01 ފެބުރުއަރީ 2020 - 09:48
ލިވަޕޫލް (ފެބްރުއަރީ 1) – ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ބިޒީ ވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލުން ޖެނުއަރީ ފެށުމުގެ ކުރިން ސަލްޒްބާގުގެ ޖަޕާން ފޯވާޑް ޓަކުމީ މިނަމީނޯ ގެނަ އެވެ. އެކަމަކު ޖެނުއަރީގައި އިތުރު ކުޅުންތެރިޔަކު ނުގެނަ އެވެ. އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ އެއް ވަނައިގައި 19 ޕޮއިންޓުގެ ލީޑަކަށް ވުމާ އެކު ސަޕޯޓަރުން ވެސް މާބޮޑު ޝަކުވާއެއް ނުކުރެ އެވެ.
"ސީޒަން ރަނގަޅުވާ ވަރަކަށް، ސްކޮޑް ރަނގަޅުވާ ވަރަކަށް، ކުރަން ޖެހޭ މަސައްކަތް މަދުވާނެ، އަދި ތިބި ކުޅުންތެރިންނާ މެދު ހިތްހަމަޖެހޭ ވަރު ބޮޑުވާނެ،" ކްލޮޕް ބުންޏެވެ. "އަބަދުވެސް ހޫނު މޫސުމުގެ ޓްރާންސްފާގެ ޕްލޭނަކީ، ފިނި މޫސުމުގައި ބިޒީ ނުވުން."
އެކަމަކު ކްލޮޕް ބުނީ ކުޅުންތެރިޔަކަށް އަނިޔާވެއްޖެ ނަމަ އެ ވިސްނުން ބަދަލުވެދާނެ ކަމަށާއި ލިވަޕޫލުން އަނިޔާވިި ގިނަ ކުޅުންތެރިން އެނބުރި އައިސްފައިވާ ކަމަށެވެ.
ލިވަޕޫލުން މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލީޑު 22 ޕޮއިންޓަށް ފުޅާކުރެވޭނެ އެވެ. މިދިޔަ 11 މެޗުން ހަތް މޮޅުވި ހޯދި ސައުތުހެމްޓަން ރަނގަޅު ފޯމެއްގައި އޮތް އެންމެ ބޮޑު ސަބަބަކީ ލިވަޕޫލުގެ ކުރީގެ ފޯވާޑް ޑެނީ އިންގްސް އެވެ. ކްލޮޕް ބުނީ 2018 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލި ފޯވާޑް 24 މެޗުން 14 ގޯލް ޖަހައި ރަނގަޅު ފޯމެއްގައި ކުޅުމުން ހިތްހަމަޖެހޭ ކަމަށެވެ.
"ޑެނީ އަހަރެމެންނާ އެެކު މިވަގުތު ނެތަސް އޭނާ އަކީ އަދިވެސް އަހަރެމެންގެ ކުޅުންތެރިޔެއް،" ކްލޮޕް ބުންޏެވެ. "އޭނާ ޖަހާ ގޯލްތައް އަހަރެމެން އުފާފާޅުކުރަން. އެކަމަކު މާދަން (މިއަދު) އެކަން ތަފާތު ވާނެ."
ބާކީ އޮތީ 14 މެޗު ކަމަށްވުމުން، މިވަގުތު އޮތީ ބޮޑު ލީޑު ގެއްލި ލީގު ކާމިޔާބުނުކުރެވިދާނެ ކަމާ މެދު ލިވަޕޫލަށް ޝައްކުކަމެއް ނެތެވެ. އެކަމަކު ބަލިނުވެ ލީގު ކާމިޔާބުކުރުމުގެ ޕްރެޝަރު ލިވަޕޫލަށް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy