14 ޑިސެމްބަރ 2019 - 10:45
ލިވަޕޫލް (ޑިސެމްބަރު 14) - ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.
ޖަރުމަނަށް އުފަން އުމުރުން 52 އަހަރުގެ ކްލޮޕް އެންމެ ފަހުން ލިވަޕޫލާ އެކު ހެދި އެއްބަސްވުން 2022 ގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އިއްޔެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމާ އެކު 2024 ގެ ނިޔަަލަށް ލިވަޕޫލުގައި އޭނާ މަޑުކުރާނެ އެވެ.
ކްލޮޕް ބުނީ އޭނާ އެންމެ ފުރަތަމަ 2015 ވަނަ އަހަރު ލިވަޕޫލަށް އައިއިރުން ފެށިގެން މިހާތަނަށް ކްލަބްގެ ހުރިހާ ކަމެއް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި ޓީމުގައި އިތުރަށް މަޑުކުރަން ބޭނުންވި ސަބަބަކީ މި ކްލަބް ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން ކަމަށެވެ.
"މި ކްލަބްގައި މަޑުކޮށް މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ޔަގީންކަން އަހަންނަށް އެބައޮތް. މި ކްލަބްގެ ވެރިންނާއި މި ކްލަބްގެ ހުރިހާ ފަރާތެއް މި ތިބީ އެއް މިސްރާބެއްގައި. ކްލަބެއް ކުރިއަށް ގެންދަން ބޭނުންވަނީ މި ފަދަ ޔަގީންކަން. މިހާތަނަށް އަހަރަމެންނަށް ކާމިޔާބީތަކެއް ހޯދިއްޖެ، އަހަރެން މި މަޑުކުރީ އަދި އިތުރަށް ވެސް ހޯދޭނެ ކާމިޔާބީތަކެއް އޮތުމުން،" މި އަހަރުގެ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ލިވަޕޫލަށް ކާމިޔާބުކޮށްދިން ކްލޮޕް ބުންޏެވެ.
ކްލޮޕްގެ ކޯޗުކަމުގައި މިދިޔަ ސީޒަނުން ފެށިގެން ލިވަޕޫލް ޕްރިމިއާ ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މިދިިޔަ ޖެނުއަރީ މަހު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މި ސީޒަނުގައި މިހާތަނަށް 16 މެޗު ކުޅެފައިވާއިރު، ލިވަޕޫލް އެއް ވަނައިގައި އޮތީ ރަނގަޅު ލީޑަކާ އެކު އެވެ.
ލިވަޕޫލުން އިއްޔެ ވަނީ ކްލޮޕްގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާގެ ކޮންޓްރެކްޓް ވެސް އާކޮށްފަ އެވެ. މިލްނާ އެއްބަސްވުން އާ ކުރީ އިތުރު ތިން އަހަރަށެވެ. އެކަމަކު އެޑަމް ލަލާނާ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން ވަނީ ޔަގީންވެފަ އެވެ. މި ސީޒަނަށް ފަހު ލަލާނާގެ އެއްބަސްވުން ހަމަވާއިރު، އޭނާ ވެސް ބޭނުންވަނީ ކުޅުމުގެ ފުރުސަތު އިތުރަށް ހޯދަން އެހެން ޓީމަކަށް ބަދަލުވާށެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ވަނީ ސަލްޒްބާގުގެ ޖަޕާން މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ގެންނަން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ޖެނުއަރީ އެއް ވަނަ ދުވަހު މިނަމީނޯ ލިވަޕޫލަށް ސޮއިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅޭ މެޗުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy