ބާސެލޯނާ އަކީ މެސީގެ ފަހު ކްލަބަށް ނުވެދާނެ: މަޝެރާނޯ

ސެން ހުއާން، އާޖެންޓީނާ (ޖެނުއަރީ 23) - ބާސެލޯނާ އަކީ ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއަރުގައި ކުޅޭނެ ފަހު ކްލަބަށް ނުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ ބުނެފި އެވެ.


ބާސެލޯނާ އިން މިހާރު ވެސް އަންނަނީ މެސީ އަށް އުމުރު ދުވަހުގެ ކޮންޓްރެކްޓެއް ދޭން މަޝްވަރާކުރަމުންނެވެ. މެސީ އެންމެ ފަހުން ބާސެލޯނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވާނީ 2021 ގަ އެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް މި ސީޒަން ނިމުމުން އެހެން ކްލަބަކަށް ބަދަލުމުގެ ފުރުސަތު ލިބެ އެވެ.

މިހާރު އާޖެންޓީނާގެ އެސްޓޫޑިއާންޓޭސް ޑި ލާ ޕްލާޓާ އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ މަޝެރާނޯ ވަނީ މެސީއާ އެކު ބާސެލޯނާ އަށް 2010 އިން 2018 އަށް ކުޅެފަ އެވެ. މަޝެރާނޯ ބުނީ ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާގޮތުން މެސީ ވެސް އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ. މިސާލަކަށް މެސީގެ ކުރިމަގާ މެދު ވެސް ކަންތައްތައް ބަދަލުވެދާނެ އޭނާ އަމިއްލަ ގައުމު (އާޖެންޓީނާ)ގައި ކުޅެން ބޭނުންވެއްޖިއްޔާ. އެ ވިސްނުމަށް ބަލާއިރު ބާސެލޯނާ އަކީ މެސީ ކުޅޭނެ ފަހު ކްލަބަށް ނުވެދާނެ،" މަޝެރާނޯ ބުންޏެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ މެޗެެއްގެ ތެރެއިން މެސީ (ކ) އާއި މަޝެރާނޯ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އާޖެންޓީނާގެ ނެވްލްސް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މެސީ 1994-2000 އަށް ކުޅުނު ޔޫތު ލެވެލްގައި ކުޅުނު އެ ޓީމަކީ މެސީ އަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ތަމްރީންދިން އެކަޑަމީ ވެސް މެ އެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ކަމަކީ ގައުމީ ޓީމުގައި ބޮޑު ކާމިޔާބެއް ނުހޯދުމެވެ. އެކަމާ ހުރެ އާޖެންޓީނާގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވާތީ މެސީ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޝެރާނޯ ގަބޫލުކުރާގޮތުގައި މެސީ އާޖެންޓީނާގައި ކުޅެން އަތުވެއްޖެނަމަ މިއީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.

"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މެސީ އާޖެންޓީނާގެ ކްލަބަކަށް އަތުވެއްޖެނަމަ މީހުންގެ މެދުގައި އާޖެންޓީނާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރާނެ. މިއީ މެސީ އަށް ވެސް ލިބޭނެ ހިތްހަމަޖެހުމަކަށްވާނެ. އެއީ އޭނާ ތަމްސީލުކުރާ ގައުމަކީ ވެސް މިއީ،" މަޝެރާނޯ ބުންޏެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ ކުރިއަށްގެންދާނީ އާޖެންޓީނާ އަދި ކޮލަމްބިއާގަ އެވެ. މުބާރާތުގެ އިޝްތިހާރުގެ ކަންތައްތަކަށް އާޖެންޓީނާ އިން މެސީގެ ފޮޓޯ ޖެހުމުގެ ހުއްދަ އޭނާގެ އިމޭޖް ރައިޓްސް ކުންފުނިން ވަނީ ދީފަ އެވެ.