ވައިރަހުގެ ސަބަބުން އާނައުޓޮވިޗް ޗައިނާގައި ތާށިވެފައި

ޝަންހާއީ (ޖެނުއަރީ 31) - ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާ އިން އެކި ގައުމުތަކަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ އެސްއައިޕީޖީ އަށް ކުޅޭ އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައުޓޮވިޗަށް މި ފަހަރުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.


ރިޕޯޓްތައް ބުނާގޮތުން ކޮރޯނާވައިރަސްގެ ސަބަބުން ޗައިނީސް ސުޕަ ލީގުގައި ކުޅޭ އެކި ގައުމުތަކަށް ނިސްބަތްވާ ގިނަ ކްލަބްތަކުގެ ކުޅުންތެރިން ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. އަދި ޗައިނާގެ ފުޓްބޯޅަ މުބާރާތްތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑް ދޫކޮށް މިދިޔަ ޖުލައި މަހު އާނައުޓޮވިޗް، ޝަންހާއީ އަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު އެ ޓީމާ އެކު އެންމެ ބޭނުންވި މިސްރާބަށް ނުދެވޭތީ އޭނާ ހުރީ މި މަހުގެ ޓްރާންސްފާ މާކެޓްގައި އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ދާށެވެ.

ކުރިން އިންޓަ މިލާނާއި ވާޑާ ބްރެމެން އަށް ވެސް ކުޅުނު އާނައުޓޮވިޗް ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސްޓް ހޭމްގެ އިތުރުން ކްރިސްޓަލް ޕެލަސް ވެސް އޮތީ ތައްޔާރަށެވެ. އަލުން އިންގްލެންޑަށް ދާން އާނައުޓޮވިޗް ވެސް ބޭނުންވެ އެވެ. އެކަމަކު ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ޓްރާންސްފާ މާކެޓް ބަންދުވާއިރު، އާނައުޓޮވިޗަށް އޮތް ހުރަހަކީ އެ ޑީލް ކުރިއަށް ގެންދަން އިންގްލެންޑަށް ދެވެން ނެތުމެވެ.

އުމުުރުން 30 އަހަރުގެ އާނައުޓޮވިޗް އަންނަނީ އިންގްލެންޑަށް ދެވޭނެ ގޮތެއްވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން އާނައުޓޮވިޗް ގެނެވޭނެ ކަމުގެ އުއްމީދު ކުޑަވެ ވެސްޓް ހޭމް އިން މިހާރު ވަނީ ހަލް ސިޓީ އަށް ކުޅެމުން އަންނަ ޖެރަޑް ބޯވެން ގެންނަން މަސައްކަތް ފަށައިފަ އެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ ޕީއެސްވީ އަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ސްޓީވެން ބާގްވެއިންގެ ސޮއި ހޯދައިފަ އެވެ. އާސެނަލުން ފްލަމެންގޯގެ ޑިފެންޑަރު ޕަބްލޯ މާރީ ގެނައިއިރު، ޓޮޓެންހަމްގެ ޑެނީ ރޯސް ވަނީ ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެފަ އެވެ.