ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު މެގުއާ.-- ފޮޓޯ: އޭއެފްޕީ
23 ޖެނުއަރީ 2020 - 08:56
ޒިއުރިކް (ޖެނުއަރީ 23) - ފުޓްބޯޅަ ކްލަބްތަކުން މިދިޔަ އަހަރު ކުޅުންތެރިންގެ ޓްރާންސްފާ އަށް ހަތް ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފީފާ އިން އިއްޔެ އާންމުކުރި ރިޕޯޓުގައިވާ ގޮތުން ފުޓްބޯޅަ ކްލަބްތަކުން ފިރިހެން ކުޅުންތެރިންގެ ޓްރާންސްފާ އަށް މިދިޔަ އަހަރު ވަނީ 7.35 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރަށް ވުރެ 5.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޓްރާންސްފާގެ ހަރަދަށް ބަލާއިރު ރެކޯޑެއް ވެސް މެ އެވެ.
އަންހެން ފުޓްބޯޅައިގައި ވެސް މި އަހަރު ވަނީ ކުރިން އަހަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެގޮތުން 16.3 ޕަސެންޓްގެ ކުރިއެރުމެއް ފާހަގަކުރެވިފައިވާއިރު، ޓްރާންސްފާ އަށް ކުރި ހޭދަ ވަނީ 560،000 ޑޮލަރުން 652،000 ޑޮލަރަށް އަރައިފަ އެވެ.
އިނގިރޭސި ކްލަބްތަކުން ވަނީ ޓްރާންސްފާ އަށް 1.5 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރަށް ވުރެ 22 ޕަސެންޓް ދަށް އަދަދެކެވެ. ޓްރާންސްފާތަކުގެ 80 އިންސައްތަ ހިއްސާކުރަނީ 100 ކްލަބަކުންނެވެ.
މިދިޔަ އަހަރު ޓްރާންސްފާ މާކެޓްގައި މުގުރާލި އަނެއް ރެކޯޑަކީ އެއް ގައުމުން އަނެއް ގައުމުގެ ކްލަބްތަކަށް ބަދަލުވި ޓްރާންސްފާގެ އަދަދު އެހެން ހުރިހާ ފަހަރުތަކަށް ވުރެ އިތުރުވުމެވެ. އެ ގޮތުން މިދިޔަ އަހަރު ވަނީ 18،042 އިންޓަނޭޝަނަލް ޓްރާންސްފާ ހިނގައިފަ އެވެ. އެއީ 178 ގައުމުގެ މެދުގައި ހިނގާފައިވާ ޖުމްލަ ޓްރާންސްފާ އެވެ.
ފީފާގެ ޗީފް ލީގަލް އެން ކޮމްޕްލަޔަންސް އޮފިސަރު އެމިލިއާނޯ ގާސިއާ ވިދާޅުވީ ފުޓްބޯޅަ އަށް ކުރާ ހަަރަދުތައް އިތުރުވުމަކީ އޭގެ ސަބަބުން މި ކުޅިވަރަށް އެކި ގޮތްގޮތުން ފައިދާކުރާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ފުޓްބޯޅަ އެހެން މިސްރާބަކަށް ގެންދިއުމަށް ކުރަން ޖެހޭ ކަންތައްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy