17 ޖެނުއަރީ 2020 - 10:06
ސައޮ ޕައޮލޯ، ބްރެޒިލް (ޖެނުއަރީ 17) - ބްރެޒިލްގެ ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ އާސެނަލްގެ ފޯވާޑް ގަބްރިއެލް މާޓިނެލީ އަށް އިޓަލީ ގައުމީ ޓީމަށް ކުޅުމުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 18 އަހަރުގެ މާޓިނެލީ އަންނަނީ މި ސީޒަނުގައި އާސެނަލަށް ބަދަލުވުމަށް ފަހު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފަށައި އިޓުއާނޯ އަށް ކުޅުނު މާޓިނެލީ ވަނީ މި ސީޒަނުގައި އާސެނަލާ ގުޅުމަށް ފަހު ކުޅުނު 19 މެޗުން އަށް ގޯލު ޖަހައިފަ އެވެ. އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީ ވަނީ މާޓިނެލީ އަކީ ކުރިމަގުގައި ވިދާލާނެ ކުޅުންތެރިޔެއް ކަމަށް ބުނެފަ އެވެ. އެމެރީ ވަކިކޮށް އާސެނަލުން ގެނައި ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ މާޓިނެލީ އަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.
މާޓިނެލީ ވަނީ ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. އެއީ ސްޕެއިނުގައި ކުރިއަށް ދިޔަ ފުޓްބޯޅަ ފެސްޓިވަލެއްގަ އެވެ. ބްރެޒިލްގެ ސީނިއާ ޓީމުގެ ކޯޗު ޓީޓޭ ވަނީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގެ ކުރިން ބްރެޒިލްގެ ޕްރިލިމިނަރީ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު މާޓިނެލީ އަށް ދީފަ އެވެ.
"އަހަންނަކީ ބްރެޒިލަށް އުފަން މީހެއް. އަހަރެންގެ ހުވަފެނެއް އެއީ ބްރެޒިލް ޓީމަށް ކުޅުން. އެކަމަކު އަހަންނަށް އިޓަލީ ޓީމަށް ވެސް ކުޅެވޭނެ. ޔަގީނުން ވެސް އަހަންނަށް އަދި ބްރެޒިލްގެ ހުށަހެޅުމެއް ނުލިބޭ. އިޓަލީއާ ވެސް ވާހަކަތަކެއް ދެކެވޭ،" ބްރެޒިލްގެ މީޑިއާ އަކަށް މާޓިނެލީ ބުންޏެވެ.
ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އާއިލީ ގޮތުން މާޓިނެލީއާ އިޓަލީއާ ގުޅުން ބޮޑެވެ. އަދި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ މާޓިނެލީ ކުޅުުނު ބައެއް މެޗުތައް ބަލައިފަ އެވެ. އަދި މަންޗިނީގެ އެދުމަށް އިޓަލީން އަންނަނީ މާޓިނެލީއާ ވާހަކަ ދައްކަމުންނެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީން ޓީމު އަލުން ހަމައަަކަށް އެޅުވުމުގެ މަސައްކަތް ފަށައި މަންޗިނީއާ ގައުމީ ޓީމު ހަވާލުކުރި ފަހުން އެ ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. މި އަހަރުގެ ޔޫރޯ އިން އެންމެ ފުރަތަމަ ޖާގަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. މި އަހަރުގެ މުބާރާތަށް އިޓަލީން ދާނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. މަންޗިނީ އަންނަނީ އިޓަލީ ޓީމުން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy