މަޝްހޫރު ޓެނިސް ކުޅުންތެރިއާ މަރޭ.-- ފޮޓޯ: އޭއެފްޕީ
05 އޮކްޓޯބަރ 2016 - 11:01
ބެއިޖިން، ޗައިނާ (އޮކްޓޫބަރު 5) - ކެރިއަރު ނިންމާލުމުގެ ކުރިން ޓެނިހުގެ ފިރިހެން ރޭންކިންގެ އެއް ވަނަ އެރުމަކީ ޓާގެޓެއް ކަމަށް އިނގިރޭސި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.
މިއީ މަރޭގެ ޓެނިސް ކެރިއަރުގައި އެންމެ ކާމިޔާބު އަހަރެވެ. މަރޭ ވަނީ މި ފަހަރު ވިމްބްލެޑަން ޓެނިސް މުބާރާތާއި އޮލިމްޕިކްގެ ފިރިހެން ޓެނިސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޮސްޓްރޭލިއަން އޯޕަންގެ ފައިނަލާއި ފްރެންޗް އޯޕަންގެ ފައިނަލުގައި ވާދަކުރި އެވެ. ދެ ފައިނަލުން ވެސް މަރޭ ބަލިވީ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުންނެވެ.
މިހާރު ކުރިއަށްދާ ޗައިނާ އޯޕަންގައި އަނިޔާގެ ސަބަބުން ޖޮކޮވިޗް ނުކުޅެ އެވެ. އެހެންވެ ޗައިނާ އޯޕަންގެ ފޭވަރިޓަކަށް ވެފައިވަނީ މަރޭ އެވެ.
ދުނިޔޭގެ ދެ ވަނައިގައި އޮތް މަރޭ ވަނީ އިއްޔެ ޗައިނާ އޯޕަން ފުރަތަމަ މެޗުގައި އިޓަލީގެ އަންޑްރެއަސް ސިޕީ އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. މެޗަށް ފަހު މަރޭ ބުނީ މި އަހަރު ނިންމާލަން ބޭނުމީ އިތުރު ތަށްޓަކާ އެކު ކަމަށެވެ.
"އަދި އެބައޮތް މުބާރާތްތަކެއް. ވަރަށް ރަނގަޅަށް މި މުބާރާތް ވެސް މި ފެށުނީ. އުއްމީދަކީ އަހަރު ނިމުމުގެ ކުރިން އިތުރު އެއް މުބާރާތް ކާމިޔާބުކުރުން،" މަރޭ ބުންޏެވެ.
މަރޭ ބުނީ އަނިޔާގެ ސަބަބުން މި އަހަރު ޖޮކޮވިޗްގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަަށާއި އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ރޭންކިންގެ އެއް ވަަނަ އަށް އެރުމުގެ ފުރުސަތު އޭނާ އަށް އޮތް ކަމަށް ގަބޫލުކުރާ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy