެވެ. އިޓަލީ ނޫން ކުޅުންތެރިންނަކަށް މި އެވޯޑް ހޯދާފައިވަނީ ބްރެޒިލްގެ ރޮނާލްޑޯ އާއި ފްރާންސްގެ ޒައިނުއްދީން ޒިދާނާއި ޑޭވިޑް ޓްރެޒެގޭ އާއި ޗެކް ރިޕަބްލިކުގެ ޕަވެލް ނެޑްވެޑާއި ބްރެޒިލްގެ ކަކާ އާއި ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗާއި އާޖެންޓީނާގެ ޑިއޭގޯ މިލިޓޯ އާއި ކާލޯސް ޓެވޭޒް އަދި މައުރޯ އިކާޑީ އެވެ.
މި އެވޯޑްސްގައި ހޮވި 2019 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޓަލާންޓާ އަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިދިން ޖިއަން ޕިއޭރޯ ގަސްޕެރީނީ އެވެ.