ޔުވެންޓަސްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2019 - 11:21
ޓިއުރިން (ޑިސެމްބަރު 17) - މީޑިއާ އިންނާއި އެ ނޫން ގޮތްގޮތަށް ވެސް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފާޑުކިޔައިގެން އޭނާ ބަލިކަށިނުކޮށްލެވޭނެ ކަމަށް ޔުވެންޓަސްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ ޕަވެލް ނެޑްވެޑް ވިދާޅުވެއްޖެ އެވެ.
މި ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި މައުރީޒިއޯ ސާރީ އާއި ރޮނާލްޑޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކުރި އެވެ. އަދި މެޗެއްގެ ތެރެއިން ރޮނާލްޑޯ ބަދަލުކުރުމުން އޭނާ އެ މެޗު ނުނިމެނީސް ދަނޑުން ނުކުމެގެން ދިޔަ މަސައްލައިގައި ރޮނާލްޑޯ އަށް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔެވެ. އަދި މި ސީޒަނުގައި ޔުވެންޓަސްގައި ރޮނާލްޑޯ އަށް މޮޅު ކުޅުން ނުދެއްކޭކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.
ނެޑްވެޑް ވިދާޅުވީ ރޮނާލްޑޯ އަކީ ޗެމްޕިއަނެއް ކަަމަށާއި ކޮންމެ ކަމެއް ވެސް އޭނާ ކުރަނީ ޗެލެންޖެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"ރޮނާލްޑޯ އަކީ ޗެމްޕިއަނެއް. އޭނާ ކޮންމެ ޓީމެއްގައި ވެސް ކާމިޔާބު ހޯދަނީ އެ ވިސްނުމުގައި. ޔުވެންޓަސްގައި މި ސީޒަނުގައި އޭނާ އަށް ކަންތައްތަކެއް ދިމާވި. މި ވަގުތަށް ބަލާއިރު ރޮނާލްޑޯ އެ ހުރީ އޭނަގެ ފޯމުގައި. ނަތީޖާ އެބަފެނޭ. ރޮނާލްޑޯގެ ބޭނުންޖެހޭއިރު އޭނަ ތަފާތު އެބަދައްކާ،" ނެޑްވެޑް ވިދާޅުވި އެވެ.
ޔުވެންޓަސްގެ ކޯޗު ސާރީ (ކ) އާއި ރޮނާލްޑޯ. -- ފޮޓޯ: އޭއެފްޕީ
ފަހަކަށް އައިސް ސާރީ އަންނަނީ ޔުވެންޓަސްގެ ކުރީގައި ރޮނާލްޑޯއާ އެކު ގޮންޒާލޯ ހިގައިން އާއި ޕައޮލޯ ޑިބާލާ އެއްކޮށް ފުރަތަމަ އެގާރައިގައި ކުޅުވަމުންނެވެ. ރޮނާލްޑޯ ވަނީ އެ ދެ ކުޅުންތެރިންނާ އެކު ކުޅެ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. ރޮނާލްޑޯ ވެސް އެ ބަދަލަށް މަރުހަބާ ކިޔާފައިވާއިރު، ނެޑްވެޑްގެ ނަޒަރުގައި ސާރީ ޓީމު ކަނޑައަޅަނީ ވަރަށް ފުރިހަމަކޮށެވެ.
"މި ފެންނަނީ ވަގުތު ލިބެމުން އަންނަ ވަރަކަށް ސާރީ ޓީމު ދަސްކުރާ މަންޒަރު. ރޮނާލްޑޯ އާއި ސާރީ އެކުގައި މަސައްކަތްކޮށްގެން ޔުވެންޓަސް ބޭނުންވާ މިސްރާބަށް ދެވޭނެ،" ނެޑްވެޑް ވިދާޅުވި އެވެ.
ޔުވެންޓަސްގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ. ބޮޑު ހަރަދުކޮށް ޔުވެންޓަސް އިން ރޮނާލްޑޯ ގެންދިޔައީ ވެސް އެ އަމާޒަށް ވާސިލްވުމަށެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުވެންޓަސް ކުޅޭނީ ލިޔޯނާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 December 2019
ރޯނާލްޑޯއާއި ނުކުޅެވޭނެ ލަޓޯފަޓޯ މީހުންނަށް.އެމީހުން ޖެހޭނީ މަހަށް ދާން.ވ.ވެދުން
ދިޔޯ
17 December 2019
މަހަށްދާށޭ! ކަލޭގެ ނަޒަރުގަ އެއަށަވުރެ ދަށްކަމެއްނެތީތަ.
އައްޔާރު
18 December 2019
ރޮނާލްޑޯއަށް ހެދޭނީ ބިޑި. ރެއާލުން އައިފަހުން ލަނޑުޖެހޭލެއް 90% މަދު. ކުރިން ގޯލްލައިނުމަތިން އތެރެކުރަން ލިބެނީ ރެއާލް ޓީމު މޮޅުކަމުން. ބަލާ މިހާރު ކޮހެއްހަމަ. ކުރިންވެސްމަބުނިން މިހެންނޭވާނީ. މީކުޅެވޭ މީހެއްނޫނޭ