ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
29 ޑިސެމްބަރ 2019 - 10:24
މެންޗެސްޓާ (ޑިސެމްބަރު 29) - ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ގާތްގާތުގައި މެޗުތައް ކުޅޭ ގޮތަށް ރާވާފައި އޮތުމުން ކިތަންމެ ގިނައިން ކޯޗުން ފާޑުކީ ނަމަވެސް ގޮތެއް ނިންމުމުގައި ބަލަނީ ޓީވީތަކަށް ފަސޭހަގޮތެއް ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފާޑުކިޔައިފި އެވެ.
ގިނަ ޒަމާންތަކެއް ވަންދެން އިނގިރޭސި ފުޓްބޯޅައިގައި ސަގާފަތެއްގެ ގޮތުގައި ކުރެވެމުން އަންނަ އެއް ކަމަކީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ މެޗުތަކެއް ކުޅުމެވެ. މީގެ ކުރިން ވެސް ގިނަ ކޯޗުން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ފާާޑުކިޔައިފަ އެވެ. އެކަން ކުރަނީ ކުޅުންތެރިންގެ ހާލަތަށް ނުވިސްނައި ވިޔަފާރި އުސޫލުން ކަމަށް ބުނެ އެވެ. މީގެ ދެތިން އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުން ބޮޑު އަގުގައި ޓީވީ ރައިޓްސް ޑީލް ހެދިފަހުން މެޗުތައް ކުޅޭނެ ވަގުތުތައް ނިންމުމުގައި އެންމެ ބޮޑަށް ބަލަނީ ޓީވީން ދެއްކޭނެ ވަގުތެއްގައި ކުޅުމަށެވެ. އެކަމާ ހިތްހަމަނުޖެހި ގިނަ ކޯޗުން ވަނީ މީގެ ކުރިން ވެސް ފާޑުކިޔައިފަ އެވެ.
ލީގުގައި ވުލްވްސް އަތުން ބަލިވެ ލީގު ތަށި ދިފާއުކުރަން ސިޓީ އަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވިތާ 40 ގަޑިއިރު ފަހުން މިރޭ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. މި ފަދަ ހާލަތެއްގައި ދެ މެޗު ކުޅުމާ ބެހޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ "ވާނެ ގެއްލުން ރަނގަޅަށް ވިސްނާ ކޮންމެ މީހަކަށް" ވެސް އެނގޭނެ ކަމަށެވެ.
"އަހަރެން ކޮންމެ އެއްޗެއް ކިޔަސް އޭގެން ނުކުންނާނެ ނަތީޖާއެއް ނެތް. މޮރީނިއޯ އާއި ކްލޮޕް ވެސް އެ އަންނަނީ މި ވާހަކަ ދައްކަމުން. ކޮންމެ ސީޒަނަކު މި ވާހަކަ މިހާރު ދައްކާ. އެކަމަކު ހަގީގަތަކީ ކޯޗުން ފާޑުކިޔަސް މީގެ ގޮތެއް ނިންމަނީ ޓީވީ އަށް ފަސޭހަވާ ގޮތަކަށް. ޓީވީއާ ގުޅޭ މީހުން،" ހިތްހަމަނުޖެހިފައިހުރެ ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ފުޓްބޯޅަ ޓީމުތަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުރިއެރުން ނުލިބެނީ ކުޅުންތެރިންނަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ އެހެން ކަންތައްތަކަށް ގިނަ ފަހަރު ފޯކަސް ކުރެވޭތީ ކަމަށް މީގެ ކުރިން ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ލީގުގައި ރޭ ކުޅުނު މެޗުން ލެސްޓާ ސިޓީ މޮޅުވެ ވަނީ ދެ ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަަގައިފަ އެވެ. ލެސްޓާ ދެ ވަނައިގައި އޮތީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 19 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ސިޓީ މިރޭ ކުޅޭ މެޗުން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެގެން ލެސްޓާއާ ދެމެދު އޮތް ފަރަގު ކުޑަކުރެވޭނެ އެވެ.
- އާސެނަލް - ޗެލްސީ (19:00 - ރާއްޖެ ގަނޑިން)
- ލިވަޕޫލް - ވުލްވްސް (21:30 - ރާއްޖެ ގަނޑިން)
- މެންޗެސްޓާ ސިޓީ - ޝެފީލްޑް ޔުނައިޓެޑް (23:00 ރާއްޖެ ގަނޑިން)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
29 December 2019
ފުޓްބޯޅަ ތި ކުޅެވެނީ ބަލާ ބަޔަކު ތިބީ މަ..
ކޯޗް
29 December 2019
ގާތްގާތުގަ މެޗްތައް ކުޅުނީމަ ކޮބާ މައްސަލައަކީ؟ އެހެން ޓީމުތަކަށް އެކަން މައްސަލައަކަށްނުވެ ގާޑިއާލާގެ ޓީމަށް ބޮޑުމައްސަލައަކަށްވަނީ ހަމަ ނުކުޅެދޭތީތާއެވެ.
މޮރީނިއޯ
29 December 2019
އެހެން ކޯޗުންވެސް ފާޑުކިޔަމުން ދަނީ. ގާޑިއޯލާ އެކަންޔެއް ނޫން.
ނާކިސް
29 December 2019
ތިއޮތީ ގޮތް ހުސް ވެފަ ޗޯޗްގެ މޮޅުކަން ކޮބާ